"ވެރިކަމަކީ މާބޮޑު މޮޅެއް ނޫނެވެ. އެއީ ވެރިކަން ކުރާ މީހާއަށް ލިބޭ މުދާގަނޑެއް ވެސް ނޫނެވެ. އެއާ ހިލާފަށް ވެރިކަމަކީ ވަރުގަދަ ޒިންމާއެކެވެ. ވަރުގަދަ މަސްއޫލިއްޔަތެކެވެ. ވަރަށް ބޮޑު އަމާނާތެކެވެ."
ދައުލަތާއި ވެރިންގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައްޕާފުޅު، ފަޟީލަތުއްޝައިހް އަލްއުސްތާޛު އަލްމަރުހޫމު ހުސައިން އަބްދުއްރަހްމާނު ލިޔުއްވާފައިވާ ފޮތަކީ އެމަނިކުފާނުގެ "ގައިޑްބުކް" ކަމަށް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ވަނީ ބައްޕާފުޅުގެ ފޮތް ނަންގަވައި، އެފޮތުގައި ހުރި އަގު ހުރި ވާހަކަތައް ވިދާޅުވެ ދެއްވާފަ އެވެ. އެގޮތުން، އެމަނިކުފާނުގެ ވާހަކަފުޅު ފެއްޓެވީ އެ ފޮތުގެ 157 ވަނަ ސަފްހާގައި ބަޔާންކުރައްވާފައިވާ ވާހަކަކޮޅު ވިދާޅުވެ ދެއްވަމުންނެވެ.
"ވެރިކަމަކީ މާބޮޑު މޮޅެއް ނޫނެވެ. އެއީ ވެރިކަން ކުރާ މީހާއަށް ލިބޭ މުދާގަނޑެއް ވެސް ނޫނެވެ. އެއާ ހިލާފަށް ވެރިކަމަކީ ވަރުގަދަ ޒިންމާއެކެވެ. ވަރުގަދަ މަސްއޫލިއްޔަތެކެވެ. ވަރަށް ބޮޑު އަމާނާތެކެވެ." ބައްޕާފުޅު ލިޔުއްވާފައިވާ "ދައުލަތާ ވެރިންނާ މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް" ފޮތް ބައްލަވައިގެން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ފޮތުގައި ހުރި ކަންކަން ވިދާޅުވަމުން ގެންދެވީ އެއީ ބައްޕާފުޅު ލިޔުއްވާފައިވާ ފޮތެއް ވީމައި ނޫން ކަމަށެވެ. އެ ފޮތް ކިޔާފައިވާ ކޮންމެ ފަރާތަކުންވެސް، އެ ފޮތަކީ ވެރިކަމާ ގުޅޭ ގޮތުންނާއި ރައްޔިތުންނާއި ވެރިންނާ އޮތް ގުޅުމާ ގުޅޭ ގޮތުން އަގުހުރި ކަންކަން ލިޔުއްވާފައިވާ ފޮތެއްކަން ދަންނާނެ ކަމަށް ވިދާޅުވި އެވެ.
އެ ފޮތަކީ، ވެރިން މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ގޮތް އިލްމީ ނަޒަރަކުންނާއި ދީނީ ނަޒަރަކުން އަދި އިސްލާމީ ތާރީހުގެ އަލީގައާއި ރާއްޖޭގެ ގާނޫނާއަސާސީއަށް ރިއާޔަތްކޮށް ވަރަށް އިލްމީ ގޮތެއްގައި، ވަރަށް ވަށައިޖެހޭ ގޮތެއްގައި ލިޔުއްވާފައިވާ ފޮތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ފޮތުގެ ފިހުރިސްތުގަ ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރުވެސް، މިފޮތަކީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް، ތިމަންމެންގެ ވެރިޔަކަށް މީހަކު ހޮވައިގެން އެ ހަވާލުކުރާ ޒިންމާ އަދާކުރަނީ ރަގަޅަށްތޯ ބެލުމުގަ ބަލަންވީ ހުރިހާ ކަމެއްހެން ގާތްގަނޑަކަށް ބަޔާންކޮށްފައިވާ ފޮތެއް،" ރައީސް ވިދާޅުވި އެވެ.
