ވެމްކޯއިން މިހާރު އަށް ރިސޯޓެއްގެ ކުނި ދަނީ މެނޭޖު ކުރަމުންނެވެ. މިއީ އެ ކުންފުނިން އަލަށް ފެށި ވިޔަފާރި އެކެވެ.
ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން ރިސޯޓްތަކުގެ ކުނި މެނޭޖު ކުރަން އާ ރިސޯޓުތަކާއެކު ސޮއިކޮށްފި އެވެ.
މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ވެމްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް އެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ތިން ރިސޯޓަކާއެކު ވަނީ ސޮއިކޮށްފަ އެވެ. ވެމްކޯއިން ރިސޯޓްތަކުގެ ކުނި މެނޭޖު ކުރުމުގެ ވިޔަފާރީގެ ތެރެއަށް ވަދެފައިވަނީ ޖުލައި މަހުގެ އެއްވަނަ ދުވަހު އެވެ.
ރިސޯޓް ކުނި މެނޭޖު ކުރަން ކުރިއަށް ގެންދާ "ފަތުރުވެށި" ޕްރޮގްރާމުގެ ގެ އިތުރު ރިސޯޓްތަކާއެކު ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގައި ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލް ވިދާޅުވީ މި މަސައްކަތަކީ ތިމާވެށި ހިމާޔަތް ކުރަން އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށާ މިކަމުގެ ސަބަބުން ވެމްކޯގެ ވަސީލަތް ބޭނުންކޮށްގެން ތިމާވެއްޓާ ރަހުމަތްތެރި ގޮތަށް ކުނި ނައްތާލެވޭނެ ކަމަށެވެ.
"ޓޫރިޒަމް ސިނާއަތުގެ ބޭފުޅުންނަކީ އެހެން މަސައްކަތް ތަކެއް ކުރައްވާ، އެހެންވެ މި މަސައްކަތް ކުރަން ދަތިވޭ. އަޅުގަނޑުމެން މި ކޮށްދެނީ މިކަން ތިމާވެއްޓަށް ގެއްލުން ނުވާނެހެން،" މުޖުތަބާ ވިދާޅުވި އެވެ.
ވެމްކޯ އިން އަލަށް ފެށި ވިޔަފާރިއާއެކު އެ ކުންފުނިން ކުނި މެނޭޖު ކުރާ ރިސޯޓްތަކުގެ އަދަދު ވަނީ އަށަކަށް އަރާފަ އެވެ. އަދި ގިނަ އަދަދެއްގެ ރިސޯޓްތަކުން ދަނީ އެކަމަށް ޝައުގުވެރިކަން ފާޅު ކުރަމުންނެވެ.