ލިސްޓް އާންމުކުރުން ފަސްވީ ނަމަވެސް ސަރުކާރުގެ މަގުސަދަކީ ފްލެޓް ހޯދަން ހުށައެޅި އެއްވެސް މީހެއްގެ ހައްގު ގެއްލިގެން ނުދާނެކަން ކަށަވަރު ކުރުން ކަމަށް ބުންޏެވެ.
ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ އާންމު ކުރާނެ ކަމަށް ބުނެ މި ދިޔަ ހަފްތާގައި ދެ ތާރީހެއް ކަނޑައެޅި ނަމަވެސް ލިސްޓް ނެރުން އަނެއްކާވެސް ފަސްކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ގެދޮރުވެރިޔާ ސްކީމަށް ހުށަހެޅި ހުރިހާ ފޯމެއް ރިއިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އޭގެ ކުރީން ފުލެޓުގެ ހައްގުވެރިންގެ ލިސްޓު ދިރާސާކުރަން އެކުލަވައިލި "ހައުސިން އެޑްވައިޒަރީ ކޮމިޓީ" އާއި މާލެ ސިޓީ ކައުންސިލުން އެކުލަވާލި "ހައުސިން ކޮންސަލްޓެޓިވް ކޮމިޓީ" އަށްވެސް ކުރީ ސަރުކާރުން އެކުލަވައިލި ލިސްޓަކީ ރަނގަޅަށް އެކުލަވައިލި ލިސްޓެއް ކަމުގައި ގަބޫލުނުކުރެވޭ ކަމަށް އޮތީ ބުނެފަ އެވެ.
ލިސްޓް އާންމު ކުރާނެ ކަމަށް ބުނެ ކުރީން އެތަައް ތާރީހެއް ދިނުމަށް ފަހު މި ފަހުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ އިތުރު ދެ ތާރީހެއް ދެއްވާފަ އެވެ. ފަހުން ދެއްވި ތާރީހު މިއަދަށް ހަމަވާނެ އެވެ.
މިނިސްޓްރީން މިއަދު ބަޔާނެއް ނެރެ ބުނީ ފްލެޓަށް ހުށައަޅާފައިވާ 20،000 ވުރެ ގިނަ ފޯމް ބެލުމުގައި ކަށަވަރު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އަދި މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ފަހުން ހާމަ ކުރާނެ ކަމަށެވެ.
ލިސްޓް އާންމުކުރުން ފަސްވީ ނަމަވެސް ސަރުކާރުގެ މަގުސަދަކީ ފްލެޓް ހޯދަން ހުށައެޅި އެއްވެސް މީހެއްގެ ހައްގު ގެއްލިގެން ނުދާނެކަން ކަށަވަރު ކުރުން ކަމަށެވެ. އަދި ބުނީ ފްލެޓް ލިބޭނީ ސީދާ ހައްގުވެރީންނަށް ކަމަށެވެ.
މި ބަޔާނުގައި ލިސްޓް އާންމު ކުރާނެ އިތުރު ތާރީހެއް ނުދެ އެވެ.
ރައީސް ސޯލިހްގެ ވެރިކަމުގައި ފެށި މަޝްރޫއުން ފްލެޓް ލިބޭ މީހުން ކުރީން ކަނޑައެޅި ނަމަވެސް ލިސްޓަށް ބަދަލު ގެންނަން ނިންމީ އޭސީސީން މައްސަލަ ތަހުގީގުކޮށް ލިސްޓް ގޯސް ކަމަށް ބުނުމުންނެވެ. ސިޔާސީ ނުފޫޒުގައި އޮތް ކަމަށް ގިނަ ބަޔަކު ދެކޭ އޭސީސީގެ އެ ތަހުގީގާމެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
ފްލެޓް ލިސްޓް ބަދަލުކޮށް ގަނޑުބަނޑު ކުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ބޮޑެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ ލިސްޓާ އެގޮތަށް ކުޅެން ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސް އިންނަވާ ވަޓްސްއަޕް ގުރޫޕެއްގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައި ރައީސްވަނީ ވަރަށް ސަރީހަކޮށް ފުލެޓު ލިސްޓާ ގުޅިގެން މަޖިލީހުގެ މެންބަރުންނަށް އެއްވެސް ނުފޫޒެއް ފޯރުއްވުމުގެ ފުރުސަތެއް ނުދެއްވާނެކަން ހާމަކުރައްވާފަ އެވެ.
ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އެ ގުރޫޕަށް ކުރެއްވި މެސެޖާއި އެ މެސެޖަށް ރައީސް ދެއްވި ޖަވާބު "މިރާ"އަށް ވަނީ ފެނިފަ އެވެ. އަލްސަން އައްސަވާފައިވަނީ ފަހިދިރިއުޅުން ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރުމުގެ ކުރިން މެންބަރުން އެދިވަޑައިގަންނަވާ ގޮތަށް މެންބަރުންނަށް އެ ލިސްޓު ހިއްސާކުރާނެތޯ އެވެ.
މެންބަރު މި ސުވާލު ކުރެއްވިއިރު ރައީސް ހުންނެވީ އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކުގަ އެވެ. ނަމަވެސް މެންބަރުގެ ސުވާލަށް ވަގުތު ލިބިވަޑައިގަތުމާއެކު ރައީސްވަނީ ވަރަށް ސާފުކޮށް ޖަވާބުދެއްވާފަ އެވެ.
"އެއްވެސް ނަމެއް އުނިކޮށް އިތުރެއް ނުކުރެވޭނެ އެއްވެސް ބޭފުޅަކު ބޭނުންވެގެންނެއް،" ފުލެޓު ލިސްޓާމެދު މެންބަރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަން ރައީސް ފެއްޓެވީ މި އިބާރާތުންނެވެ.
އަދި ރައީސް ވިދާޅުވީ އެ ލިސްޓުގައި ނަން އޮންނާނީ ކަނޑައެޅިފައިވާ އުސޫލުން ޕޮއިންޓު ދިނުމަށްފަހު އެންމެ މަތިން ލިބޭ މީހުންގެ ނަންތައް އެކަނި ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އެއްވެސް މީހެއްގެ ނަން ލިސްޓަށް އިތުރުކުރަން އެއްވެސް ބޭފުޅަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ކުރިން ބަޔަކު އެކަހަލަ ކަންކަމުގައި ވިޔާނުދާ ގޮތްގޮތަށް ކަންކޮށްފައި އޮތަސް އެގޮތަށް އެކަން ކުރުމަށް އެމަނިކުފާނު ރައީސްކަމުގައި ހުންނަވައިގެން ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ނެތިން އެއްވެސް ފުރުސަތެއް ދޭކަށް ލިސްޓަށް އެއްވެސް ބޭފުޅެއްގެ ރިކުއެސްޓަށް ނަމެއް ލުމަށް،" ރައީސް ވިދާޅުވި އެވެ.
"އެއް ޒަމާނެއްގައި ބަޔަކު އުޅުނު ވިޔާނުދާ ގޮތަށް ކަންކުރާކަށް އަޅުގަނޑު މި މަގާމުގައި ހުރެ ފުރުސަތެއް ނުދޭނަން. ސޮރީ!،"