ފާއިތުވި އަހަރުތަކުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށް ހިލޭ އެހީ ނުލިބުނު ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ލިބޭނެކަމަށް އަންދާޒާކުރި ހިލޭ އެހީއަކީ ލިބޭނެކަމުގެ ޔަގީންކަން އޮތް ފައިސާތަކެއްކަމަށް ޒަމީރު ވިދާޅުވި
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ހިމަަނާފައިވާ އަދަދުތަކަށް ހިލޭ އެހީ ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޒަމީރު މިފަދައިން ވިދާޅުވީ މިއަދު ބަޖެޓު ކޮމިޓީގައި ބައެއް މެންބަރުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ފާއިތުވި އަހަރުތަކުގައި ކޮންމެ އަހަރަކުވެސް ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ގިނަަ އަދަދެއްގެ ފައިސާ ލިބޭނެކަމަށް އަންދާޒާކުރެ އެވެ. ނަމަވެސް އެއްވެސް އަހަރަކު ލިބޭނެކަމަށް އަންދާޒާކުރާ އަދަދާ ގާތަށްވެސް ހިލޭ އެހީ ނުލިބެ އެވެ.
ކޮންމެ އަހަރެއްގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބޭނެކަމަަށް ލަފާކުރި ނަމަވެސް އެއްވެސް އަހަރެއްގައި އެ އަދަދަށް ހިލޭ އެހީ ނުލިބޭތީ ބަޖެޓާ ގުޅިގެން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މަޖިލީހަށް ފޮނުވި ލަފާގައިވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އެގޮތުން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ކޮންމެ އަހަރަކުވެސް ބޮޑެތި އަދަދުތައް ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ބަޖެޓުގައި ލަފާކުރި ނަމަވެސް، ކޮންމެ އަހަރަކު އެވެރެޖުކޮށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ އަންދާޒާކުރާ މިންވަރުގެ އެންމެ 34 އިންސައްތަކަން މަރުކަޒީ ބޭންކުން ފާހަގަކުރި އެވެ.
އަދި މި އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 1.5 ބިލިއަންް ރުފިޔާ ލިބޭނެކަމަށް ލަފާކުރި ނަމަވެސް އޮކްޓޯބަރު މަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ 561.3 މިލިއަން ރުފިޔާކަން ފާހަގަކޮށްފައިވެ އެވެ. އެއީ ލިބޭނެކަމަށް ބަޖެޓުގައި ލަފާކުރި ހިލޭ އެހީގެ އެންމެ %37 އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި އޮތް ނަމަވެސް ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ފައިސާ ލިބިފައިވާ ގޮތަށް ބަލާއިރު ބަޖެޓުކޮށްފައިވާ މިންވަރަށް ހިލޭ އެހީ ނުލިބުމުގެ ހިރާސް އެބައޮތްކަމަށް އެމްއެމްއޭއިން ދެކެ އެވެ.
ޒަމީރު މިއަދު ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ އަދަދުތަކަކީ މިހާރު އެކި ގައުމުތަކުން އެ ފަައިސާ ދިނުމަށް މަޝްވަރާކުރެވި އެއްބަސްވުމަކަށް ވާސިލުވެވިފައިވާ އަދަދުތަކެއް ކަމުގަ އެވެ.
އެގޮތުން މިހާރު ބަޖެޓުގައި ހިމަނާފައިވާ 2.1 ބިލިއަން ރުފިޔާގެ ތެރެއިން 1.6 ބިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް މި ހަފުތާ ތެރޭގައިވެސް ކުރެވުނު ކަމުގައި ޒަމީރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ އަދަދަކީ އެކުވެރި ގައުމެއްގެ ވެރިޔަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރެއްވި މަޝްވަރާގެ ތެރެއިން ހަމަޖެހިފައިވާ އަދަދެކެވެ.
"ހެޑް އޮފް ސްޓޭޓަކާއެކު ރައީސް މަޝްވަރާކުރައްވާފައި އޮތް ގްރާންޓެއް ހޯދުމުގެ މަސައްކަތުގައި މިހަފުތާވެސް އަޅުގަނޑުމެން [މިއުޅެނީ]. އެހެންވީމާ ތިއީ ހަމަ ވަރަށް ރިއަލިސްޓިކް ފިގާއެއް. މިހަފުތާގައި މަސައްކަތްކުރީ މިދެންނެވިހެން 1.6 ބިލިއަން ރުފިޔާގެ [ހިލޭ އެހީއެއް] ހޯދުމަށް،" ޒަމީރު ވިދާޅުވި އެވެ.
އޭގެ އިތުރަށް ޒަމީރު ފާހަގަކުރެއްވީ އެ 1.6 ބިލިއަން ރުފިޔާގެ އިތުރަށް ރައީސް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން އެކުވެރި ދައުލަތަކުން ހަމަޖައްސައިދޭން ނިންމައި ލިޔުމުން އެ ފައިސާ ލިބޭނެކަން އަންގާފައިވާ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ވެސް ބަޖެޓުގައި ހިމަނާފައިވާ ހިލޭ އެހީގައި ހިމެނޭނެ ކަމެވެ.
އިތުރަށް ޒަމީރު ވިދާޅުވީ ހިލޭ އެހީގެ ތެރޭގައި އެކި ގައުމުތަކުގެ ހިލޭ އެހީގައި ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ ފައިސާވެސް ހިމެނޭނެ ކަމަށެވެ. އެގޮތުން ތިލަމާލެ ބުރިޖުގެ ހިލޭ އެހީ ކޮމްޕޯނެންޓުވެސް ހިލޭ އެހީގެ ތެރޭގައި ހިމެނިވެފައިވާ ކަމަށެވެ.