އިސްލާމީ މަރުކަޒު ބިނާކުރީ އެއް އަހަރާއި ހަތް މަސް ދުވަހުގެ މަސައްކަތުންނެވެ. އެއީ މިހާތަނަށް ރާއްޖޭގައި ހިންގުނު އެންމެ ފުރިހަމަ އަދި ކުރު މުއްދަތެއްގައި ނިންމުނު މަޝްރޫއު އެވެ.
އިސްލާމީ މަރުކަޒުގެ ފުރިހަމަ މަރާމާތެއް އަންނަ އަހަރު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމީ މަރުކަޒަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1984 ވަނަ އަހަރު ހުޅުވި ބިނާ އެކެވެ. އެ ބިނާއަށް މި މަހުގެ 11 ވަނަ ދުވަހު ވަނީ 40 އަހަރު ފުރިފަ އެވެ. އެއީ އެހާތަނަށް ރާއްޖޭގައި ހިންގުނު އެންމެ ބޮޑު މަޝްރޫއު އެވެ.
އިސްލާމީ ވަރަށް ގިނަ ގައުމުތަކުގެ އެހީތެރިކަން ލިބިގެން އިމާރާތް ކުރި މި ބިނާ އަކީ އަދިވެސް ރާއްޖޭގައި ހުރި އެންމެ ފުރިހަމަ އެއް ބިނާ އެވެ. ޒަމާނީ ގިނަ ވަސީލަތްތައް ނެތް އެ ދުވަސްވަރު އިސްލާމީ މަރުކަޒު ބިނާ ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އަޖައިބުވާހާ ފުރިހަމަކޮށެވެ.
ރައީސް މައުމޫންގެ ވެރިކަން 2008 ވަނަ އަހަރު ނިމުމާ ހަމައަށް މަރުކަޒާއި މަރުކަޒާއި ގުޅިފައިވާ މިސްކިތް ވަރަށް ރަނގަޅަށް ބެލެހެއްޓި އެވެ. ނަމަވެސް އޭގެ ފަހުން އެ ފުރިހަމަ ގޮތުގައި މަރުކަޒު ބެލެހެއްޓިފައި ނުވުމުގެ ނަތީޖާއެއްގެ ގޮތުން އެ ބިނާ ވަނީ ވަރަށް ބޮޑު މަރާމާތަކަށް ބޭނުންވެފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ މަރުކަޒުގެ ފުރިހަމަ މަރާމާތެއް އަންނަ އަހަރު ކުރާނެ ކަމަށެވެ. އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމާ ގުޅިގެން ހާއްސަ ޖަލްސާއެއް ބޭއްވުމަށް ރައީސް މުއިއްޒު ވަނީ އިރުޝާދު ދެއްވާފައި ކަމަށާ މަރުކަޒުގެ ކަންކަމަށް ރައީސް ހާއްސަ ސަމާލު ކަމެއް ދެއްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އިސްލާމީ މަރުކަޒު ބިނާކުރީ އެއް އަހަރާއި ހަތް މަސް ދުވަހުގެ މަސައްކަތުންނެވެ. އެއީ މިހާތަނަށް ރާއްޖޭގައި ހިންގުނު އެންމެ ފުރިހަމަ އަދި ކުރު މުއްދަތެއްގައި ނިންމުނު މަޝްރޫއު އެވެ.