ރައީސް ވަނީ ދުރާލާ އިންޒާރު ދޭ ނިޒާމާ ގުޅުންހުރި އިސްތިރާޖީ މަގުޗާޓެއް ގައުމީ ފެންވަރުގައި އެކުލަވާލި ގައުމަކީ ރާއްޖެ ކަމަށް ވިދާޅުވި އެވެ.
ދުރާލާ އިންޒާރު ދޭ ނިޒާމުތަކަކީ ދިރިއުޅުމާއި ތަނަވަސްކަމަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަޒަރުބައިޖާން ގައި މިހާރު ކުރިއަށްދާ ކޮންފަރެންސް އޮފް ޕާޓީސް ގެ 29 ވަނަ ސެޝަން (ކޮޕް29) ގައި އެކުވެރި ދައުލަތްތަކުގެ ސެކްރެޓަރީ ޖެނެރަލް އިންތިޒާމު ކުރެއްވި "ހައި-ލެވަލް އިވެންޓް އޮން ޑެލިވަރިންގް އާލީ ވޯރނިންގްސް ފޯ އޯލް އެންޑް އެޑްރެސިންގް އެކްސްޓްރީމް ހީޓް" ގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ ދުރާލާ އިންޒާރު ދޭ ނިޒާމުތަކަކީ މައުނަވީ އަދި އިގްތިސާދީ ޒަރޫރަތެއް ކަމަށެވެ.
އެމަނިކުފާނު ވަނީ ސެންޑާއި ފްރޭމްވަކަށް ރާއްޖެއިން ދޭ އަހަމިއްޔަތުކަން ފާހަގަ ކުރައްވާފަ އެވެ. އަދި ދުރާލާ އިންޒާރު ދޭ ނިޒާމާ ގުޅުންހުރި އިސްތިރާޖީ މަގުޗާޓެއް ގައުމީ ފެންވަރުގައި އެކުލަވާލި ގައުމަކީ ރާއްޖެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ ޕްލޭނުގައި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ކާރިސާ ތަކަށް ތައްޔާރު ވުމުގެ އިތުރުން، ދުރާލާ އިންޒާރު ދިނުމާ ގުޅޭ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެވޭނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސް ވަނީ މި ދާއިރާ އިން މި ފަހުން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަ ކުރައްވާފަ އެވެ. އެގޮތުން، މޫސުމީ ނޭދެވޭ ބަދަލުތަކުގެ އަސަރު ދެނެގަތުމަށްޓަކައި ކާރީސާތަކުން ލިބޭ ގެއްލުން ރެކޯޑް ކުރާނެ ޑޭޓާބޭސް އެއް ގާއިމުކޮށް އަވަސް އިޖާބައަށް މަގުފަހި ކުރުމަށްޓަކައި މައުލޫމާތު އެއްކުރުމުގެ ނިޒާމު ޑިޖިޓަލައިޒް ކުރުން ފަދަ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ވިދާޅުވި އެވެ.
އަދި އާންމު އިންޒާރު ދޭ އުސޫލު / ކޮމަން އެލާޓިންގް ޕްރޮޓޮކޯލް (ކެޕް) ހަރުދަނާ ކުރުމާއި އިމްޕެކްޓް ބޭސްޑް ފޯކާސްޓިން ސިސްޓަމްތައް ހަރުދަނާ ކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަންތައްތަކެއް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސް ވަނީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ނުރައްކާތަކަށް ވިލުންވެރި ރާއްޖެއެއް ބިނާކުރުމަށްޓަކައި، ބައިނަލްއަގުވާމީ އެއްބާރުލުމާއި ވަސީލަތްތަކުގެ އެހީތެރިކަން ވަކިން ހާއްސަކޮށް، މެރީން ފޯކާސްޓިންގްގެ ރޮނގުން އެހީ ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.