އެޑްވާންސް ފައިސާ ނެގުމަށްފަހު ވެސް މަސައްކަތް ކުރިއަށް ނުދާތީ މި މައްސަލަ ބެލުމަށް މިއަދު ވަނީ އަލީ ހަމީދާއި އާސަންދަ ކުންފުނީގެ ވެރިންނާއި އަދި އެޗްޑީސީގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން 44 މިލިއަން ރުފިޔާގެ އެޑްވާންސެއް ދިނުމަށްފަހު މަސައްކަތް ކުރިއަށް ނުގޮސް ލަސްވީ ކޮންސަލްޓުން ބަދަލުވުމާއި، އެކިއެކި ހުއްދަ ލިބުން ލަސްވެގެން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މި މައްސަލައިގެ ފެށުން އައިސްފައިވަނީ 2016 ވަނަ އަހަރު ނޯތު ކޯސްޓް ކޮންޓްރެކްޓާސް ކުންފުންޏަށް ހަ ބުރީގެ ހޮސްޕިޓަލެއް އަޅަން އާސަންދަ ކުންފުނިން ދިން ހިސާބުންނެވެ. އެ މަޝްރޫއުގެ މަސައްކަތް ނުފެށި އުޅެނިކޮށް ސަރުކާރު ބަދަލުވެ، މިދިޔަ އަހަރު އެ ކުންފުންޏާއެކު ސެޓްލްމެންޓް އެގްރިމެންޓެއް ހަދައި، އެޑްވާންސްގެ ގޮތުގައި 44 މިލިއަން ރުފިޔާ ދީފަ އެވެ.
އެޑްވާންސް ފައިސާ ނެގުމަށްފަހު ވެސް މަސައްކަތް ކުރިއަށް ނުދާތީ މި މައްސަލަ ބެލުމަށް މިއަދު ވަނީ އަލީ ހަމީދާއި އާސަންދަ ކުންފުނީގެ ވެރިންނާއި އަދި އެޗްޑީސީގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކޮށްފަ އެވެ.
ކޮމެޓީގައި ވާހަކަދައްކަވަމުން އަލީ ހަމީދު ވަނީ އެންމެ ފުރަތަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެގްރިމެންޓް ހެދީއްސުރެ ކަން ހިނގާ ދިޔަ ގޮތް ވިދާޅުވެ ދެއްވާފަ އެވެ. އޭނާ ވިދާޅުވީ އޭރު އެސްބަސްވުން ހެދި ނަމަވެސް، 2017 އާ ހަމައަށް ތަން ހަދާނެ ބިން ނުދީގެން މަސައްކަތް ނުފެށި ލަސްވެފައިވާ ކަމަށެވެ.
އޭގެ ފަހުން މަޝްރޫއު ހިންގުމަށް ބޭނުންވާ ފައިނޭންސް ހަމަނުޖެހޭ ކަމަށް އާސަންދައިން އެނގި ކަމަށް ހަމީދު ވިދާޅުވި އެވެ. އަދި 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި، ނަމަވެސް ސަރުކާރު ބަދަލުވެ، ފައިސާ ހަމަޖެހިފައިވާ ނުވާ ކަމަށެވެ. މަސައްކަތް ނުފެށިގެން އެތައް ފަހަރަކު އާސަންދައިގައި އެދުނު ކަމަށާއި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ސިޓީ ފޮނުއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ފަހުން، ކުރީ ސަރުކާރުން އޭނާއާއެކު ސެޓްލްމެންޓް އެގްރމެންޓް ހެދީ، ކުރީގެ އެގްރިމެންޓް ބާތިލްވާ ގޮތަށް ކަމަށާއި، އެޑްވާންސް ފައިސާ ދީފައި ވަނީ އެ އެގްރިމެންޓްގައި ހުރި އިޖުރާއަތްތަކާ އެއްކޮށް، 30 ޕަސެންޓް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އޭރު ބިން ވެސް ހަވާލުކުރި ކަމަށް ވިދާޅުވި އެވެ.
"ކުރީގަ އޮތް އެގްރިމެންޓަކީ ވޮއިޑް އެގްރިމެންޓެއްގެ ގޮތުގައި އެއްބަސްވެ، އަދި އެގްރިމެންޓްގެ ސަބަބުން އަޅުގަނޑުމެންނަށް އިތުރަށް ގެއްލުމެއް ވެއްޖެ ކަމަށްވާނަމަ ކްލެއިމް ނުކުރާނެ ކަމަށް އެއްބަސްވެ އަޅުގަނޑުމެންނާއެކު ސެޓްލްމެންޓްއަކަށް އައީ،" ހަމީދު ވިދާޅުވި އެވެ.
ނަމަވެސް ހަމީދު ވިދާޅުވީ ބިން ލިބުނު ނަމަވެސް އެކި ކަންކަމުގައި ނަގަން ޖެހޭ އެކިއެކި ހުއްދަތައް ލިބުން ލަސްވަމުންދާތީ ދެން ވެސް މަސައްކަތް ލަސްވަމުން ދިޔަ ކަމަށެވެ. އޭގެ އިތުރުން މިހާތަނަށް ތިން ޕްރޮޖެކްޓް ކޮންސަލްޓެންޓުން ބަދަލުވެފައިވާ ކަމަށާއި، އަވަސްއަވަހަށް ކޮންސަލްޓެންޓުން ބަދަލުވުމަކީ ވެސް މަސައްކަތް މަޑުޖެހޭ ކަމެއް ކަމަށެވެ.
މަސައްކަތް ލަސްވުމާ ގުޅޭ ގޮތުން މެންބަރުން ސުވާލު ކުރުމުން އާސަންދައިގެ މެނޭޖިން ޑިރެކްޓަރު ޒީނިޔާ ވިދާޅުވީ ސެޓްލްމެންޓް އެގްރިމެންޓާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެންނަން މިއޮތް ވޯކް ޕްލޭންގަ ހުރި ގޮތަކަށް [މަސައްކަތް] ކުރިއަށް ނުދާކަން އަޅުގަނޑުމެންނަށް އެނގެނީ. މިހާރު ކޮންޓްރެކްޓާ ވެސް ސޮއިކޮށްފަ އެއްއަހަރު ވެގެން ދިޔައިރު އެހާ ބޮޑު މަސައްކަތެއް އެތާކު ނެތް އަޅުގަނޑުމެންނަށް ފެންނާކަށް،" ޒީނިޔާ ވިދާޅުވި އެވެ.
ނަމަވެސް ޒީނިޔާ ވިދާޅުވީ އެއްބަސްވުން ބާތިލުކުރުމަށް ނުވިސްނާ ކަމަށެވެ. މަސައްކަތް ނިންމަން ބާކީ ދެ އަހަރު އެބައޮތް ކަމަށާއި، އާ ކޮންސަލްޓެންޓާއެކު މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަހުން އެމްޑީޕީ ސަރުކާރުގައި ނޯތު ކޯސްޓުގެ ފަރާތުން ސެޓްލްމެންޓް ކޮމެޓީއަށް ބަދަލު ހޯދަން އެދުމުން، ރައީސް އޮފީހުން ވަނީ އަލުން އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފަ އެވެ. ދެވަނަ ފަހަރު އެ މަސައްކަތް ހަވާލުކުރީ 147 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއުގެ އެޑްވާންސް ޕޭމެންޓުގެ ގޮތުގައި 2023 ވަނަ އަހަރު އާސަންދައިން ވަނީ ދެ ފަހަރެއްގެ މަތިން 44 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފަ އެވެ.