ގަވަރުނަރު މުނައްވަރު ވިދާޅުވި ގޮތުގައި ބޭރުގެ މާލީ އިދާރާތަކުގެ އެންމެ ބޮޑު ސުވާލަކީ ބޮޑު ޓޫރިޒަމް ސިނާއަތެއް އޮތް ގައުމެއްގައި ރިޒާވް ކުޑަވުމެވެ. މިކަމަކީ ހައްލު ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ގަވަރުނަރު ފާހަގަ ކުރެއްވި އެވެ.
ބޭންކިން ނިޒާމަށް ޑޮލަރު މާރު ކުރެވޭ ގޮތަށް މަނީ އެކްސްޗޭންޖު ގަވައިދު ނުހަދައި އޮތީ ވަކި ބައެއްދެކެ ބިރުން ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ވިދާޅުވީ ރާއްޖޭގެ ފޮރިން އެކްސްޗޭންޖުގެ ގަވައިދަކީ 1980 ވަނަ އަހަރުގެ ގަވައިދެއް ކަމަށާ ނަމަވެސް މި ގަވައިދު އިސްލާހުނުކޮށް އޮތީ ވަކިބައެއްދެކެ ބިރުން ކަމަށެވެ.
ބޭންކިން ނިޒާމަށް ޑޮލަރު މާރު ކުރަން މަޖުބޫރުވާ ގޮތަށް އެމްއެމްއޭއިން ވަނީ ގަވައިދު ހަދާފަ އެވެ. ނަމަވެސް ރާއްޖޭގެ ޓޫރިޒަމްގެ އިސް ބައެއް ފަރާތް ތަކުން ވަނީ މި ގަވައިދަށް އަމަލު ކުރަން އުޒުރުވެރިވާ ކަމަށް އެމްއެމްއޭ އަށް އަންގާފަ އެވެ. އެމްއެމްއޭ އަށް މިގޮތަށް އެންގި ފަރާތްތަކުގެ ތެރޭގައި ޓޫރިޒަމް ބާނީ ޔުނިވާސަލް ކުންފުންޏާއި ޗަމްޕާ ބްރަދާސް އަދި ރައީސްގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލް (މަޓާޓޯ) ހަލީލްގެ ކުންފުނި ވެސް ހިމެނެ އެވެ.
މި ފަރާތްތަކުގެ ވާހަކަތަކާ ގުޅިގެން ގަވަރުނަރު މުނައްވަރު ވިދާޅުވީ ކުރިން ބަދަލު ނުގެނެސް އޮތުމީ މިހާރު ބަދަލު ނުގަންނަން ޖެހޭ ސަބަބެއް ނޫން ކަމަށާ އެމްއެމްއޭއިން މި ގެންނަ ބަދަލަކީ މުސްތަގުބަލަށްޓަކައި ގެންނަން ޖެހޭ ބަދަލެއް ކަމަށެވެ.
"މަޑު މަޑުން ގްރެޖުއަލީ ބަދަލުތައް ދާނީ ގެންނަންމުން. ހަގީގަތުގައޮ ފޮރިން އެކްސްޗޭންޖުގެ ގަވައިދުގެ ސަބަބު ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ މައިކްރޯ ޑާޑާ ލިބޭނެ،" މުނައްވަރު ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވި ގޮތުގައި ވޯލްޑް ބޭންކް އާއި އައިއެމްއެފް ފަދަ ބޭފުޅުންނާއެކު ބައްދަލުވާ ބައްދަލުވުންތަކުގައި އެ ބޭފުޅުންގެ ވެސް އެންމެ ބޮޑު ސުވާލަކީ ރާއްޖޭގެ ރިޒާވްގެ ހާލަތެވެ. ސަބަބެއްގެ ގޮތުގައި އެ ފަރާތްތަކުން ބުނަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ވަރުގަދަ ނަމަވެސް ރިޒާވް ދަށްވުމެވެ.
