ޓޫރިޒަމުން ދައުލަތަށް 746 މިލިއަން ޑޮލަރުގެ އާމްދަނީއެއް

ޓެކުހާއި ޓެކުސް ނޫން ގޮތްގޮތުން ޓޫރިޒަމް ސިނާއަތުން ދައުލަތަށް ލިބުނު ބޭރު ފައިސާގެ އާމްދަނީ ނިމުނު އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން މީރާގެ ހިސާބުތަކުން ދައްކަ އެވެ.

ޓޫރިޒަމް ސިނާއަތުން ދައުލަަތަށް ލިބުނު އާމްދަނީ ނިމުނު އަހަރަށްވުރެ ބޮޑު ތަނުން އިތުރުވެފައިވޭ -- މުހައްމަދު އަފްރާހު | މިރާ

ޓޫރިޒަމް ސިނާއަތުން ދިވެހި ދައުލަތަށް މި އަހަރުގެ ފުރަތަމަ ތިން ކުއާޓާގައި 746 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުކަން ޓެކުސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިސާބުތަކުން ދައްކައިފި އެވެ. 

މިއީ މައިގަނޑު ގޮތެއްގައި ޓޫރިޒަމް ދާއިރާއިން ނަގާ ޓެކުސްތަކާއި ފީތަކާއި ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. މި ހުރިހާ ފައިސާއެއްވެސް ދައުލަތަށް ލިބިފައިވަނީ ޑޮލަރުންކަން މީރާގެ ހިސާބުތަކުން ދައްކަ އެވެ. އެއިން އެންމެ ބޮޑު ނިސްބަތެއް ލިބުނީ އެކި ޓެކުހުގެ ގޮތުގަ އެވެ. 

ޓޫރިޒަމް ސިނާއަތުން ސީދާ ނަގާ ޓެކުސްތަކާއި ނުސީދާ ގޮތުން ޓޫރިސްޓުން އަތުން ނަގާ ޓެކުހުގެ ގޮތުގައި 576.9 މިލިއަން ޑޮލަރު ދައުލަތަށް ލިބިފައިވާކަން މީރާގެ ހިސާބުތަކުން ދައްކަ އެވެ. އެއީ

  •  ގްރީން ޓެކްސް: 52.7 މިލިއަން ޑޮލަރު
  •  ޓީޖީއެސްޓީ: 469.05 މިލިއަން ޑޮލަރު
  •  ޑިޕާޗާ ޓެކްސް: 55.2 މިލިއަން ޑޮލަރު

ފާއިތުވި 2023 ވަނަ އަހަރު މި ތިން ބާވަތުގެ ޓެކުސްގެ ގޮތުގައި ލިބުނީ ޖުމްލަ 515 މިލިއަން ޑޮލަރެވެ. އެހެންކަމުން މި އަހަރު އެ ތިން ޓެކުހުން ލިބުނު އާމްދަނީވަނީ %11.8 އިތުރުވެފަ އެވެ. 

ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ އިތުރަށް ޓޫރިޒަމް ދާއިރާއިން ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީވެސް ނިމުނު އަހަރާ އަޅާބަލާއިރު އިތުރުވެފައިވެ އެވެ. އެގޮތުން ޓެކުސް ނޫން ގޮތްގޮތުން ޓޫރިޒަމް ދާއިރާއިން މި އަހަރު 170.7 މިލިއަން ޑޮލަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނެވެ. އެއީ 

  •  އެއާޕޯޓު ޑިވެލޮޕްމެންޓު ފީ: 56.1 މިލިއަން ޑޮލަރު
  •  އެކުއިޒިޝަން ފީ: 6.3 މިލިއަން ޑޮލަރު
  •  ލީސް އެކްސްޓެންޝަން: 15 މިލިއަން ޑޮލަރު
  •  ޓޫރިޒަމް ރެންޓް: 92.3 މިލިއަން ޑޮލަރު
  •  ޓޫރިޒަމް އެޑްމިޝަން ފީ: 1 މިލިއަން ޑޮލަރު

ފާއިތުވި އަހަރު ޓެކުސް ނޫން ގޮތް ގޮތުން ޓޫރިޒަމް ދާއިރާއިން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 130 މިލިއަން ޑޮލަރެވެ. އެހެންކަަމުން މި އަހަރު ޓެކުސް ނޫން ގޮތްގޮތުން ޓޫރިޒަމް ދާއިރާއިން ލިބުނު އާމްދަނީވަނީ 35.8 އިންސައްތަ އިތުރުވެފަ އެވެ. 

ޓޫރިޒަަމް ސިނާއަތުން ނިމުނު އަހަރުގެ ފުރަތަމަ ތިން ކުއާޓާގައި ލިބުނު ޖުމްލަ އާމްދަނީއާ އަޅާބަލާއިރު މި އަހަރު ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. 

ޓޫރިޒަމް ޓެކުސްތައް ބޮޑުކޮށްފި ސަރުކާރުންވަނީ ޓޫރިޒަމް ސިނާއަތާ ގުޅުންހުރި ތިން ޓެކުހެއް ބޮޑުކޮށްފަ އެވެ. މަޖިލީހުން ފާސްކޮށް މިހާރު ތަސްދީގުކޮށްފައިވާ ޓެކުސް އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ޓީޖީއެސްޓީ ރޭޓާއި ގްރީން ޓެކުހާއި، އެއާޕޯޓު ޑިވެލޮޕްމެންޓު ފީއާއި ޑިޕާޗާ ޓެކްސް ބޮޑުކުރުމަށް ގެނައި އިސްލާހުތަކެވެ. އެ އިސްލާހުތަކާއެކު އަންނަ އަހަރު ޓޫރިޒަމް ސިނާއަތުން ދައުލަތަށް ލިބޭ އާމްދަނީ މި އަހަރަށްވުރެ ވަރަށް ބޮޑުތަން އިތުރުވާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.