"މި ސަރުކާރު ކުރިޔަށް ދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާ އެކު ތަނަވަސްކަން ހޯދައިދިނުމުގައި،"
މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެ ކަމަށެވެ.
"މި ސަރުކާރު ކުރިޔަށް ދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާ އެކު ތަނަވަސްކަން ހޯދައިދިނުމުގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް މިފަދަ ޕޯސްޓެއް ކުރެއްވީ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ޝަރުތުކުރުމާ ދެކޮޅަށް ޓޫރިޒަމްގެ ދިވެހި ބޮޑުން ދެކޮޅު ހަދަމުންދާ މައްސަލައިގެ ބަހުސް ބޮޑުވެފައި ވަނިކޮށެވެ.
ކޮޓަރި ވިއްކާ އަގާއި ޓޫރިސްޓު ރިސޯޓުތަކުގައި ހޭދަކުރާ މުއްދަތަށާއި އެ ފަތުރުވެރިޔާގެ އުމުރަށް އަދި އެހެނިހެން ކަންކަމަށް ރިއާޔަތްނުކޮށް ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަަށް 500 ޑޮލަރު މާރުކުރުމަކީ ފަތުރުވެރިކަމުގެ އެކި ފެންވަރުގެ ރިސޯޓުތަކުގެ މެދުގައި އަދުލުވެރިކަން ގެއްލޭ ގޮތަށް އެކުލަވައިލާފައިވާ ސިޔާސަތެއް ކަމަށް ބުނެ ރާއްޖޭގައި އެންމެ ގިނަ ރިސޯޓު އޮޕަރޭޓުކުރާ އެއް ކުންފުނި ކަމަށްވާ ޔުނިވަސަލް އެންޓަޕްރައިސަސްއިން ވަނީ މަރުކަޒީ ބެންކަށް ސިޓީއެއް ފޮނުވާފަ އެވެ.
އޭގެ އިތުރަށް އަންނަ އަހަރު ބަޖެޓުގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ހިމަނާފައިވާ ބަދަލުތަކުގެ ތެރެއިން ސަބްސިޑީ ނިޒާމު އިސްލާހުކޮށް އެންމެ ބޭނުންޖެހިފައިވާ މީހާއަށް އެހީތެރިކަން ސީދާ ދައުލަތުން ދޭ ގޮތަށް އަދި އާސަންދަ އިސްލާހުކޮށް ބޮޑު އާމްދަނީ ލިބޭ މީހުން އާސަންދައަށް ފައިސާ ދައްކަންޖެހޭ ގޮތަށް ބަދަލުކުރަން ނިންމުމުން އިދިިކޮޅު އެމްޑީޕީން އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.
ސަރުކާރުން ފާހަގަކުރާ ގޮތުގައި އާސަންދައާއި ސަބްސިޑީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަކީ އިޖުތިމާއީ އަދާލަތު ގާއިމުކޮށް އެންމެ ފަގީރު މީހުންނަށް ދައުލަތުން ދޭ އެހީތެރިކަން އިތުރުކުރުމަށް ގެންނަ ބަދަލުތަކެކެވެ.