ރައީސް އިއުލާނުކުރައްވާފައިވާ އިގުތިސާދީ އެޖެންޑާ ކާމިޔާބުވެގެންދާއިރު ގެދޮރުވެރިކަމުގެ ދަތިކަމާއި މަސްތުވާތަކެތީގެ މައްސަލައާއި އެނޫންވެސް ގިނަގުނަ އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރެވޭނެ ކަމުގައި ގިނަ ރައްޔިތުން ގަބޫލުކުރެ އެވެ.
މިއަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވައިކުރެއްވި ދުވަހަށް އަހަރު ދުވަސް ފުރުނު ދުވަހެވެ. މި އެއް އަހަރަކީ ރައީސަށް އަދި އެމަނިކުފާނުގެ ޓީމަށްވެސް ފަސޭހަ އަހަރަކަށްނުވާނެ އެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ މާލީ ހާލަތު އޮތީ ނާޒުކު ފައްތަރަކަށް ވެއްޓިފަ އެވެ.
މާލީ ހާލަތުގެ މައްޗަށް ތަފުސީލުކޮށް ބަލައިލާއިރު ފާހަގަކުރެވެނީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮތްކަމެވެ. އެގޮތުން ދައުލަތުގެ ދަރަނި ގައުމީ އުފެއްދުންތެރިކަމަށްވުރެ 124 އިންސައްތަ މައްޗަށް ގޮސްފައި އޮތްއިރު، ދައުލަތުން އާންމު ވިޔަފާރިތަކަށް ދައްކަންޖެހި ނުދައްކައި ހުރި ބިލުތައް 9 ބިލިއަން ރުފިޔާއަށް އަރަ އެވެ. ދައުލަތުގެ ހަރަދުތައް އަހަރުން އަހަރަށް އިތުރުވަމުންދިޔައީ އެ ހަރަދުތައް ފޫބެއްދުމަށް ބޭރުންނާއި އެތެރެއިން ފައިސާ ހޯދޭނެ މިންވަރަކަށް ނޫނެވެ.
މި ގޮންޖެހުންތައް ހުރިއިރު ދައުލަތުން ބޭރު ފައިސާއިން ކުރަންޖެހޭ ހޭދަވެސް ވަރަށް ބޮޑުތަން އިތުރުވެފައިވެ އެވެ. ލޯނުތައް ދައްކަން ކުރާ ހަރަދު އެތައް ގުނައެއް އޮތީ އިތުރުވެފަ އެވެ. އަންނަ އަހަރު އެކަނިވެސް 500 މިލިއަން ޑޮލަރު ލޯނު ދެއްކުމަށް ހަރަދުވާނެ އެވެ. ޖެހިގެން އަންނަ 2026 ގައި އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ އެވެ.
މާލީ ގޮތުން ދަތިތައް ގިނަ ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރުގެ އަމާޒު ހިފީ މި ގޮންޖެހުންތަކުން އަރައިގަނެ، ގައުމާއިގެން ކުރިއަށްދެވޭނެ މަގުތަކެއް ހޯދުމަށެވެ. މި އަހަރު ދުވަސް ނިމުނުއިރު އެއިން ގިނަ މަސައްކަތްތައް ހުރީ ފެށިފަ އެވެ. އަނެއްބައި ކަންކަން ހުރީ ތަންފީޒުކުރެވޭ މަރުހަލާއަށް ގެނެވި އަންނަ އަހަރު ފަށައިގަންނަން ތައްޔާރުވެފަ އެވެ.
ރާއްޖޭގެ އިގުތިސާދުގެ އެންމެ ހުތޫރަތްތެރި ސިފައަކީ އެންމެ ސިނާއަތަކަށް އިންތިހާއަށް ބަރޯސާވެފައި އޮތުމެވެ. ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ބޮޑު ބައެއް ލިބެނީ ޓޫރިޒަމުންނެވެ. ގައުމީ އުފެއްދުންތެރިކަމުގެ 25 ވަރަކަށް އިންސައްތަ ހިއްސާކުރަނީ ޓޫރިޒަމެވެ. މި ހުރިހާ ކަމެއް މިހެން އޮތުމާއެކު ޓޫރިޒަމަކީ ދުނިޔޭގެ މަސްރަހަށް އަންނަ ލޮޅުންތަކުން ވަރަށް ބޮޑަށް އަސަރުކުރާ ސިނާއަތެކެވެ. ކޮވިޑުގައި ބޯޑަރުތައް ބަންދުކޮށް ޓޫރިޒަމް ހުއްޓުމަކަށް ގެންނަންޖެހުމުން މިދެންނެވި ހަގީގަތް ވަރަށް ބޮޑަށް ފެނުނެވެ.