ފޮތުގައި، އިސްލާމީ އިސްލާމީ ދައުލަތުގެ ވެރިޔާގެ ޒިންމާތަކާއި، ދައުލަތުގެ އެކިއެކި ބާރުތަކާއި އަދި ގާނޫނު ހެދުމުގެ ބާރުތަކުގެ އިތުރުން، އަދުލު އިންސާފުގެ ބާރާއި ނޫސްވެރިކަމުގެ ބާރާ ބެހޭ ގޮތުން ވެސް ލިޔުއްވާފައިވެ އެވެ.
"އަޅުގަނޑުގެ ގައިޑް ބުކަކީ މި ފޮތް. އަޅުގަނޑު މިއަދާ ހަމައަށްވެސް ބަލަމުން އައީ މިފޮތް. އެއީ މީގަ ކީރިތި ގުރުއާނުގެ އަލީގަ، ކީރިތި ރަސޫލާގެ މާތްވެގެންވާ ސުންނަތުގެ އަލީގަ، ދެންމެ ދެންނެވި ފަދައިން އިސްލާމީ ތާރީހުގެ އަލީގަ އަދި ރާއްޖޭގެ ގާނޫނުއަސާސީއާ ގާނޫނުތަކަށް ރިއާޔަތްކޮށް، ރާއްޖޭގެ ކޮންޓެސްޓްގަ ވަރަށް ވަށައިޖެހޭ ގޮތެއްގައި ބައްލަވާލައްވާފައި ވާތީ އަޅުގަނޑަށް މި ފޮތުން ވަރަށް ގިނަ ކަންތައްތައް އެނގި ހާމަވެގެންދޭ،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ރޭގެ ވާހަކަފުޅު ބިނާ ކުރެއްވީ ވެސް އެ ފޮތުގައި ހުރި ކަންތައްތަކުގެ މައްޗަށެެވެ. ރައީސް ވަނީ އެފޮތުގެ އެކި ސަފްހާތަކަށް ރިއާޔަތް ކުރައްވައި، ފޮތުގައި ހުރި މުހިންމު ކަންކަން ވިދާޅުވެ ދެއްވާފަ އެވެ.
ރައީސް ބައްޕާފުޅަކީ މިސްރުގެ އަަލްއަޒްހަރު ޔުނިވަސިޓީން ތައުލީމު ހާސިލުކުރެއްވި ދީނީ އިލްމުވެރިއެކެވެ. އެމަނިކުފާނަކީ 1980 ވަނަ އަހަރު ދިވެހިރާއްޖޭގެ ހައިކޯޓު އުފެއްދެވުމަށްފަހު އެ ކޯޓަށް ފުރަތަމަ އައްޔަަނުކުރެވުނު ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅެކެވެ.
ރައީސްގެ ބައްޕާފުޅަކީ ދީނީ ފޮތްތަކާއި ލިޔުންތައް ލިޔުއްވައި، ދިވެހިރާއްޖޭގެ ގައުމީ މީޑިއާ މެދުވެރިކޮށް ދީނީ އިލްމު ފެތުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި އިލްމުވެރިއެކެވެ. އަދި އިލްމީ އެކި މައުލޫއުތަކަށް ފޮތް ލިޔުއްވި މުއައްލިފެކެވެ. އެގޮތުން، އާއިލީ ގުޅުންތަކާއި ދައުލަތް ހިންގުމާއި ވެރިކަމުގެ ނިޒާމާއި މިފަދަ އެތައް މައުލޫއަކަށް ފޮތް ލިޔުއްވާފައިވެ އެވެ.
ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމުގެ އިތުރަށް ޝައިހް ހުސައިން އަބްދުއްރަހްމާން ވަނީ ބަންޑާރަނައިބު އޮފީސް ހިންގަވާ އިސް ބޭފުޅެއްގެ ހައިސިއްޔަތުން އެޓާނީ ޖެނެރަލްގެ ނައިބުގެ މަގާމުގެވެސް އަދާކުރެއްވި ބޭފުޅެކެވެ.
އޭގެ އިތުރަށް އެޑިއުކޭޝަން މިނިސްޓްރީގައި އިސްލާމީ ތައުލީމުގެ ކަންކަން ބެލެހެއްޓެވުމުގެ އެންމެ އިސް މަސްއޫލުވެރިއެއްގެ މަގާމުގައިވެސް ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.