ޓުރަމްޕު އެންމެ ބޭނުންފުޅުވި ގޮތާ ހިލާފަށް ރިޕަބްލިކަން ޕާޓީގެ ސެނެޓު މެންބަރުން ނިންމަވާފަައިވަނީ ރައީސަށް ވަފާދާރު ބޭފުޅެއްގެ ބަދަލުގައި ތަޖުރިބާކާރު ސެނެޓަރެއް އިންތިހާބުކުރުމަށެވެ.
އެމެރިކާގެ އިންތިހާބީ ރައީސް ޑޮނާލްޑް ޓްރަމްޕަށް ވަފާދާރު މެންބަރެއްގެ ބަދަލުގައި ޕާޓީގެ ގިނަ ދުވަސްވީ ސެނަޓަރެއް ކަމުގައިވާ ޖޯން ތޫން އެ ގައުމުގެ ސެނެޓުގެ މެޖޯރިޓީ ލީޑަރުކަމަށް ރިޕަބްލިކަން ޕާޓީގެ ސެނެޓަރުން އިންތިހާބު ކުރައްވައިފި އެވެ.
ސެނެޓުގެ މެޖޯރިޓީ ލީޑަރުގެ ގޮތުގައި މިހާތަނަށް ހުންނެވި މިޗް މެކޯނެލްގެ ބަދަލުގައި އެ މަގާމަށް ވަޑައިގަަންނަވާނެ ބޭފުޅަކު އިންތިހާބުކުރަން ނެގި ވޯޓުގައި، ފްލޮރިޑާގެ ރިކް ސްކޮޓް ބަލިކުރެއްވުމަށްފަހު ފަހުން ނެގި ވޯޓުގައި ޓެކްސަސްގެ ސެނެޓަރު ޖޯން ކޮރްނީން ބަލިކުރައްވައި ތޫންވަނީ އެ މަގާމު ކަށަވަރުކުރައްވާފަ އެވެ. ސްކޮޓާއި ކޮރްނީނަކީ ޓުރަމްޕަށް ވަފާދާރު އޭނާގެ އަރިސް ބޭފުޅުންނެވެ.
ދެކުނު ޑަކޯޓާ ސެނެޓުގައި ތަމްސީލުކުރައްވާ ތޫންއަކީ ރިޕަބްލިކަން ޕާޓީގައި ގިނަ ދުވަސްވީ ޕާޓީގެ އެތެރޭގައި ވަރުގަ ބޭފުޅެކެވެ. ސްކޮޓަށް ޓުރަމްޕުގެ އަރިސް ބޭފުޅުން ވަރަށް ބޮޑަށް ތާއީދުކުރައްވައި ކެމްޕެއިން ކުރެއްވި ނަމަވެސް ޓުރަމްޕު އެ އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރައްވާކަން އާންމުނުކުރައްވަ އެވެ. އަދި ސެނެޓުގެ މެންބަރުން އަރިހުން ވަކި ބޭފުޅަކު މެޖޯރިޓީ ލީޑަރުކަަމަށް އިންތިހާބުކުރަން އެދިވަޑައިގެންފަައިވެސް ނުވެ އެވެ.
އެހެންކަމުން ޓުރަމްޕުގެ ދެވަނަ ދައުރުގެ ފުރަތަމަ އަހަރުގައި ސެނެޓު ހިނގަމުންދާނީ ސަރުކާރުން މިނިވަންވެފައި އޮވެގެންކަމަށް މުހައްލިލުން ވިދާޅުވެ އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ސަަތޭކަ ގޮނޑީގެ ތެރެއިން 52 ގޮނޑި ކޮންޓްރޯލުކުރާނީ ރިޕަބްލިކަން ޕާޓީންނެވެ. އަދި މިހާރު އިންތިހާބުތަކުގެ ނަތީޖާ ނުކުންނަ ގޮތަށް ބަލާއިރު ކޮންގުރެސްގެ ތިރިގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ އަޣުލަބިއްޔަތުވެސް ރިޕަބްލިކަން ޕާޓީއަށް ލިބޭނެ އެވެ.
މިވަގުތު ހައުސްގެ ރައީސްގެ ގޮތުގައި ހުންނެވި މައިކް ޖޯންސަންއަށް އޭނާ ހުންނެވި މަގާމުގައި ހުންނެވުމަށް ރިޕަބްލިކަން ޕާޓީގެ ތާއީދުވަނީ ލިބިފަ އެވެ. ޖަނަވަަރީގައި ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ތަޅުމުގައި ވޯޓެއް ނަގައި އޭނ އެ މަގާމުގައި ހުރުމަށް ފެނޭތޯ ބެލުން އޮންނާނެ އެވެ.
2005 ވަނަ އަހަރުން ފެށިގެން ސެނެޓުގެ މެންބަރުކަން ކުރައްވަމުންދާ ތޫންއަކީ މުއައްސަސާތައް ނެގެހެެއްޓެވުމަށް ބާރުއަޅުއްވާ ތަޖުރިބާކާރު ސިޔާސީ ލީޑަރެކެވެ. ތޫންއަކީ ސީދާ ޓުރަމްޕަށް ވަފާދާރު ބޭފުޅަކަށްނުވި ނަމަވެސް ޓުރަމްޕުގެ ސަރުކާރަށް އެއްބާރުލުން ދެއްވާނެކަން ކުރީއްސުރެ އޭނާވަނީ އިއުލާނު ކުރައްވާފަ އެވެ.
ނަމަވެސް ޓުރަމްޕުގެ އަރިސް ބައެއް ބޭފުޅުން ގެންދަވަނީ ތޫންއަކީ މެކޮނެލްގެ އަރިސް ބޭފުޅަކަށްވީތީ ޓުރަމްޕުގެ ރިޔާސީ ވައުދުތައް ފުއްދެވުމަށް ސެނެޓުން ލިބެންޖެހޭ އެއްބާރުލުން ކަށަވަރުކޮށްނުދެއްވަފާނެ ކަމުގެ ކަންބޮޑުވުން އޮތްކަމަށް ވިދާޅުވަމުންނެވެ.
އެގޮތުންް ޓުރަމްޕުގެ އެޑްވައިޒަރު ރޮބަޓް އެފް ކެނެޑީ ޖޫނިއާ ވިދާޅުވެފައިވަނީ ރިކް ސްކޮޓް އިންތިހާބުވެވަޑައިނުގަތުމަކީ ޓުރަމްޕުގެ އިސްލާހީ އެޖެންޑާ ތަންފީޒުކުރަން އެޅިގެންދާ ހުރަހެއް ކަމަށެވެ.