ޑޮލަރު މާރުކުރުން | ޓޫރިޒަަމްގެ ކަންބޮޑުވުން އިގުތިސާދީ ކޮމިޓީން އަޑުއަހަން ހުށަހަޅައިފި

ޑޮލަރު މާރުކުރުން ލާޒިމުކުރުމުގެ ބިލާމެދު ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކުގެ ކަންބޮޑުވުން އަޑުއެހުމަށް މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ ބައްދަލުވުމެއް އާންމުންނަށް ހުޅުވާލައިގެން ބޭއްވުމަށް މެންބަރު ހުށަހަޅުއްވާފައިވެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)

ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ލިބޭ އާމްދަނީން މިންވަރެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކުރުމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އެކުލަވައިލި ގަވާއިދާ ގުޅިގެން ސިނާއަތުގެ ވިޔަފާރިތަކުގެ ކަންބޮޑުވުންތައް އަޑުއެހުމަށް މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ. 

މެންބަރު މުހައްމަދު އިބްރާހީމް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ރިސޯޓުތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު އަދި ގެސްޓުހައުސްތަކުން އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރުގެ މަގުން ބޭންކުތަކަށް މާރުކުރުން ލާޒިމުކުރުމާމެދު އެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. 

އިތުރަށް ސިޓީގައި ފާހަގަކުރެއްވީ އެ ގަވާއިދު އެކުލަވައިލުމުގެ ކުރިން ޓޫރިޒަމް ވިޔަފާރިތަކާއެކު ބޭއްވި ބައްދަލުވުމުގައި ސިނާއަތުގެ ކަންބޮޑުވުންތައް އެމްއެމްއޭއާ ހިއްސާކޮށް އެމްއެމްއޭއިން ހުށަހެޅި ފޯމިއުލާތަކާ ގުޅިގެން ކަންތައްތަކެއް އެ ބައްދަލުވުމުގައި ބައިވެރިވި ވިޔަފާރިތަކުން ހުށަހެޅި ނަމަވެސް އެއިން އެއްވެސް ހުށަހެޅުމެއް އެމްއެމްއޭއިން ބަލައިގަނެފައިނުވާކަމަށް ރިސޯޓު އޯނަރުންގެ ޖަމްއިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ބުނެފައިވާ ކަމެވެ. 

އިތުރަށް ކުޑޫ ވިދާޅުވީ 30 އޮކްޓޯބަރުގެ ކުރިން އެމްއެމްއޭގައި ޓޫރިސްޓު ވިޔަފާރިތައް ރަޖިސްޓްރީވުމަށް ގަވާއިދުން ލާޒިމުކުރި ނަމަވެސް ގިނަ ވިޔަފާރިތައް ރަޖިސްޓްރީވެފައިނުވާ ކަމަށެވެ. އަދި އެކަމަށް ބާރުލިބެނީ 24 އޮކްޓޯބަރުގައި އަވަހަށް ވިޔަފާރިތަކުން ރަޖިސްޓްރީވާން އަންގައި އެމްއެމްއޭއިން ބަޔާނެއް ނެރުމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ގިނަ ރިސޯޓުތައް ރަޖިސްޓްރީވި އިއްޔެ އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ހިންގާ 174 ރިސޯޓުގެ ތެރެއިން 173 ރިސޯޓެއް އެ ގަވާއިދުގެ ދަށުން ރަޖިސްޓްރީވެފައިވާ ކަމަށެވެ.

ކުޑޫ އިތުރަށް ފާހަގަކުރެއްވީ 50 އަށްވުރެ ގިނަ ރިސޯޓު އޮޕަރޭޓަރުން ގަވާއިދުގެ ދަށުން މާރުކުރަން ދަތިވާކަން އެމްއެމްއޭއަށް އަންގާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ އަދި އެންމެ ފުޅާކޮށް ރިސޯޓު ވިޔަފާރިކުރައްވާ އެއް ބޭފުޅާ، ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ވެސް އެ ގަވާއިދަށް އަމަލުކުރަން ދަތިވާކަން އެމްއެމްއޭއަށް އަންގަވާފައިވާކަން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ އުއްޗު އެދިވަޑައިގެންފައިވަނީ ގަވާއިދު އުވައިލާ ދެމެހެއްޓެނެވި ނިޒާމެއް ގާއިމުކުރެއްވުމަށް ކަމުގައި ކަމެވެ. 

އަދި މި ބޭފުޅުންނަކީ ޓޫރިޒަމް މިއަދު އޮތް ފެންވަރަށް ގެނައުމަށް ބޮޑެތި އިންވެސްޓުމެންޓުތައް ކުރައްވާފައިވާ އަދި ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅުންނަށްވާއިރު އެހެނިހެން ސިނާއަތްތަކާވެސް މިހާ ބޮޑަށް ގުޅިފައި އޮތް ދާއިރާއަކަށް ޓޫރިޒަމް ވާތީއާއެކު، އެ ބޭފުޅުންގެ ކަންބޮޑުވުންތަކަކީ މަޖިލީހުން ބަލައިނުލައި ދޫކޮށްލެވިދާނެ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާކަމަށް މެންބަރު ވިދާޅުވި އެވެ. 

މެންބަރު ހުށަހަޅުއްވާފައިވަނީ މިހާތަނަށް ކަންކަން ހިނގާފައިވާ ގޮތް ދެނެގަތުމަށްޓަކައި، އަދި ސިނާއަތުގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް، އެ ސިނާއަތުގެ ވިޔަފާރިތަކާއި ވިޔަފާރިވެރިންނާ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން ބައްދަލުކުރުމަށެވެ. އަދި އެ ބައްދަލުވުން އާންމުންނަށް އަޑުއެހެނޭހެން ހުޅުވާލައިގެން ކުރިއަށްގެންދިއުމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.