ފަޒުލް ވިދާޅުވި ގޮތުގައި މިހާރު އިންވެސްޓަރުންގެ ޝައުގުވެރިކަން މަތިވެފައިވާ ކަމަށާ އެކަން އެނގެނީ ސީއެސްއާރު މަޝްރޫއުތަކުގެ ވެލިއުއަށް ބެލިނަމަވެސް ތިން މިލިއަން ޑޮލަރަށްވުރެ މަތީގައި ހުރުމެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގިނަ ގޯތިތަކެއް ހިލޭ "ބަހާލުމުގެ" ސަބަބުން އެޗްޑީސީގެ އެސެޓްތައް ހުސްވި ކަމަށާ ނަމަވެސް ރަސްމާލެ އެ ކުންފުންޏަށް ހަވާލު ކުރުމާއެކު އެކަމުން އަރައިގަނެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެޗްޑީސީން އަލަށް ފަށާ 15 މަޝްރޫއު އިއުލާނު ކުރަން ރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ބިންވެރިޔާ ޕްލޮޓްތަކަކީ އަގު ބޮޑު ބިންތަކެއް ކަމަށާ ނަމަވެސް މި ބިންތައް ދޫކޮށްލަން ޖެހުމާއެކު އެ ކުންފުނީގެ އެސެޓްތައް ހުސްވެގެން ދިޔަ އެވެ.
އަދި މި ބިންތައް ދޫކޮށްލަން ޖެހުމާއެކު އެ ކުންފުންޏަށް ފައިނޭންސް ހޯދަން ހުރި ދޮރުތައް ބަންދުވެ އިންވެސްޓަރުން ހޯދަން އޮތް ޖާގަ ހަނިވި އެވެ.
އެމްޑީ ފަޒުލް ވިދާޅުވި ގޮތުގައި މި ކަމުން އަރައިގަނެވުނީ މި ސަރުކާރުން ބޯހިޔާވަހިކަމަށް ހިންގަން ފެށި ރަސްމާލެ މަޝްރޫއު އެ ކުންފުންޏަށް ހަވާލު ކުރީމަ އެވެ.
"އެހެން ނޫންނަމަ [ރަސްމާލެ ނުދިންނަމަ] ފިއުޗާ އިންވެސްޓްމަންޓް ހޯދާނެ ޖާގައެއް ނެތް. ބިމެއް ނެތްނަމަ، އިންވެސްޓަރުންނަށް ލިބުމުގައި ދަތިވޭ. މޯގޭޖް ކުރާނެ އެސެޓެއް [ގޯތިތައް ދިނުމުން] ނެތް. އެކަމަކު މާތްﷲ މިންވަރު ކުރި ގޮތުން ރަސްމާލެ ލިބުނީ. އެކަމާއެކު އެޗްޑީސީގެ ޓީމް ސަރުކާރުގެ ފަހަތުގައި މިއޮތީ މި މަޝްރޫއު ކުރިއަށް ގެންދަން،" ފަޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ހުޅުމާލެ އަށް އިންވެސްޓަރުންގެ ޝައުގުވެރިކަން އެބަހުރި ކަމަށާ އެކަން އެނގެނީ އިންވެސްޓް ކުރާ ފަރާތްތަކުން އިޖުތިމާއީ ޒިންމާގެ ދަށުން ހިންގަން ހުށަހެޅި ސީއެސްއާރު މަސައްކަތްތަކުގެ އަގު ތިން މިލިއަން ޑޮލަރަށްވުރެ މަތީގައި ހުރުމެވެ. އަދި މިހާރު އެޗްޑީސީގެ އެއްވެސް ބިމެއް އެ ކުންފުންޏަށް އާމްދަނީ ނުލިބޭނެ ގޮތަކަށް ނުހުންނާނެ ކަމަށާ އެކަން ޔަގީންކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ކުންފުނީގެ އާމްދަނީވެސް މަތިވެގެންދާނެ ކަމުގެ ޔަގީންކަން އޮތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ހުޅުމާލެ މިދަނީ ތަރުތީބު ކުރަމުން. އުންމީދަނީ އާބަން އައިލް މަޝްރޫއާއެކު މިހާރު ލިބޭ ދެ ބިލިއަން ރުފިޔާގެ އާމްދަނީ 2028 ގައި ދެ ގުނަ ނޫނީ ތިން ގުނަ ކުރުން،" ފަޒުލް ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު ހިންގަން ރަސްމާލެ އެޗްޑީސީއަށް ހަވާލުކޮށްފަ އެވެ. އަދި އެ ކުންފުނިން ވަނީ އެތަން ހިއްކުމުގެ މަސައްކަތް ފަށާފަ އެވެ.