ރާއްޖެއޭ ބުނުމުން އެންމެންގެ ވިސްނުމަށް އަންނަނީ ގުދުރަތީ ރީތިކަމާއި މެހެމާންދާރީކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިލިއަނަރުންނާއި ބިލިއަނަރުންނަށް ރާއްޖޭގެ ރިސޯޓުތަކުގައި ހިދުމަތް ދެނީ ދިވެހިން ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ދިވެހި ޒުވާނުން ރާއްޖެ ދޫކޮށްފައި ބޭރަށް ދާންޖެހޭ އެއްވެސް ސަބަބެއް އޮވެގެންނުވާނެކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ފައިސަލް މިފަދައިން ވިދާޅުވީ ފަސް ތަރީގެ ރިސޯޓަކާއެކު ލ.އަތޮޅުގައި ރާއްޖޭގެ ހޮސްޕިޓޭލިޓީ ސްކޫލު ގާއިމުކުރުމުގެ އެއްބަސްވުމުގައި ގައުމީ ޔުނިވަސިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފުރުސަތުތައް މިވީހާ ތަނަށް އޮތީ އެކަށީގެންވާ ގޮތެއްގައި ފަހިނުކުރެވި ކަމަށެވެ. ނަމަވެސް ރިސޯޓުތަކަށް ކުރެއްވި ދަތުރުތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި އިވެންޓުތަކުން ބައްދަލުވެވަޑައިގެންނެވި އެ ދާއިރާގެ ބޭފުޅުންނަށް ބަލާއިރު ރިސޯޓުތަކުގެ މަތީ ފަންތީގެ ހުރިހާ މަގާމެއްގައި ހެން ދިވެހިން މިހާރު ހަރަކާތްތެރިވާކަމަށާއި، އެއީ ވަރަަށް ޒުވާން އުމުރުން ފެށިގެން އެ ދާއިރާގައި މަސައްކަތްކޮށްގެން އެ ހިސާބަށް ވާސިލުވެފައި ތިބި މީހުންކަމަށް މފައިސަލް ވިދާޅުވި އެވެ.
ނަމަވެސް ގައުމީ ޔުނިވަސިޓީއާއެކު ހެދުނު އެއްބަސްވުމުގެ ދަށުން ގާއިމުކުރެވޭ ރިސޯޓާއި ހޮސްޕިޓޭލިޓީ ފެކަލްޓީގެ ސަބަބުން އެ މައްސަލަ ހައްލުކުރެވި ޓޫރިޒަމް ސިނާއަތަށް ނިކުންނަން ބޭނުންވާ ޒުވާނުންނަށް ތައުލީމާއި ތަޖުރިބާ އެކުއެކީ ހާސިލުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.
އަދި ހޮޓެލް ސްކޫލު ގާއިމުކުރެވެނީ މާލެއާ ދުރުގައި ލ.އަތޮޅުގައިކަން ފާހަގަކުރައްވައި ފައިސަލު ވިދާޅުވީ ކިޔެވުމަށްޓަކައި އެބަޔަކު ދިރިއުޅޭ ސަރަހައްދު ދޫކޮށް އެއަށްވުރެ ދުރަށް ދަތުރުކޮށް ތައުލީމު ހާސިލުކުރުމަކީ މުހިއްމު އަދި އެކަމުން ގިނަ ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ މައިގަނޑު އަމާޒަކީ ފަތުރުވެރިކަމުގެ އެންމެ ބޮޑު މަންފާއެއް ދިވެހިންނަށް ލިބޭނެ ގޮތަށް މި ސިނާއަތް ބައްޓަންކުރުން ކަމަށެވެ. އެގޮތުން މިހާރު ފަތުރުވެރިކަން ނެތް ސަރަހައްދުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަންދޭކަން އޭނާ ފާހަގަކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީނުކުރެވޭނެ އެއްވެސް ސަރަހައްދެއް ނެތެވެ. އެކަން ނުކުރެވި އޮތީ ސަރުކާރުތަކުގައި އެކަންކުރުމުގެ އަޒުމާއި ނިޔަތް ނެތުމުންކަން ފާހަގަކުރައްވައި ފައިސަލު ވިދާޅުވީ އެ އަމާޒު ހާސިލުކުރުމަށް މި ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ. އަދި އެކަމުގެ ނިޔަތާއި އަޒުމު ސަރުކާރުގައި އެބައޮތް ކަމަށެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ ދިވެހިން ފަތުރުވެރިކަމުގެ ދާއިރާއިން ކިޔެވުމަށް ރާއްޖެ ދޫކޮށް ދުރު ގައުމުތަކަށް ބޭރަށް ދާންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ރާއްޖެއޭ ބުނުމުން އެންމެންގެ ވިސްނުމަށް އަންނަނީ ގުދުރަތީ ރީތިކަމާއި މެހެމާންދާރީކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިލިއަނަރުންނާއި ބިލިއަނަރުންނަށް ރާއްޖޭގެ ރިސޯޓުތަކުގައި ހިދުމަތް ދެނީ ދިވެހިން ކަމަށެވެ.
"ފައިވް ސްޓާ ރިސޯޓާއެކު ހޮޓެލް ސްކޫލު ހުޅުވައިލެވުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މިތަނަށް މީހުން ހޮސްޕިޓޭލިޓީ ދާއިރާއިން ކިޔަވަަން އަންނާނެ. އަޅުގަނޑަށް ގަބޫލުކުރެވެނީ މި ހޮޓެލްސް ސްކޫލުވާނީ ދުނިޔޭގެ ތާރީހުގައި ފާހަގަކޮށްލެވޭ ހޮޓެލް ސްކޫލަކަށް ކަމުގައި،" ފައިސަަލް ވިދާޅުވި އެވެ.