ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެފައިވަނީ މި މަސައްކަތް އަންގާރަދުވަހު ފަށައި ބިލުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތެއް ކަނޑައަޅާނެ ކަމަށެވެ.
އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އަންގާރަދުވަހު ފަށަން ނިންމައިފި އެވެ.
ކޮމިޓީގައި އެ މަސައްކަތް ތާވަލުކޮށްފައިވާއިރު، އެކަމާ ގުޅިގެން ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެފައިވަނީ މި މަސައްކަތް އަންގާރަދުވަހު ފަށައި ބިލުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތެއް ކަނޑައަޅާނެ ކަމަށެވެ.
އެގޮތުން އެބިލު ނިންމާނެ ސުންގަނޑިއެއް އެ ދުވަހު ކަނޑައަޅައި ބިލާ ގުޅުގެން ހިޔާލު ހޯދުމަށް ކޮމިޓީއަށް ހާޒިރުކުރަން ޖެހޭ މުއައްސަސަތަކާއި އިދާރާތަކާއި ސްޓޭކް ހޯލްޑަރުން ހާޒިރުކޮށް މަޝްވަރާކުރެވިގެން ބިލުގެ މސައްކަތް ކުރިއަށް ގެންދަން ފެށޭނެ ކަމުގައި ފަލާހު ވިދާޅުވި އެވެ.
"ދުނިޔޭގެ މަސްރަހުގައިވެސް އިސްރާއީލުން ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާ ދެކޮޅަށް އެންމެ ހަރުއަޑުން ވަކާލާތުކުރައްވާ އެއް ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު. އިސްރާއީލު ޕާސްޕޯޓު ބޭންކުރުމަކީ އެމަނިކުފާނުގެ ނިންމެވުމެއް. އެހެންވީމާ އެ މަސައްކަތް ލަސްނުކޮށް ކުރިއަށްދާނެ،" ފަލާހު ވިދާޅުވި އެވެ.
ސަލާމަަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި މިހާރު އޮތް ބިލަކީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަހްމަދު މީކާއީލް ނަސީމު ހުށަހެޅުއްވި ބިލެކެވެ. އެބިލަކީ އެންމެ އެކަށީގެންވާ ގޮތަކަށް ފަރުމާކުރެވިފައިވާ ބިލެއް ނޫންކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމު ވިދާޅުވެފައިވެ އެވެ.
އެހެންކަމުން ސަރުކާރުގެ ވިސްނުން ހުރީ އެ ބިލަށް ގެންނަންޖެހޭ އިސްލާހުތައް ކޮމިޓީ މަރުހަލާގައި ގެނެސް ބިލުގެ މަސައްކަތް ނިންމައި އިސްރާއީލު ޕާސްޕޯޓު މަނާކުރުން ކަމަށްވެސް އުޝާމު ވިދާޅުވެފައިވެ އެވެ.