އަޒަރްބައިޖާން ސަރުކާރުގެ އިސް އޮފިޝަލުން ވަނީ، ހައިދަރް އަލިޔޭވް ބައިނަލްއަޤުވާމީ ވައިގެބަނދަރުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފަ އެވެ.
އދގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ދަށުން ބާއްވާ 29 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީޒް (ކޮޕް29) ގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަޒަރްބައިޖާންގެ ބާކޫއަށް ވަޑައިގެންފި އެވެ.
ކޮޕް29 ބޭއްވުމަށް ހަމަޖެހިފައިވަނީ، ނޮވެމްބަރު 11 އިން 22 އަށެވެ.
އަޒަރްބައިޖާން ސަރުކާރުގެ އިސް އޮފިޝަލުން ވަނީ، ހައިދަރް އަލިޔޭވް ބައިނަލްއަޤުވާމީ ވައިގެބަނދަރުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
ކޮޕް29ގެ އެޖެންޑާގައި، އެންހޭންސްޑް ޓްރާންސްޕޭރެންސީ ނެޓްވަރކް ފުރިހަމަކުރުމަށާއި، ހުރިހާ މެންބަރުން ހިއްސާކުރާ މާލީ އައު ލަނޑުދަނޑިއެއް ކަނޑައެޅުމަށާއި، ބައިނަލްއަގުވާމީގޮތުން އެއްބާރުލުންދިނުން އިތުރުކުރުމަށާއި، ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް (އެން.ޑީ.ސީ) ތަރައްޤީކުރުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރުމަށް ސަމާލުކަން ދިނުމަށް ވަނީ ނިންމާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަޒަރްބައިޖާނަށް ވަޑައިގަތީ، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ބޭއްވި ޖޮއިންޓް ޢަރަބް-އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފަހުގަ އެވެ.
އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޒްރޭލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޚުޠޫރަތްތެރި މައްސަލަތަކާމެދު ސަރަޙައްދީ އަދި އިސްލާމީ ޤައުމުތަކުގެ އިސްވާރުން ކުރެއްވި މަޝްވަރާގައި ބައިވެރިވެވަޑައިގެންފަ އެވެ.