އޮސްޓްރިއާއަށް ގޭސް ފޯރުކޮށްދިނުން ރަޝިޔާއިން ހުއްޓައިލަނީ ފައިސާ ދެއްކުމާ ގުޅޭ ގޮތުން އޮސްޓްރިއާ ކުންފުންޏާއި ރަޝިޔާގެ ގޭސްޕްރޯމްގެ މެދުގައި ދެބަސްވުމެއް އުފެދުމާ ގުޅިގެންނެވެ.
ފައިސާ ދެއްކުމާމެދު އުފެދުނު ދެބަސްވުމާ ގުޅިގެން އޮސްޓްރިއާއަށް ގޭސް ވިއްކުން ރަޝިޔާއިން ހުއްޓާލައި، ޔޫކުރެއިން މެދުވެރިކޮށް ޔޫރަޕުގެ އެހެނިހެން ގައުމުތަކަށް ފައިސާ ފޯރުކޮށްދިނުން ކުރިއަށްގެންދަން ނިންމައިފި އެވެ.
ރަޝިޔާއަކީ ޔޫކުރެއިން ހަނގުރާމައިގެ ކުރިން ޔޫރަޕަށް އެންމެ ގިނައިން ގޭސް ފޯރުކޮށްދެމުން އައި ގައުމު ނަމަވެސް، ޔޫކުރެއިން ހަނގުރާމައަށްފަހު ޔޫރަޕުގެ ގައުމުތަކުން ރަޝިޔާއަށް ހަކަތައިގެ ކަންކަމުގައި ބަރޯސާވާ މިންވަރު ކުޑަކުރުމަށް މަސައްކަތް ފެށުމާއެކު ޖަރުމަނަށް ގޭސް ފޯރުކޮށްދޭ ނޯޑް ސްޓްރީމް ހޮޅި ގޮއްވައިލުމާއެކު މިހާރު ރަޝިޔާއިން ޔޫރަޕަށް ގޭސް ވިއްކާ މިންވަރުވަނީ މަދުވެފަ އެވެ.
މިހާރު ޔޫރަޕަށް ރަޝިޔާއިން ގޭސް ފޯރުކޮށްދޭ ހަމައެކަނި ޕައިޕްލައިން ކަމަށްވާ ސޯވިއެޓް ދުވަސްވަރު އެޅި ޔުރެންގޯއީ-ޕޯމަރީ-އުޒްގޮރޮޑް ޕައިޕްލައިން މި އަހަަރު ފަހުކޮޅު ބަންދުކުރާނެ އެވެ. މި ހޮޅި އަޅާފައިވަނީ ޔޫކުރެއިނުގެ ތެރެއިންނެވެ. ސްލޮވޭކިއާއާއި ޗެކް ރިޕަބްލިކާއި އޮސްޓްރިއާއަށް ގޭސް ފޯރުކޮށްދޭ މި ޕައިޕްލައިނާ ގުޅޭ އެއްބަސްވުން އައުކުރުމަށް ޔޫކުރެއިނުން ބޭނުންނުވެ އެވެ.
ހުކުރުދުވަހު އޮސްޓްރިއާއިން ބުނެފައިވަނީ އޮސްޓްރިއާގެ އެންމެ ބޮޑު ހަކަތަ ކުންފުނި އޯއެމްޑަބްލިއުއަށް ފޯރުކޮށްދެމުން އައި ގޭސް ފޯރުކޮށްދިނުން ހުއްޓާލާފައިވާ ކަމަށެވެ.
މި މައްސަލަ އުފެދުނީ އޯއެމްޑަބްލިއުއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ ޖަރުމަނު ޔުނިޓަށް ގޭސް ފޯރުކޮށްނުދޭތީ އެ ކުންފުނިން މައްސަލައެއް އާބިޓްރޭޝަނަށް ހުށަހަޅައިގެން އަނބުރާ 230 މިލިއަން ޔޫރޯ ދިނުމަށް ރަޝިޔާގެ ގެޒްޕްރޯމް ކުންފުނީގެ މައްޗަށް އާބިޓްރޭޝަނުން އަމުރުކުރުމާ ގުޅިގެންނެވެ.
ހޮނިހިރުދުވަހުގެ ހެނދުނުން ފެށިގެން އޮސްޓްރިއާއަށް ގޭސް ފޯރުކޮށްދިނުން ހުއްޓައިލި ނަމަވެސް 42.4 މިލިއަން ކިއުބިކް މީޓަރުގެ ގޭސް ޔޫކުރެއިން މެދުވެރިކޮށް ޔޫރަޕަށް ފޯރުކޮށްދޭނެ ކަމުގައި ގެޒްޕްރޯމް ކުންފުނިން ބުނެފައިވެ އެވެ.
ސްލޮވޭކިއާގެ ދައުލަތުގެ ހަކަތަ ކުންފުނި އެސްޕީޕީން ބުނެފައިވަނީ ރަޝިޔާ މެދުވެރިކޮށް ގޭސް ލިބިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް މުއްދަތުގައި އިތުރަށް ގޭސް ރަޝިޔާއިން ގަންނާނެ ކަމަށްވެސް އެ ގައުމުން ބުނެފައިވެ އެވެ.