މި އެމްއޯޔޫގެ ދަށުން ރާއްޖޭގައި މާލީ މަރުކަޒު ގާއިމުކުރުމަށް ބޭނުންވާ އިލްމު ފޯރުކޮށްދީ، މާލީ ހިންގުމުގެ ދާއިރާއާއި، ރެގިއުލޭޓުކުރުމުގެ އޮނިގަނޑުތައް އެކުލަވައިލުން ފަދަ ކަންކަމުގައި ގަތަރުގެ ފައިނޭންޝަލް ސެންޓަރުގެ އެހީތެރިކަން ލިބޭނެ އެވެ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ބައިނަލްއަގުވާމީ މާލީ މަރުކަޒު ގާއިމުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ގަތަރު ފައިނޭންޝަލް ސެންޓަރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ގަތަރު ފައިނޭންޝަލް ސެންޓަރަކީ ހަލީޖު ސަރަހައްދުގެ މުހިއްމު އޮންޝޯ މާލީ މަރުކަޒެކެވެ. އެ ސެންޓަރުން ދަނީ ބައިނަލްއަގުވާމީ އަދި ގަތަރުގެ މާލީ އިދާރާތައް އެ ސެންޓަރުގައި ރަޖިސްޓްރީވުމަށް ހިތްވަރުދީ އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ މުހިއްމު މަރުކަޒެއްގެ ގޮތުގައި ގަތަރު ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ކުންފުނިންވަނީ 2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް 2،200 އަށްވުރެ ގިނަ ކުންފުނި އެ ސެންޓަރުގައި ބައިވެރިކޮށް، ގަތަރުގެ އިގުތިސާދީ ކުރިއެރުމާއި ސިންދަފާތުކުރުމަށް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީއާއި އެ ސެންޓަރާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުމަކީ ދުނިޔޭގެ ފެންވަރުގެ މާލީ މަރުކަޒެއް ރާއްޖޭގައި ގާއިމުކުރުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރު ކާމިޔާބުކުރުމަށް ކޮންމެހެން ބޭނުންވާ އިލްމާއި ހުނަރު ބިނާކުރުމަށް އެހީތެރިވާނެ އެއްބަސްވުމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
މި އެމްއޯޔޫގެ ދަށުން ރާއްޖޭގައި މާލީ މަރުކަޒު ގާއިމުކުރުމަށް ބޭނުންވާ އިލްމު ފޯރުކޮށްދީ، މާލީ ހިންގުމުގެ ދާއިރާއާއި، ރެގިއުލޭޓުކުރުމުގެ އޮނިގަނޑުތައް އެކުލަވައިލުމާއި، މާލީ މަރުކަޒުތައް ހިންގުމުގެ އިސްތިރާޖިއްޔާތައް އެކުލަވައިލުން ފަދަ ކަންކަމުގައި ގަތަރު މާލީ ސެންޓަރުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މާލީ މުއައްސަސާތަކާއެކު ގުޅުންތައް ގާއިމުކުރުމަށް ވިއުގަ ބިނާކުރުމުގައި ގަތަރު ފައިނޭންސް ސެންޓަރުން އެހީތެރިވާނެ ކަމަށެވެ. އެއީ ރާއްޖޭގެ މާލީ މަރުކަޒު ގާއިމުވެގެން އަންނައިރަށް ބޭނުންވާ ކޮންޓެކްޓުތައް އުފެއްދުމަށް މުހިއްމު ކަމެއް ކަމުގައި އެ މިނިސްޓްރީން ފާހަގަކުރި އެވެ.
މި އެމްއޯޔޫއާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ މި އެމްޔޯއަކީ ރައީސްގެ ތަސައްވުރާ އެއްގޮތަށް ރާއްޖޭގައި ބައިނަލްއަގުވާމީ މާލީ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތުގައި ކުރިއަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.
އިތުރަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މި އެމްއޯޔޫއަކީ ގަތަރު ފައިނޭންސް ސެންޓަރުގެ ތަޖުރިބާއާއި އިލްމު ހޯދުމުގެ އެއްބަސްވުމެއްގެ އިތުރަށް މިއީ ދިވެހިރާއްޖެއާއި ގަތަރުގެ މެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން ރަމްޒުކޮށްދޭ އެއްބަސްވުމެއް ކަމަށެވެ.
"މި އެމްއޯޔޫގެ ތެރެއިން ދެ ގައުމުގެ މެދުގައި ބަދަލުކުރެވޭ އެހީއާއި އެއްބާރުލުމުގެ ތެރެއިން އިގުތިސާދީ ކުރިއެރުމާއި ތަރައްގީ ހާސިލުކުރެއްވި ދެ ގައުމަށްވެސް މުހިއްމު މަންފާތަކެއް މުސްތަގުބަލުގައި ލިބިގެންދާނެ ކަމަށް ބެލެވޭ،" އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.