މިއީ އިހުއްސުރެ މާލީ އިދާރާތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން އެކަމަކާމެދު އިންޒާރު ކުރަމުން އައި ކަމެކެވެ. ބޭރުގެ ލޮޅުންތަކުން އިގުތިސާދަށް އަސަރުކުރާ މިންވަރު ކުޑަކުރުމަށް ދިވެހި އިގުތިސާދު ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކުރަންޖެހޭ ވާހަކަ އެވެ. އެކަން ކުރީ ސަރުކާރުތަކަށްވެސް އެނގެ އެވެ. ކޮންމެވެސް މިންވަރަކަށް އެކަމަށް މަސައްކަތްތަކެއް ކުރެވުނެވެ. ނަމަވެސް އާރުލާ ކަމެއް ފެށިފައި ނެތެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު ނިމުނުއިރު ހާލަތު ބަދަލުކުރައްވައިފި އެވެ. އެގޮތުން އުތުރުގައި ބަންކަރިން ހިދުމަތް ފައްޓަވައިފި އެވެ. މާލީ ހިދުމަތްތައް ދޭނެ މަރުކަޒެއް ގާއިމުކުރައްވައިފި އެވެ. ތަރައްގީގެ މަޝްރޫއުތަކަށް ފަންޑުކުރުމަށް ޑިވެލޮޕްމެންޓު ބޭންކަށް ވުޖޫދަށް ގެންނަވައިފި އެވެ. މިއިން ކޮންމެ ކަމަކީ އިގުތިސާދުގެ ވިލުންތެރިކަން އިތުރުކުރާނެ ކަންކަމެވެ. މިއިން ކޮންމެ ކަމަކީ ތަރައްގީކުރެވިއްޖެނަމަ، އެކަމުން އިގުތިސާދު ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެ ކަންކަމެވެ.
ދިވެހިންގެ އަބަދުގެ ޝަކުވާއަކަށްވެފައި އޮންނަނީ ދިވެހިރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން ޑޮލަރު ނުލިބޭކަމުގެ ޝަކުވާ އެވެ. ބޭންކުތަކުން ޑޮލަރު ނުލިބިގެން ބޮޑު އަގުގައި ކަޅު ބާޒާރުން ޑޮލަރު ގަންނަންޖެހޭ ވާހަކަ އެވެ. މި މައްސަލަ ހައްލުކުރުމަށް ނިޒާމީ ސިފައެއްގައި ފިޔަވަޅުތަކެއް މީގެ ކުރިން އޮތީ ނޭޅި އެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރެންދާއިރު އެ މައްސަލަ ހައްލުކުރެއްވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައިފި އެވެ. ޓެކުސް ނިޒާމަށް ގެންނެވި ބަދަލުތަކާއެކު ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކާއި ފަރުދުންގެ އަތުން ވިޔަފާރީގެ އާމްދަނީގެ ޓެކުހާއި ފަރުދުންގެ އާމްދަނީގެ ޓެކްސްވެސް ބޭރު ފައިސާއިން ނަގަންވަނީ ފެށިފަ އެވެ.
އޭގެ އިތުރަށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީ ދިވެހި ބޭންކުތަކަށް ވެއްދުމާއި އެ އާމްދަނީގެ ތެރެއިން މިންވަރެއް ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް އެމްއެމްއޭއިންވަނީ ނިޒާމު ބަދަލުކޮށްފަ އެވެ. މިއީ ބާރުގަދަ އެތައް ބަޔަކު ނުރުހޭނެ ބަދަލުތަކެއް ނަމަވެސް ދެމެހެއްޓެނެވި ގޮތެއްގައި ދައުލަތުގެ މާލިއްޔަތު ދަމަހައްޓައި އިގުތިސާދު ކުރިއަށްގެންދާނަމަ މިއީ ކުރަންޖެހިފައި ހުރި ކަންކަމެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި މި ބާވަތުގެ ގަވާއިދުތައް ތަންފީޒުކުރަމުންދޭވެސްމެ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު އެއް ދާއިރާއަކަށް އެންމެ ހީނަރުވެފައި އޮތް ދާއިރާއަކަށްވާނީ ސިއްހީ ދާއިރާ އެވެ. ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލުކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކުރަންޖެހޭ ހިދުމަަތްތައް ހުރީ ގާއިމުނުކުރެވި އެވެ. އައިޖީއެމްއެޗްއަށް އޮތް ޑިމާންޑާ އެއްވަރަށް އެ ހޮސްޕިޓަލުގެ ހިދުމަތްތައް ތަރައްގީނުކުރެވެ އެވެ.
ފާއިތުވި އަހަރު ދުވަހު ކުރެވުނު މަސައްކަތުން ދަރުމަވަންތަ ހޮސްޕިޓަލުގައި އެތައް މަރާމާތެއް ނިންމައި ހޮސްޕިޓާ ރަސްމީކޮށް ހުޅުވިއްޖެ އެވެ. އައިޖީއެމްއެޗްގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ވަރަށް ހަލުއިކޮށް ފެށިގެން ގޮސް ގިނަ މަސައްކަތްތަކެއް ނިންމުމާ ގާތަށް ގެނެވިއްޖެ އެވެ.
