ކެނަރީފް ރިސޯޓުގައި ބޭއްވި މުބާރާތުގައި ނިވާކަން ކުޑަކޮށް ދެޖިންސުގެ މީހުން އުޅޭ ވީޑިޔޯތައް މީސްމީޑިޔާގައި އާއްމުވެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.
އައްޑޫ ކެނަރީފް ރިސޯޓުގައި ކުރިއަށްގެންދިޔަ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިސީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ނިވާކަން ކުޑަކޮށް ތިބެ ދެ ޖިންސުގެ މީހުން ގައިގޯޅިވެގެން އުޅުނު މަންޒަރުތައް ސޯޝަލް މީޑިޔާގައި ފެތުރުމުން އެ މުބާރާތް އިންތިޒާމުކުރި ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)އިން މައާފަށް އެދިއްޖެ އެވެ.
މި މުބާރާތަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނީ ދިވެހި އަންހެނަކު މެކްސިކޯގައި މި އަހަރު އޮންނަ މިސް ޔުނިވާސްގައި ރާއްޖެ ތަމްސީލުކުރުމަށް ބައިވެރިވުމުން އެކަން ސަރުކާރުން ކުށްވެރިކޮށްފައިވަނިކޮށް، ރާއްޖޭގެ ރިސޯޓެއްގައި ސަރުކާރުގެ ބައިވެރިވުމާއެކު، ނިވާކަން ކުޑަ ހެދުން ލައިގެން ބަޔަކު ބައިވެރިވާ ހަރަކާތެއް ކުރިއަށްގެންދިއުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ ވިދިގެން އެ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރީ ބައިނަލްއަގުވާމީ ކުޅިވަރުގެ ދުނިޔޭގައި ދިވެހިރާއްޖޭގެ ޕްރޮފައިލް ވަރުގަދަކުރުމަށް ކަމަށެވެ. އަދި އެކަމުން ދިވެހިރާއްޖޭގެ އިގުތިސާދަށާއި ފަތުރުވެރިކަމަށް ލިބޭނެ ކުރިއެރުމަށްވެސް ވިސްނާފައިވާނެ ކަމަށެވެ.
އަދި މިމުބާރާތަކީ ވަރަށް ދުރާލާ މަސައްކަތްކޮށްގެން އެހެން ގައުމުތަކާ ވާދަކޮށްގެން މުބާރާތް ރާއްޖޭގައި ހޮސްޓުކުރަން ލިބުނު ފުރުސަތެއްކަން ފާހަގަކޮށް އެސޯސިއޭޝަނުން ބުނީ އެ މުބާރާތް ބޭއްވުމަށް ވޯލްޑް ބޮޑީބިލްޑިން އެންޑް ފިސްކަލް ސްޕޯޓްސް ފެޑަރޭޝަނާއެކު އެއްބަސްވުމަށްފަހު މުބާރާތް ކެންސަލުކޮށްފިނަމަ ރާއްޖޭގެ ކުޅިވަރު ޖަމްއިއްޔާތަކަށާއި ދައުލަތަށް މާލީ ގޮތުން ލިބިދާނެ ގެއްލުންތަކަށް ރިއާޔަތްކުރުމަށްފަހު މުބާރާތް ރާއްޖޭގައި ބާއްވަން ނިންމީ ކަމަށެވެ.
ބީބީއޭއެމްއިން ފާހަގަކުރި ގޮތުގައި މުބާރާތް ބޭއްވީ އާއްމުން ދިރިއުޅޭ ރަށެއްގައެއް ނޫނެވެ. ނަމަވެސް މުބާރާތް ބޭއްވީ ޓޫރިސްޓުން ރާއްޖެއަށް އައިސް އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ އެއްގޮތަށް އުޅެވޭ ރިސޯޓެއްގައި ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.
އެ އެސޯސިއޭޝަނުން އިތުރަށް ބުނީ އެ މުބާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ،މުހައްމަދު މުއިއްޒާއި ސްޕޯޓްސް މިނިސްޓްރީން ދެއްވި އިރުޝާދާ އެއްގޮތަށް ކުރިއަށްގެންދިއުމަށް މަސައްކަތް ކުރި ކަމަށެވެ.
އެހެންނަމަވެސް މުބާރާތާ ގުޅިގެން ފެތުރެމުންދާ ހަބަރުތަކާ މެދު ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުން އެ އެސޯސިއޭޝަަނުންވަނީ ރައީސްގެ އަރިހުން އަދި ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދިފަ އެވެ. އަދި މުސްތަގުބަލުގައި މިފަދަ ކަމެއް ތަކުރާރުނުވާނެ ކަަމުގެ ޔަގީންކަން އެ ޖަމްއިއްޔާއިން ދިނެވެ.