އާމްދަނީން ޓެކްސް ދައްކާ ފަރާތްތަކުގެ އަތުން ދައުލަތަށް ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ މި އަހަރު ލިބުނުއިރު، އިންކަމް ޓެކްސް ދެއްކުމުން އެ ފަރާތްތަކަށް އިތުރު އެއްވެސް ހިދުމަތެއް އަދި އިމްތިޔާޒެއް ދައުލަތުން ނުލިބޭކަމުގެ ޝަކުވާ އޮވޭ.
ފަރުދުންގެ އާމްދަނީން ދައުލަތަށް ދައްކާ ޓެކުހުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ޖުމްލަ 1.4 ބިލިއަން ރުފިޔާ ލިބިފައިވާކަން ފިނޭންސް މިނިސްޓްރީގެ އާމްދަނީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފަރުދުންގެ އާމްދަނީން ނަގާ ޓެކުސް ދެގޮތަކަށް ނަގަ އެވެ. ފަރުދުންގެ އާމްދަނީން އެންމެ ބޮޑު އަދަދެއް ޓެކުހުގެ ގޮތުގައި ނަގާފައިވަނީ ވިތް ހޯލްޑިން ޓެކްސްގެ ގޮތުގަ އެވެ. އެއީ އާމްދަނީން ޓެކްސް ނެގުމާ ބެހޭ ގާނޫނުގައި ޓެކުސް ނެގޭ މިންވަރުކަމަށް ކަނޑައަޅާފައިވާ އަދަދަށް އާމްދަނީ ލިބޭ މުވައްޒަފުންގެ އުޖޫރައިން އުނިކުރުމަށްފަހު ވަޒީފާ ދޭ ފަރާތުން މީރާއަށް ދައްކާ ޓެކުސް ނުވަތަ ވިތުހޯލްޑިން ޓެކްސް އެވެ.
ވިތް ހޯލްޑިން ޓެކްސްގެ ގޮތުގައި އޮކްޓޯބަރު މަހުގެ ނިޔަލަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ވިތު ހޯލްޑިން ޓެކްސްގެ ގޮތުގައި ލިބުނީ 944.1 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މި އަހަރު ވިތު ހޯލްޑިން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީވަނީ %20 އިތުރުވެފަ އެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައި މުޅި އަހަރު ވިތު ހޯލްޑިން ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 1.08 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް މިހާރުވެސް ވިތު ހޯލްޑިން ޓެކްސްގެ ގޮތުގައި އާމްދަނީ ލިބިފައިވެ އެވެ.
ވިތު ހޯލްޑިން ޓެކްސްގެ އިތުރަށް ދެން އޮންނަނީ ފަރުދުން އިންކަމް ޓެކްސްގެ ގޮތުގައި އަމިއްލައަށް ދައްކާ ފައިސާ އެވެ. ނިމުނު އަހަރު ފަރުދުން އަމިއްލައަށް އިންކަމް ޓެކްސްގެ ގޮތުގައި 322.9 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. މި އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް އެ އަދަދުވަނީ 350.6 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ޖުމްލަކޮށް ވިތުހޯލްޑިން ޓެކްސްއާއި ފަރުދުން އަމިއްލައަށް ދެއްކި ޓެކުހުގެ ގޮތުގައި އޮކްޓޯބަރުގެ ނިޔަލަށް 1.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ ނިމުނު އަހަރާ އަޅާބަލާއިރު 16 އިންސައްތައާ ގާތްކުރާ އަދަދެއްގެ އިތުރުވުމެއްކަން ފާހަގަކުރެވެ އެވެ.
ރާއްޖޭގައި ފަރުދުންގެ އާމްދަނީން ޓެކުސް ނަގަނީ 60،000 ރުފިޔާއިން ފެށިގެން މަތީ އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ. އާމްދަނީން ޓެކުސް ދައްކަންޖެހޭ މީހުން ހަތަރު ގިންތިއަކަށް ބަހައިލާ ކޮންމެ ގިންތިއަކުން ޓެކުސްކުރާ ވަކި ރޭޓުތަކެއް ކަނޑައަޅާފައިވެ އެވެ. އެއީ:
އާމްދަނީން ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ދެ ގިންތީގައި ޕްރޮފެޝަނަލް މަސައްކަތްކުރާ ފަރާތްތައް ވަރަށް ގިނައިން ހިމެނޭނެ އެވެ. ރިސޯޓުތަކުގެ މެނޭޖަރުންނާއި ޑޮކްޓަރުންނާއި، އެކައުންޓެންޓުންނާއި އިންޖިނިއަރުން އަދި އެއާ ކްރާފްޓު މެކޭނިކުންނަކީ މި ކެޓަގަރީތަކުގައި ހިމެނޭނެ މީހުންނެވެ.