ސިއްހީ ދާއިރާއަށް ޒަމާނުއްސުރެ އޮތް އެންމެ ބޮޑު ޝަކުވާއަކީ ކުއްލި ހާލަތުގައި ބަލިމީހުން އެއްރަށުން އަނެއް ރަށަށް އުފުލުގައި ހުރި ދަތިތަކެވެ. އެ މައްސަލަތައް ހައްލުކުރެއްވުމަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރެއްވި އެވެ. މިއާއެކު ބަލިމީހުން ފަރުވާ ލިބޭނެ ހިސާބަކަށް ގެންދިއުމުގައި އާއިލާތަކުން އުފުލަމުން އައި ތަކުލީފު ކުޑަކުރެވިއްޖެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އެކުވެރި އެހެނިހެން ދައުލަތްތަކުގެ މައްޗަށް ބަރޯސާވާންޖެހުމަކީ ދިވެހިރާއްޖޭގެ ސިޔާދަތަށް އޮންނަ ނުރައްކަލެއް ނުވަތަ ހިރާހެކެވެ. 90،000 އަކަކިލޯމީޓަރުގެ ބޮޑު ސަރަހައްދު ބެެލެހެއްޓުމަށް އެކަށީގެންވާ ވަސީލަތްތައް ދިވެހި ގައުމީ ދިފާއީ ބާރުގައި ނެތްކަމީ ހުރިހާ ސަރުކާރުތަކަކުންމެ އެއްބަސްވާ ކަމެކެވެ. ނަމަވެސް އެކަމާމެދު އެކަށީގެންވާ މަސައްކަތެއް ފާއިތުވި 15 ވަރަކަށް އަހަރު ތެރޭ ކުރެވިފައި ނެތެވެ.
ރައީސް މުއިއްޒުގެ ވެރިކަަމުގެ އެންމެ ކުރީ ކޮޅުގައި ތުރުކީން އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލްތައްވަނީ ހޯދާފަ އެވެ. ނަތީޖާއެއްގެ ގޮތުން ސިފައިންނަށް މިހާރު ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ކުރިއަށްވުރެ އެތައް ގުނައެއް ފަސޭހަވާނެ އެވެ. 24 ގަޑިއިރު އެ މަސައްކަތް ކުރެވޭނެ އެވެ.
އޭގެ އިތުރަށް ސިފައިންގެ ކޯސްޓުގާޑުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްވަނީ ފެށިފަ އެވެ. ކޯސްޓު ގާޑާއި އެއާ ކޯގެ ވަސީލަތްތައް ފުޅާކުރައްވައި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓޭނެ އިންތިޒާމުތައް ގާއިމުކުރެއްވުމުގެ ބޮޑު މަސައްކަތް ރައީސްވަނީ އިއުލާނު ކުރައްވާފަ އެވެ.
އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ ރައީސް މުއިއްޒުގެ ސަރުކާރުން އެކުލަވައިލާ ފުރަތަމަ ބަޖެޓެވެ. އެ ބަޖެޓުގައި ހިމެނޭ ކަންކަމާއެކު ދެމެހެެއްޓެނެވި މިންގަނޑަކަށް ދައުލަތުގެ މާލީ ކަންކަން އިއާދަކުރެވި ތަރައްގީގެ މަސައްކަތްތަކުގެ ދުވެލި ހަލުއިކުރެވި އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ރާއްޖެ އެހެން ހަރުފަތްތަކަކަށް ވާސިލުވުމުގެ އުންމީދު ބޮޑެވެ.
ރައީސް އިއުލާނުކުރައްވާފައިވާ އިގުތިސާދީ އެޖެންޑާ ކާމިޔާބުވެގެންދާއިރު ގެދޮރުވެރިކަމުގެ ދަތިކަމާއި މަސްތުވާތަކެތީގެ މައްސަލައާއި އެނޫންވެސް ގިނަގުނަ އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރެވޭނެ ކަމުގައި ގިނަ ރައްޔިތުން ގަބޫލުކުރެ އެވެ. ރައީސްގެ ފުރަތަމަ އަހަރަކީ އުދަގޫ އަހަރެއް ނަމަވެސް ދަތި ހާލަތުގައި ހޯއްދެވި ބޮޑެތި ކާމިޔާބުތަކާއި ގެންނެވި އިސްލާހީ ބަދަލުތަކުގެ މައްޗަށް ބިނާކޮށް މި އަހަރަށްވުރެ މާ އުފާވެރި އަހަރުތަކެއް މުސްތަގުބަލުގައި ލިބުމުގެ އުންމީދު ބޮޑެވެ.