ސައީދު ފާހަގަކުރެއްވި ގޮތުގައި ޑިވެލޮޕްމެންޓު ބޭންކުވާނީ ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް، ވިލުންތެރިކަން އިތުރުކޮށް ގައުމީ ކުރިއެރުމުގެ ދުވެލި އަވަސްކުރުމަށް އެޅިގެންދާ ހަރުދަނާ ފިޔަވަޅަކަށް ކަމުގަ އެވެ.
ދިވެހިރާއްޖޭގެ އިގުތިސާދީ ކުރިއެރުމުގެ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމުގައި ދިވެހިރާއްޖޭގެ ޑިވެލޮޕްމެންޓު ބޭންކުގެ ދައުރު ބޮޑުވާނެ ކަމަށް އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިފަދައިން ވިދާޅުވީ ރޭ ޑިވެލޮޕްމެންޓު ބޭންކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ރޭ ހުޅުވުނު ޑިވެލޮޕްމެންޓު ބޭންކަކީ ދިވެހިރާއްޖޭގެ ކުރިމަގުގެ ތަރައްގީ ބައްޓަންކުރާނެ، ވިލުންތެރިކަމުގެ ރަމްޒަކަށްވާނެ އެވެ.
މި ބޭންކު ދަމަހއްޓައި ނެގެހެއްޓުމަކީ އަދި ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއެއްކަން ފާހަގަކުރައްވައި ސައީދުވަނީ ރެގިއުލޭޓަރީ އިދާރާތަކާއި ބައިނަލްއަގުވާމީ ޕާޓްނަރުންނާއި ރާއްޖޭގެެ ވިޔަފާރިތަކާއި، ކަމާ ގުޅުންހުރި ސްޓޭކްހޯލްޑަރުން އެކަމުގައި އެހީތެރިކަން ދިނުމަށް އެދިވަޑައިގެންފަ އެވެ.
ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ލިބެންހުރި ގިނަ މާލީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މިންވަރަށް ރާއްޖޭގެ މާލީ ކަންކަން ހިންގުމުގެ ނިޒާމު ފުރިހަމަވެފައިނުވާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ރާއްޖޭގެ އޮންޝޯ އަދި އޮފްޝޯ މާލީ ހިދުމަތްތއް ތަރައްގީކުރުމަށް ރައީސްގެ ގަރާރަގަކުން މިހާރު މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އުފައްދަވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ އިދާރާއާއެކު ހަމަޖެހޭ ފުރިހަމަ ގާނޫނީ އޮނިގަނޑެއް އެކުލަވައިލެވި މާލީ ހިދުމަތްތައް ކުރިއަރުވަން ފެށޭނެ ކަމަށެވެ. އަދި އެ ގާނޫނީ އޮނިގަނޑުގެ ތެރެއިން އިންވެސްޓުމެންޓު ބޭންކިން ހޯލްސޭލް ބޭންކިންއާއި އެސެޓް މެނޭޖުމެންޓު ކުންފުނިތަކާއި ހެޖު ފަންޑުތައް ފަދަ މާލީ ހިދުމަތްތައް ރާއްޖެއަށް ތައާރަފުވާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
ސައީދ އިތުރަށް ފާހަގަކުރެއްވީ މި ސަރުކާރަށް ފާއިތުވީ ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ އިގުތިސާދަށް ގެންނަންޖެހޭ މުހިއްމު ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމެވެ. އެ ކަންކަމަކީ ކުރީގެ ސަރުކާރުތަކުގައި މާކުރިން ކުރެވިފައި ހުންނަންޖެހޭ ކަންކަމަށްވީ ނަމަވެސް އެއިން އެއްވެސް ކަމެއް ނުކުރެވި އޮއްވައި އެކަންކަން ކުރެއްވީ ރައީސްކަން ސައީދު ފާހަގަކުރެއްވި އެވެ.
އެގޮތުން ބޭރު ފައިސާގެ ދަތިކަން ހައްލުކުރެއްވުމަށް އެޅުއްވި ފިޔަވަޅުތަކާއި، ސަބްސިޑީ ނިޒާމަށް ގެންނަވާ ބަދަލުތަކާއި އާމްދަނީއާއި ޚަރަދުގެ ދާއިރާތައް އިސްލާހު ކުރައްވަން ރައީސް އަޅުއްވަމުންދާ ފިޔަވަޅުތަކަކީ އިގުތިސާދުގެ އަސާސްތައް ރަނގަޅުކުރުމަށް މުހިއްމު ފިޔަވަޅުތަކެއްގެ ގޮތުގައި ސައީދު ފާހަގަކުރެއްވި އެވެ.
އޭގެ އިތުރަށް ފާއިތުވި ކުރު މުއްދަތުގައި އިގުތިސާދު ސިންދަފާތުކުރުމުގެ ގިނަ މަސައްކަތްތަކެއް ރައީސް ފައްޓަވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އަންނަ އަހަރު ޖީޑީޕީ 6.4 އިންސައްތައިން ކުރިއަރާނެ ކަމުގައި ބެލެވޭތީ އަންނަ އަހަރަކީ އިގުތިސާދީ ހަތަކާތްތަކުގެ އަހަރެއްގެ ގޮތުގައި ސައީދު ސިފަކުރެއްވި އެވެ.