ފުލުހުން ބުނީ އެ މީހުން ތިބީ މަސްތުގެ ހާލުގައި ކަމަށް ބެލެވިގެން ޔޫރިން ދިނުމަށް އެދުނު ކަމަށާ އެކަމަށް އެކަކު ދެކޮޅު ހެދި ކަމަށެވެ.
ހިޔާ ފްލެޓެެއް ގައި މީހަކު ރަހީނުކުުރުން ގުޅިފައި އޮތީ މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިން އުފެދުނު މައްސަލަތަކަކާ ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މި ހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. ފުލުހުން ދެންމެ ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ބުނީ އެ މައްސަލަ ގުޅެނީ ފައިސާގެ މުއާމަލާތްތަކަކާ ކަމަށް އެނގިފައިވާ ކަމަށެވެ. އެއީ މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިން އުފެދުނު މައްސަލަ ކަމަށް ވެސް އެނގިފައިވާ ކަމަށް ބުންޏެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެ އެވެ.
ރަހީނުކޮށްފައިވާ މީހާ ހުރި އެޕާޓްމަންޓަށް ފުލުހުން ދިޔައިރު އޭނާގެ ބޮލާއި ތުނބުޅި މަތިމަސް ވަނީ ބާލާފަ އެވެ. އަދި އިންޒާރު ދީ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެފައިވާ ކަމަށް އެ މީހާއާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެވަގުތު އެޕާޓްމަންޓް ގައި 12 މީހަކު ތިއްބެވެ. އެ މީހުން ވަނީ ހައްޔަރު ކޮށްފައެވެ. އެ މީހުންގެ ފޮޓޯއާ ވަނަވަރު ވެސް ވަނީ އާންމުކޮށްފަ އެވެ.
ފުލުހުން ބުނީ އެ ތަނަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުން ކުރާ ތަނެއް ކަމަށާ މީގެ ކުރީން ވެސް އެތަން ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
އެތަނުން އެރޭ ވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށާ ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުވޭ ފިލްމު ހުސްކުރި ދަޅަކާއި 19 ސެލޯފިންކޮޅާއި 14 ރަނބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މީހުން ތިބީ މަސްތުގެ ހާލުގައި ކަމަށް ބެލެވިގެން ޔޫރިން ދިނުމަށް އެދުނު ކަމަށާ އެކަމަށް އެކަކު ދެކޮޅު ހެދި ކަމަށެވެ. އެ މީހުންގެ ތެރެއިން އެކަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށް ވެސް ބުންޏެވެ. އެއީ އެ އެޕާޓްމަންޓްގެ ވެރި ފަރާތެވެ.
ފުލުހުން މިއަދު ވަނީ އެ މީހާގެ މައުލޫމާތު ވެސް ހާމަކޮށްފަ އެވެ. ހިޔާގެ އެ އެޕާޓްމަންޓްގެ ވެރިފަރާތަކީ ލ. މާވަށް، ޖަމީލާ މަންޒިލް އާދަމް ހުސައިން 48 އަހަރު އެވެ.