"ބާރުގަދަ ގައުމުތަކުން ކަންކުރާ ގޮތުން އެހެން އިންސާނުންގެ ފުރާނައާ އެއްވަރުގެ އަގެއް ފަލަސްތީނު ރައްޔިތުންގެ ފުރާނައަށް ލިބިގެންވާކަމަށް އެ ދައުލަތްތަކުން ގަބޫލުނުކުރާކަން ވަރަށް ބޮޑަށް ސާފުވޭ،" ރައީސް ވިދާޅުވި އެވެ.
ބާރުގަދަ ދައުލަތްތަކުން އަމަލުކުރާ ގޮތުން އެހެނިހެން އިންސާނުންގެ ފުރާނައިގެ އަގާ އެއްމިނެއްގައި ފަލަސްތީނު ރައްޔިތުންގެ ފުރާނަ އަގުނުކުރާކަން ސާފުވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފަލަސްތީނު މައްސަލައާ ގުޅިގެން ސައުދީ އަރަބިއްޔާގެ އިސްނެގުމަށް އެ ގައުމުގެ ވެރިރަށް ރިޔާޟުގައި ކުރިއަށްގެންދާ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި މިރޭ ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ ފާއިތުވި އަހަރު ދުވަހު އެކަނި 50،000 އާ ގާތްކުރާ އަދަދަކަށް ފަލަސްތީނު ރައްޔިތުން އަދި އެތައް ހާސް ބަޔަކު ލުބުނާނުގައި ޝަހީދުކޮށްލާފައިވާ ކަމަށެވެ.
"ކޮންމެ މަރަކީ މުސީބާތެއް. އާއިލާތަކެއް ވިއްސިވިހާލިވުން. ދަރިންތަކެއް ޔަތީމުވެ އެކަނިވެރިވުން. ސުންނާފަތިވި އިމާރާތްތަކުގެ އަޑީގައި ވަޅުލެވޭ ހުވަފެންތަކެއް. އެމީހުންގެ ލޯތައް ކުރިމަތީ ގެއްލިގެންދާ މުސްތަގުބަލެއް. މިގޮތަށް އަޅުގަނޑުމެންނަކަށް ކުރިއަށްދެވޭކަށް ނެތް،" ރައީސް ވިދާޅުވި އެވެ.
އިސްލާމީ އަރަބި ގައުމުތަކުން ފަލަސްތީނު މައްސަލާގައި އަޑުއުފުލި ނަމަވެސް އެ އަޑުއުފުލުމަކުން އަސަރެއް ނުކުރާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި މައްސަލާގައި އަޅަންޖެހޭ ފިޔަވަޅުތައް ބާރު ހުރި ދައުލަތްތަކުން ނާޅާ ކަމަށެވެ.
"ބާރުގަދަ ގައުމުތަކުން ކަންކުރާ ގޮތުން އެހެން އިންސާނުންގެ ފުރާނައާ އެއްވަރުގެ އަގެއް ފަލަސްތީނު ރައްޔިތުންގެ ފުރާނައަށް ލިބިގެންވާކަމަށް އެ ދައުލަތްތަކުން ގަބޫލުނުކުރާކަން ވަރަށް ބޮޑަށް ސާފުވޭ،" އެމެރިކާއާއި އެ ގައުމުގެ ބައިވެރިންނަށް ފާޑުވިދާޅުވެ ރައީސް ވިދާޅުވި އެވެ.
ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތައިލުމުގެ އަމަލުތަކަށް ހިތްވަރު ލިބޭ ހަތިޔާރު ބަރާބަރަށް ލިބޭނެ ގޮތް އިންތިޒާމުވެ، ބައިނަލްއަގުވާމީ މުޖުތަމައަށް ހަނގުރާމަ ހުއްޓުވަން މާނަހުރި ފިޔަވަޅެއް ނޭޅި އޮންނަ ސަބަބަކީ އދގެ ސަލާމަތީ މަޖިލީހުގެ ތެރޭގައި އޮންނަ ވީޓޯގެ ބާރުކަން ރައީސް ފާހަގަކުރެއްވި އެވެ.
"އަނިޔާވެރިކަމަށް ބޭނުންކުރާ ވަސީލަތްތަކާއި ހަނގުރާމައިގެ ހަތިޔާރުތައް ފޯރުކޮށްދެމުން ސުލްހަވެރިކަމަށް ގޮވައިނުލެވޭނެ. މިއީ ސާފުކަމެއް،" ރައީސް ވިދާޅުވި އެވެ.
ވަރަށް ގިނަ ގައުމުތަކުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަމުންދާތީ އެކަމަށް މަރުހަބާ ވިދާޅުވުމާއެކު ރައީސް ވިދާޅުވީ ފަލަސްތީނާއެކު ތިބުމަކީ ބުނެލާ ބަހަކަށްވުރެ ކުރާ އަމަލުންވެސް ދައްކަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ސިޔާސީ ގޮތުންނާއި މާލީ ގޮތުން ފަލަސްތީނަށް އެހީތެރިވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އެމަނިކުފާނު ގޮވައިލެއްވި އެވެ.
އަދި ސައުދީ އަރަބިއްޔާގެ ލީޑާޝިޕުގެ ދަށުގައި އިސްލާމީ އުންމަތް އެކަތިގަނޑަކަށްވެ މާނަހުރި ބަދަލުތަކެއް ގެނައުމަށް އެކީގައި މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އުންމަތެއްގެ ގޮތުގައި ހަރުދަނާ ފިޔަވަޅުތަކެއް މިވަގުތު ނާޅައިފިނަމަ ތާރީހު ވަރަށް ހަރުކަށިކޮށް މިއަދުގެ ޖީލާމެދު ނިޔާކަނޑައަޅާނެ ކަމަށެވެ.