ދާލަން ކެރިއާ އެކްސްޕޯ 2024 ގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސްޓޯލަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ، އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން އިންތިޒާމް ކޮށްގެން މި އެކްސްޕޯ ބޭއްވީ ނޮވެންބަރު 15 އިން 16 އަށެވެ.
ހުޅުމާލެ، ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި އެކްސްޕޯގައި އެމްއޭސީއެލްގެ ސްޓޯލަށް ޖުމްލަ 3،377 މީހުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އަދި އޭގެ ތެރެއިން 600 މީހުން ވަޒީފާއަށް އެދި ފޯމު ފުރިހަމަ ކޮށްފައިވެ އެވެ. 103 މީހަކު ވަނީ އިންޓާންޝިޕް ފުރުސަތުގައި ބައިވެރިވުމަށް އެދި ފޯމު ފުރިހަމަ ކޮށްފަ އެވެ.
މިއެކްސްޕޯގައި އެމްއޭސީއެލްގެ 20 ޑިޕާޓްމަންޓަކުން ބައިވެރިވެ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންސް ކުރިއަށްދާ ގޮތާއި، ކުރެވޭ މުހިއްމު މަސައްކަތްތައް ދައްކާލާފައި ވެއެވެ.
މިގޮތުން އެމްއޭސީއެލްގެ ވަޒީފާއަށް ކުރިމަތިލި މީހުންގެ ތެރެއިން ހަތަރު މީހަކަށް ފެއާގެ ތެރެއިން ވަނީ ވަޒީފާގެ ލިޔުން ހަވާލުކޮށްފަ އެވެ. އެ މީހުންނަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ލަތީފް އެވެ.
އެމްއޭސީއެލް އިން ބުނީ ބާކީ ހުރި އެޕްލިކޭޝަންތައް ވެސް ޕްރޮސެސް ކުރުމަށްފަހު އިތުރު މީހުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ވެގެން ދާނެއެވެ. މީގެ އިތުރުން ސްޓޯލަށް ޒިޔާރަތްކޮށް ރެޖިސްޓާ ކުރި މީހުންގެ މެދުގައި ނެގި ގުރުއަތުން ހޮވުނު ފަސް މީހަކަށް ލެޕްޓޮޕް އަދި 10 މީހަކަށް އެހެނިހެން ހަދިޔާތައް ދީފައި ވެއެވެ.
ދާލަން ކެރިއާ އެކްސްޕޯގެ މައިގަނޑު މަގްސަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުގެ ގުޅުވައި ދިނުމެވެ. މި އެކްސްޕޯގައި އެމްއޭސީއެލްގެ ބައިވެރިވެފައިވަނީ ރާއްޖޭގެ އިގްތިސާދާއި، ކުރިއަރަމުން އަންނަ އޭވިއޭޝަން ދާއިރާގައި ޒުވާނުންނަށް ހުޅުވިފައިވާ ވަޒީފާގެ ފުރުސަތުތައް ދައްކުވައިދިނުމުގެ މަގުސަދުގައެވެ.