ދައުލަތަށް އެކި ފަރާތްތަކުން ދައްކަންޖެހި ނުދައްކައި ހުރި ފައިސާގެ އަދަދު 10 ބިލިއަނަށް އަރާއިރު ދައްކަންޖެހޭ ފައިސާއާ ގުޅިގެން ދީފައިވާ އެކި ލުއީގެ ސަބަބުން އިތުރު ނުވަ ބިލިއަން ރުފިޔާއެއް ނުލިބޭނެކަމަށްވަނީ ނިންމާފަ އެވެ.
ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު މި އަހަރުގެ ޖޫންގެ ނިޔަލަށް 10 ބިލިއަން ރުފިޔާ ފަހަނަ އަޅާފައިވާ ކަމަށާ މި ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބާރުތައް ދޭން ޖެހޭ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ބުނެފި އެވެ.
އަންނަ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން މާލިއްޔަތު ކޮމެޓީގައި މިއަދު އޮޑިޓަ ޖެނެރަލް އޮފީހުން ދިން ޕްރެޒެންޓޭޝަންގައި ބުނެފައިވާ ގޮތުން 2022 އިން ފެށިގެން ދައުލަތަށް ލިބެން ޖެހި ނުލިބި ހުރި ފައިސާގެ އަދަދު ދަނީ އިތުރުވަމުންނެވެ. މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އޮޑިޓަ ޖެނެރަލްގެ ލަފާގައި ވަނީ މީރާގައި އޮތް ތަންފީޒު ކުރުމުގެ ބާރު ދަށްވެފައިވުމެވެ.
މީގެ ސަބަބުން ޖޫން 2022 ގައި ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު 5.9 ބިލިއަން ރުފިޔާގައި ހުރިނަމަވެސް މިހާރު މި އަދަދު ވަނީ 2023 ވަނަ އަހަރު 7.7 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި މި އަހަރުގެ ޖޫންގެ ނިޔަލަށް މި އަދަދު ވަނީ 10 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.
އޮޑިޓަ ޖެނެރަލްގެ ލަފާގައިވާ ގޮތުން ޓެކުހާއި އެހެނިހެން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ނުލިބި އަހަރުން އަހަރަށް އިތުރުވަމުންދާތީ މިކަމުގެ ސަބަބުން ދައުލަތުގެ މާލީ ހިރާސްތައް އިތުރުވާނެތީ އެ ފައިސާ ހޯދުމަށް އަވަސް ފިޔަވަޅުތައް އަޅަންޖެހެ އެވެ.
ލަފާގައިވާ ގޮތުން ޓެކްސް ދައްކާ ފަރާތް ތަކުން ޓެކުހުގެ ޤާނޫނާއި ގަވާއިދުތަކަށް ތަބާވާ ރޭޓް ދަށްވުމަކީ ރާއްޖެ އޮންނަ ފަދަ ވޮލަންޓަރީ ޓެކުހުގެ ނިޒާމަކަށް އޮތް ގޮންޖެހުމެއްކަމާއި ޓެކްސް ނުދައްކާ ފަރާތްތައް އިތުރުވުމުގެ ސަބަބުން ޓެކްސް އިދާރާ އިން ކުރަންޖެހޭ ކޮމްޕްލަޔަންސް މަސައްކަތްތައް އިތުރު ކުރަން ޖެހި އެކަމަށް ދައުލަތުން ކުރަން ޖެހޭ ހަރަދު އިތުރުވެ އެވެ.
ލަފާގައިވާ ގޮތުން ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ދީފައިވާ ލުއިތަކާ މާފުތަކުގެ ސަބަބުން ދައުލަތަށް ދައްކަން ނުޖެހޭނެކަމަށް ކަނޑައަޅާފައިވާ އަދަދުތަކަށް ބަލާއިރު 2020 ން 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ނުވަ ބިލިއަން ނުލިބޭނެކަމަށް ވަނީ ނިންމާފަ އެވެ.