ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ މީޑިއާގެ މިނިވަންކަން ކަށަވަރު ކޮށްދެއްވާނެ ކަމުގެ ވައުދުފުޅާ އެކު އެވެ.
ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ ގަބޫލު ކުރައްވާ ހަމަޔެއްނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވަކިވަކި ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާ ކުރެވޭ ގޮތަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ މާތް ވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ހިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ހައްގު އޮންނާނެ ކަމަށެވެ.
"ނޫސްތަކާއި މީޑިއާ ތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމަޔެއްނޫން،" ރައީސް ވިދާޅުވި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު" ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ މަޖިލީހުގައި އިއްވާފަ އެވެ.
މި ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާ އެކު، ނޫސްވެރިންނަށް ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ޒިންމާދާރުކަމާ އެކު ބޭނުން ކުރާކަން ކަށަވަރުކުރުމަށެވެ.
ބިލުގައިވާ ގޮތުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެދުމާ އެކު، ވަކި ދެ ގާނޫނަކުން އުފައްދާފައިވާ މީޑިއާ ކައުންސިލާއި ބްރޯޑްކޮމްގެ އުވިގެންދާނެ އެވެ.
އާ ކޮމިޝަން އެކުލެވިގެން ވަނީ ޖުމްލަ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ، މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ހަތަރު މެންބަރުންނާއި މީޑިއާތަކުން އިންތިހާބު ކުރާ ތިން މެންބަރުންނެވެ. މި ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ވެސް ދީފައި ވަނީ ރައީސަށެވެ.
އެ ކޮމިޝަންގެ ޒިންމާތަކުގެ ތެރޭގައި، މީޑިއާތަކާއި ނޫސްވެރިންގެ މަޝްވަރާގެ މަތިން، މީޑިއާތަކާއި ނޫސްވެރިން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑެއް އެކުލަވައިލަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މި ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ. އަދި ވަކިވަކި ނޫސްވެރިން ވެސް 5،000 ރުފިޔާ އާއި 10،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ލިބެ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ މީޑިއާގެ މިނިވަންކަން ކަށަވަރު ކޮށްދެއްވާނެ ކަމުގެ ވައުދުފުޅާ އެކު އެވެ. ނަމަވެސް މިފަދަ ބިލެެއް ހުށައަޅައިގެން ރައީސްގެ ބޭނުންފުޅަކީ ނޫސްތަކާ މީޑިއާތައް ކޮންޓްރޯލް ކޮށް މިނިވަންކަން ގެއްލުވާލުން ކަމަށް ސިޔާސީ ޕާޓީތަކާ އާންމުންގެ ބަޔަކު މިހާރު ދެކެެެ އެވެ.
އެކަމަކު މިއީ ސަރުކާރާ އެއްވެސް ގުޅުމެއް ނެތި މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ހަންނާނު ހުށައެޅުއްވި ބިލެއް ކަމަށް ވެ އެވެ. އެ ބިލާ ސަރުކާރުން ދެކޮޅު ނަމަ މަޖިލީހުން ފާސްކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ އެވެ. އެއީ މަޖިލީހުގައި ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އޮތުމުންނެވެ.