ބަޖެޓުގައި ހަރަދު ކުޑަކުރަން ހިމަނާފައި ހުރި ކަންކަން ތަންފީޒުނުވާނަމަ އާމްދަނީގެ އިތުރަށް ހަރަދުވާ ބަޔަށް ފައިސާ ލިބޭނެ ކަމުގައި ނުބެލެވޭކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފައިވެ އެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން އަންނަ އަހަރު އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުނުކުރެވިއްޖެނަމަ ހަރަދު ބޮޑުވެ ބަޖެޓު ފައިނޭންސް ނުކުރެވޭނެ ކަމުގައި އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.
2025 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން އޮޑިޓު އޮފީހުން ފޮނުވި ލަފާގައި ފާހަގަކުރި ގޮތުގައި އަންނަ އަހަަރުގެ ބަޖެޓުގައި ތަފާތު އެކި ދާއިރާތަކުން 7.6 ބިލިއަން ރުފިޔާ ހަރަދު ކުޑަކުރަން ނިންމާފާއިވެ އެވެ.
އޮޑިޓު އޮފީހުގެ މައިގަނޑު ކަންބޮޑުވުމަކީ ހަރަދު ކުޑަކުރަން ހިމެނި ކަންކަމަކީ މީގެ ކުރީގެ އަހަރުތަކުގައިވެސް ތަންފީޒުކުރަން ބަޖެޓުގައި ހިމަނައި ތަންފީޒުނުކުރެވި ހުރި ކަންކަމަށްވުމެވެ. ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ކުރިން ތަންފީޒުނުކުރެވުނު ސަބަބުތަކުގެ ތެރޭގައި އެކަށީގެންވާ މިންވަރަށް ކަންކަން ރާވައި އަމަލީ ޕްލޭނުތައް ތައްޔާރުވެފައި ނެތުން ހިމެނޭކަމަށް އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.
އިތުރަށް އޮޑިޓު އޮފީހުން ފާހަަގަކުރި ގޮތުގައި ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތް ވަކި ތާވަލަކާ އެއްގޮތަށް ކުރަމުން ގޮސްފައި ނެތެވެ. އަދި އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރެވިފައި ނެތުމަކީވެސް އެ ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައި ތަންފީޒުވުމަށް ހުރި ހިރާސްތަކެއްގެ ގޮތުގައި އޮޑިޓު އޮފީހުން ދެކެ އެވެ.
"އަދި މި ބަޖެޓުގައި ހިމަނާފައިވާ ފިޔަވަޅުތައް އެޅުމަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭނެ ކަމުގައި ގަބޫލުކުރެވޭ.،" ހަރަދު ކުޑަކުރަން ބަޖެޓުގައި ހިމަނާފައިވާ ކަންކަން ތަންފީޒުކުރަން ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުކަމާއި ގިނަކަން ފާހަގަކޮށް އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.
އޮޑިޓު އޮފީހުން ބުނެފައިވަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ބަޖެޓުގައި ހިމަނާފައި ހުރީ އެ ފިޔަވަޅުތައް ތަންފީޒުކުރެވުމުން މާލިއްޔަތުން ހަރަދު ސަލާމަތްވަމުންދާނެ ކަމުގައި ބަލައިގެން ކަމަށެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒުކުރުން ލަސްވެއްޖެނަމަ މާލިއްޔަތުން ސަލާމަތްވާނެކަމަށް އަންދާޒާކޮށްފައި ހުރި މިންވަރަށް ހަރަދު ސަލާމަތްނުވެ ހޭދަ އިތުރުވަމުންދާނޭކަން ފާހަގަކޮށް އޮޑިޓު އޮފީހުން ބުނެފައިވަނީ އެއިރު ބަޖެޓުގެ އާމްދަނީއާއި ހަރަދުގެ ފަރަގު ފޫބެއްދުމަށް ފައިސާ ހޯދަންޖެހޭ މިންވަރު އިތުރުވާނެ ކަމަށެވެ.
އޮޑިޓު އޮފީހުން ދެކޭ ގޮތުގައި އާމްދަނީއާއި ހަރަދުގެ ފަރަގު ބޮޑުވެ އެ ބައަށް ފައިސާ ހޯދަންޖެހޭ މިންވަރު އިތުރުވެއްޖެނަމަ އެ ފައިސާ ނުލިބުން ގާތެވެ. "ހަރަދުތައް ކުޑަނުކުރެވިއްޖެނަމަ ބަޖެޓު ފައިނޭންސް ކުރުމަކީ މިހާރުގެ ހާލަތަށް ރިއާޔަތްކުރާއިރު ކުރެވިދާނެ ކަމެއް ކަމުގައި ނުބެލެވޭ،" އޮޑިޓު އޮފީހުގެ ލަފާގައި ބުނެފައިވެ އެވެ.
އެހެންކަމުން އޮޑިޓު އޮފީހުން މަޖިލީހަށް ލަފާދީފައިވަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރަން އަޅަންޖެހޭ ގިނަގުނަ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ރާވާފައިވާ ގޮތް ބަލައި، އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަރުހަލާގައި މަސައްކަތް ކުރެވުމުންދާ ގޮތް މަޖިލީހުން މޮނިޓާކޮށް ބެލުމަށެވެ.
އޮޑިޓު އޮފީހުން އިތުރަށް ފާހަގަކުރި ގޮތުގައި ބަޖެޓުގައި ހަރަދު ކުޑަކުރަން ހިމަނާފައިވާ ކަންކަމަކީ އެކަންކަމުން ރައްޔިތުންނަށް އަސަރުކުރާނެ ކަންކަމަށްވާތީ، އެ ފިޔަވަޅުތަކާމެދު ރައްޔިތުން ހޭލުންތެރިކުރުވައި، ފުރިހަމަ މައުލޫމާތު ފޯރުކޮށްދީ، އެ ފިޔަވަޅުތައް އަޅަންޖެހޭ ސަބަބުތަކާއި ފިޔަވަޅުތައް މުހިއްމުވާ ގޮތް ބުނެދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.