"ސިޔާސީ މީހަކަށްވީތީ އަޅުގަނޑުގެ ވާދަވެރިޔާ ހިފައި ހައްޔަރުކޮށް ޖަލަށްލާތަނެއް ނުފެންނާނެ. މިދިޔަ އެއް އަހަރު ތެރޭ ނުފެންނާނެ. ކުރިއަށް އޮތް ތަނުގައިވެސް ނުފެންނާނެ،" ރައީސް ވިދާޅުވި އެވެ.
ސިޔާސީ ގޮތުން ވާދަވެރިން ހައްޔަރުކޮށް ޖަލަށްލައި ބަދަލުހިފުމުގެ ރޫހުގައި މަސައްކަތްކުރި ތަން ފާއިތުވި އެއް އަހަރު ތެރޭގައި ފެނިފައިނުވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެ މަންޒަރު ނުފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި ފަހުން ވެރިކަން ލިބިވަޑައިގަތުމަށްފަހުވެސް ބަދަލުހިފުމުގެ ރޫހު ނައްތަވައިލައްވާނެކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވައިކުރެއްވި ދުވަހުން ފެށިގެން ބަދަލުހިފުމުގެ ރޫހު ނައްތަވައިލައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސިޔާސީ މީހަކަށްވީތީ އަޅުގަނޑުގެ ވާދަވެރިޔާ ހިފައި ހައްޔަރުކޮށް ޖަލަށްލާތަނެއް ނުފެންނާނެ. މިދިޔަ އެއް އަހަރު ތެރޭ ނުފެންނާނެ. ކުރިއަށް އޮތް ތަނުގައިވެސް ނުފެންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވީ މީގެ ކުރިން ސިޔާސީ ވާދަވެރިން ތިމާގެ މީހުންނަށްވިޔަސް، އަދި އެކުވެރިންނަށް ވިޔަސް ޖަލަށް ލައި ހައްޔަރުކޮށް ބަންދުކުރިތަން ފެނިފައިވާ ކަމެވެ. އަދި ސިޔާސީ ވާދަވެރިން ދުރަށްލައި އެއްކައިރިކުރުން މިހާރު ތާއަބަދަށް ނިމުމަކަށް ގެންނަވާފައިވާ ކަމަށް ވިދާޅުވި އެވެ.
އަދި ރިޔާސީ ކޮމިޝަންތައް ހަދައިގެން ކުރީ ސަރުކާރުތަކުގައި ކުރި ކަންކަމުގެ ތެރެއަށް ސިޔާސީ ގޮތުން ވަންނަ މަންޒަރު މި ސަރުކާރުގައި ނުފެންނާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ވައްކަން ކޮށްފައިވާނަމަ އެ މައްސަލައެއް އެކަމަށް ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ބަލާނެ ކަމަށެވެ.
"ވައްކަންކޮށްފައި ހުރެއްޖެއްޔާ ގައުމުގެ މުދާ ނުހައްގުން ހޯދާފައި ހުރިއްޔާ އެކަންކަން ބަލާނެ. ރައްޔިތުންގެ ހައްގުތަކަށް އަރައިގެންފައިވާނަ އެކަންކަން ބަލާނެ އޮންނަ އުސޫލުތަކުގެ ތެރެއިން. ރިޔާސީ ކޮމިޝަނެއް ނުހަދާނެ. މިނިވަން މުއައްސަސާތައް އެބަހުރި، ދުސްތޫރީ ނިޒާމު އެބައޮތް، ޝަރުއީ ނިޒާމު އެބައޮތް،" ރައީސް ވިދާޅުވި އެވެ.
ކުރިން ފެނުނުހެން ރިޔާސީ ކޮމިޝަންތައް ހަދައިގެން ބަދަލުހިފުމުގެ ރޫހުގައި ސިޔާސީ ގޮތުން ވާދަވެރިން ފަހަތުން ދުވުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ހެޔޮ ވެރިކަމެއް ކުރެވޭނީ އެގޮތަށް އަމަލުކޮށްގެން ކަމަށެވެ.