ގާނޫނަށް ގެނައި ބަދަލަކީ ޕާޓީއެއް އުވައިލުމުން އެ ޕާޓީގެ ނަމާއި ނިޝާނާއި ކުލައާއި ސިއްކަ ފަދަ ޕާޓީގެ ރަމްޒުތައް އެ ޕާޓީއެއް އުވާލާ މުއްދަތުން ފެށިގެން ފަސް އަހަރުގެ މުހުލަތަކަށް ބޭނުންނުކުރެވޭ ގޮތަށް ހެދުމެވެ.
ސިޔާސީ ޕާޓީއެއް އުވައިލުމުން އެ ޕާޓީގެ ކުލައާއި ނަން އިތުރު ބަޔަކަށް ފަސް އަހަރުގެ މުއްދަތަކަށް ބޭނުންނުކުރެވޭ ގޮތަށް ގާނޫނަށް މާއްދާއެއް އިތުރުކޮށް ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ގާނޫނަށް ގެނައި ބަދަލަކީ ޕާޓީއެއް އުވައިލުމުން އެ ޕާޓީގެ ނަމާއި ނިޝާނާއި ކުލައާއި ސިއްކަ ފަދަ ޕާޓީގެ ރަމްޒުތައް އެ ޕާޓީއެއް އުވާލާ މުއްދަތުން ފެށިގެން ފަސް އަހަރުގެ މުހުލަތަކަށް ބޭނުންނުކުރެވޭ ގޮތަށް ހެދުމެވެ. އަދި ފަސް އަހަރުން އެއްފަހަރު ގައުމީ ބައްދަލުވުމެއް ނުބޭއްވި ނަމަވެސް ޕާޓީ އުވައިނުލެވޭ ގޮތަށް ގާނޫނު ބަދަލުކުރުމަށެވެ.
ޕާޓީއެއްގެ މެންބަރަކު ގާނޫނަކާ ހިލާފު ކަމެއް ކޮށްފިނަމަ އެ މީހަކު ޖޫރިމަނާކުރުމުގެ އިތުރަށް އެމީހަކު ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ވެސް ގާނޫނު ވަނީ އިސްލާހު ކޮށްފަ އެވެ. އިތުރަށް އެ ބިލުގައި އޮތީ ޕާޓީއެއްގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އަމިއްލަ ގޮތުން އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް 2016 ވަނަ އަހަރު ގާނޫނަށް އިތުރުކުރި މާއްދާ އުނިކޮށްފަ އެވެ.
ސަރުކާރު ހިންގާ ކޯލިޝަނުގެ އެންމެ ބޮޑު ޕާޓީގެ ގޮތުގައި ކުރިން އޮތް ޕްރޮގްރެސިވް ޕާޓީ އޮފް ދި މޯލްޑިވްސް (ޕީޕީއެމް) އުވައިލުމަށް މަސައްކަތްކުރަމުންދާ ކަމުގެ އަޑުތައް ފެންމަތިވެފައިވެ އެވެ. އެ ވާހަކަތައް އެ ޕާޓީން ދޮގުކުރި ނަމަވެސް އެކަމަށް ބާރުދޭ ބައެއް ބަދަލުތައް އެ ޕާޓީގެ އަސާސީ ގަވާއިދު ބަދަލުކުރަންވަނީ ނިންމާފަ އެވެ.
އެގޮތުން ޕާޓީ އުވައިލުމަށް ޕާޓީގެ ސެނެޓުގެ އަޣުލަބިއްޔަތުން ނިންމޭ ގޮތަށް ބަދަލުކޮށް، ޕާޓީގެ ލީޑާޝިޕަށް ޕާޓީ އުވައިލަން ފެނިއްޖެނަމަ އުވައިލަން ހުށަހެޅޭ ގޮތަށް ބަދަލުކުރަން މަޝްވަރާކުރަމުންދާ ކަމަށް އެ ޕާޓީގެ ސެނެޓުގެ ބައެއް މެންބަރުން މީޑިޔާތަކަށް މައުލޫމާތު ދެއްވާފައިވެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީކަމަށްވާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބެވި ގިނަ އަދަދެއްގެ އާންމު މެންބަރުން ގެންދަނީ އެ ޕާޓީ ދޫކޮށް ޕީއެންސީއަށް ހިޖުރަކުރަމުންނެވެ.