ޓޫރިޒަމް އަންދާޒާ ދައްކާ ގޮތުން ޑެއިލީ އެރައިވަލް 5،000 ގައި ހުރެއްޖެނަމަ އަންނަ މަހުގެ މެދުތެރޭގައި ދެ މިލިއަން ހަމަވާނެ އެވެ.
ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 1.7 މިލިއަން ފަހަނަ އަޅާ ގޮސްފައިވާއިރު ދެ މިލިއަން ހަމަވާން 270،000 ޓޫރިސްޓުންނާ ގާތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު ވަނީ 1.7 މިލިއަން ފަހަނަ އަޅާފަ އެވެ. މިދިޔަ އަހަރަށް ބަލާއިރު މި މުއްދަތާ ހަމައަށް އައިސްފައިވަނީ 1.5 މިލިއަން ޓޫރިސްޓުންނެވެ. އެހެންވެ މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ޓޫރިޒަމް ވަނީ 9.5 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފަ އެވެ.
ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި 1.7 މިލިއަން ޓޫރިސްޓުން ހަމަވުމާއެކު ރާއްޖޭން ދެ މިލިއަން ޓޫރިސްޓުންގެ ޓާގެޓަށް ބާކީ ބޭނުންވަނީ 271،000 ޓޫރިސްޓުންނެވެ. މިހާރު ދުވާލެއްގެ މައްޗަށް އަންނަ ވަރަށް މި މަހު ބާކީ އޮތްބަޔާއި އަންނަ މަހުގެ ޓޫރިސްޓުން ޒިޔާރަތް ކޮށްފިނަމަ ދެ މިލިއަން ހަމަވާނެ ކަމަށް އަންދާޒާ ކުރެވެނީ އަންނަ މަހުގެ މެދުތެރޭގަ އެވެ.
މިހާރު ރާއްޖެ އަށް ދުވާލެއްގެ މައްޗަށް އެވެރެޖުކޮށް 5,468 ޓޫރިސްޓުން އަންނަ ކަމަށް ދައްކަ އެވެ. ކުރިއަށް އޮތީ ޓޫރިޒަމްގެ ހައި ސީޒަން އާއި އާ އަހަރުގެ ބަންދުގެ ދުވަސްތައް ކަމަށްވުމާއެކު އަންނަ މަހު މި އަދަދު މަތިވާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ.
ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ކުރީގައި މިވަގުތު އޮތީ ޗައިނާ އެވެ. އެ ގައުމުން 243,628 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އަދި ރަޝިއާ އާއި އިނގިރޭސިވިލާތް އަދި ޖަރުމަރު ވިލާތުގެ އިތުރުން އިންޑިއާއިން އައި ޓޫރިސްޓުންގެ އަދަދު ވަނީ 100،000 އަށްވުރެ މަތިވެފަ އެވެ. އެންމެފަހުން ޓޫރިސްޓުންގެ އަދަދު ލައްކައެއް ފަހަނަ އަޅާ ގޮސްފައިވަނީ އިންޑިއާ އެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައިވާ ގޮތުން މި އަހަރު ދެ މިލިއަން ޓޫރިސްޓުން ހަމަވެ އަންނަ އަހަރު 2.2 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ އެވެ. މި ކުރިއެރުން އަންނާނެ ސަބަބެއްގެ ގޮތުގައި ބެލެވެނީ ވީއައިއޭގެ ޓާމިނަލްގެ ހިދުމަތަށް ގެނައުމެވެ.