ކޮމެޓީގައި ގަވަރުނަރު މުނައްވަރު ވަނީ ޑޮލަރުގެ ކަޅު ބާޒާރު މިހާރު ވަރުގަދަވެފައިވާ ސަބަބު ތަކެއް ވެސް ވިދާޅުވެ ދެއްވާފަ އެވެ. މީގެ އެއް ސަބަބެއްގެ ގޮތުގައި މުނައްވަރު ފާހަގަ ކުރެއްވީ ކޮވިޑުގެ އަހަރުގެ ފަހުން އައި ދެ އަހަރުވެސް ފައިސާ ޗާޕު ކުރުމާއި ގިނަ ލުއި ލޯން ތަކެއް ދިނުމުގެ އިތުރުން ފޮރިން އެކްސްޗޭންޖު އިތުރު ވާނެ އިންވެސްޓްމަންޓެއް ކުރެވިފައި ނެތުމެވެ.
ރާއްޖޭގައި އޮތް ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމުގެ ގޮތުން ބޭރު ފައިސާ ގަނެ ވިއްކުމަށް އެމްއެމްއޭއިން ލައިސެންސް ދޫކުރަމުން އުސޫލަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ހުއްދަ ދޫކުރާ އުސޫލު ވަނީ ހަރުކަށިކޮށްފަ އެވެ.
އެމްއެމްއޭއިން މި ގަވާއިދަށް އަމަލުކުރަން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އަދި އޭގެ ފަހުން ވެސް ޓީޖީއެސްޓީ އަށް ރަޖިސްޓްރީވާ ފަރާތެއްނަމަ އެ ފަރާތްތަކަށް ވެސް ރަޖިސްޓަރީ ވުމަށް މަސް ދުވަހުގެ މުއްދަތެއް އެމްއެމްއޭ އިން ދީފައިވެ އެވެ. ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ރަޖިސްޓްރީވާން ޖެހެނީ، އެމްއެމްއޭއިން އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލެއްގަ އެވެ. އެ ޕޯޓަލްގައި ރިސޯޓުތަކުގެ މައުލޫމާތުތައް ހިމަނަން ޖެހެ އެވެ.
އެމްއެމްއޭގެ މި ގަވާއިދުގައިވާ ގޮތުން، ޓޫރިޒަމް ދާއިރާގެ ހުރިހާ ވިޔަފާރިތަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކްތައް މެދުވެރިކޮށް މާރުކުރަން ޖެހޭނެ އެވެ. މި ގަވައިދުގައިވާ ގޮތުން ކެޓަގަރީ "އޭ" ގައި ހިމެނެނީ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކެވެ. އެ ކެޓަގަރީގައި ހިމެނޭ ފަރާތްތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ބޭންކަކަށް މާރުކުރަން ލާޒިމްވާނެ އެވެ. އަދި ކެޓަގަރީ "ބީ" ގައި ހިމެނެނީ ގެސްޓް ހައުސްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އެ އަދަދު ބޭންކަކަށް ޖަމާކޮށް މާރުކުރަން ޖެހެ އެވެ.
މި ގަވާއިދުގެ ދަށުން ޑޮލަރު މާރުކުރަން ފަށަން ޖެހޭނީ އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެންނެވެ. ޖެނުއަރީގައި ބޭންކަށް މާރުކުރާނީ އޮކްޓޫބަރު މަހު ރިސޯޓަކަށް އައި ޓޫރިސްޓުންގެ ބޮލަކަށް ޖެހޭ އަދަދުގެ ނިސްބަތުންނެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން ބޭންކިން ނިޒާމަށް ޑޮލަރު މާރު ކުރާ އަދަދު މަދެވެ. ޓޫރިޒަމް ދާއިރާއިން ރާއްޖޭގެ ބޭންކުތަކަށް 2019 ވަނަ އަހަރު މާރުކުރީ އެންމެ 153 މިލިއަން ޑޮލަރެވެ. އެކަމަކު މިދިޔަ އަހަރު މާރުކުރި މިންވަރު ވަނީ 68 މިލިއަން ޑޮލަރަށް ދަށަށް ގޮސްފަ އެވެ.