ގާނޫނުގައި އިތުރުކުރަން ކޮމިޓީން ނިންމީ ޕާޓީއެއް އުވައިލާތާ ފަސް އަހަރުގެ މުއްދަތެއްގެ ތެރޭގައި އެ ޕާޓީގެ ނަމާއި ސިއްކައާއި ނިޝާނާއި ކުލަ އެހެން ބަޔަކަށް ބޭނުންނުކުރެވޭ ގޮތަށް ހަމަޖެއްސުމަށެވެ.
ސިޔާސީ ޕާޓީއެއް އުވައިލުމުން އެ ޕާޓީގެ ކުލައާއި ނަން އިތުރު ބަޔަކަށް ފަސް އަހަރުގެ މުއްދަތަކަށް ބޭނުންނުކުރެވޭ ގޮތަށް ގާނޫނެއް މާއްދާއެއް އިތުރުކުރަން ހުށަހަޅައިފި އެވެ.
މިހާރު މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރަން މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި ގާނޫނަށް މިގޮތަށް މާއްދާއެއް އިތުރުކުރަން ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދެވެ.
މިއަދުގެ ކޮމިޓީގައި މިހާރު ސަރުކާރުން ހުށަހަޅާފައިވާ ދެ އިސްލާހެއް މެންބަރުންވަނީ ކޮމިޓީ މަރުހަލާގައި ފާސްކޮށްފަ އެވެ. އެ އިސްލާހުތަކަކީ:
ކޮމިޓީން މި ދެ އިސްލާހު ބިލުގައި ހިމެނުމަށް ފާސްކޮށްފައިވެ އެވެ. އަދި އެ ދެ އިސްލާހު ހިމަނައިގެން ސަރުކާރުން ހުށަހެޅި ބިލު ފާސްކުރުމަށް ކޮމިޓީންވަނީ ނިންމާފަ އެވެ.
ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ ޕާޓީއެއްގެ މެންބަރަކު ގާނޫނަކާ ހިލާފު ކަމެއް ކޮށްފިނަމަ އެ މީހަކު ޖޫރިމަނާކުރުމުގެ އިތުރަށް އެމީހަކު ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށް ހުށަހެޅި ބިލެކެވެ.
އިތުރަށް އެ ބިލުގައި އޮތީ ޕާޓީއެއްގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އަމިއްލަ ގޮތުން އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް 2016 ވަނަ އަހަރު ގާނޫނަށް އިތުރުކުރި މާއްދާ އުނިކުރުމަށް ހުށަހަޅާފައިވާ އިސްލާހެވެ.
ސަރުކާރު ހިންގާ ކޯލިޝަނުގެ އެންމެ ބޮޑު ޕާޓީގެ ގޮތުގައި ކުރިން އޮތް ޕްރޮގްރެސިވް ޕާޓީ އޮފް ދި މޯލްޑިވްސް (ޕީޕީއެމް) އުވައިލުމަށް މަސައްކަތްކުރަމުންދާ ކަމުގެ އަޑުތައް ފެންމަތިވެފައިވެ އެވެ. އެ ވާހަކަތައް އެ ޕާޓީން ދޮގުކުރި ނަމަވެސް އެކަމަށް ބާރުދޭ ބައެއް ބަދަލުތައް އެ ޕާޓީގެ އަސާސީ ގަވާއިދު ބަދަލުކުރަންވަނީ ނިންމާފަ އެވެ.
އެގޮތުން ޕާޓީ އުވައިލުމަށް ޕާޓީގެ ސެނެޓުގެ އަޣުލަބިއްޔަތުން ނިންމޭ ގޮތަށް ބަދަލުކޮށް، ޕާޓީގެ ލީޑާޝިޕަށް ޕާޓީ އުވައިލަން ފެނިއްޖެނަމަ އުވައިލަން ހުށަހެޅޭ ގޮތަށް ބަދަލުކުރަން މަޝްވަރާކުރަމުންދާ ކަމަށް އެ ޕާޓީގެ ސެނެޓުގެ ބައެއް މެންބަރުން މީޑިޔާތަކަށް މައުލޫމާތު ދެއްވާފައިވެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީކަމަށްވާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބެވި ގިނަ އަދަދެއްގެ އާންމު މެންބަރުން ގެންދަނީ އެ ޕާޓީ ދޫކޮށް ޕީއެންސީއަށް ހިޖުރަކުރަމުންނެވެ.