ތޯރިގު ތުހުމަތުތައް ގުޅުވާފައިވާ މާފު ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގާނޫނުގެ ދަށުން ހުކުމުން މިންވަރެއް ތަންފީޒުކޮށް ނިމިފައިވާ މީހުންނަށް މާފު ދިނުމުގެ ފުރުސަތު ގެއްލިފައިވާ މީހުންގެ އަދަބު ލުއި ކޮށްދިނުމުގެ ބާރު ރައީސަށް އޮވެ އެވެ. އެ މަސައްކަތް ކުރާނީ ރައީސް އޮފީހުންނެވެ.
ގައިދީންގެ އަދަބު ލުއިކޮށް މާފު ދޭން، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފައިސާ ނަންގަވާ ކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ސެނެޓާ، އަހްމަދު ތޯރިގު (ޓޮމް) ކުރެއްވި ތުހުމަތުތައް ދޮގު ކުރައްވައި އަލީ ޒާހިރު ރައްދު ދެއްވައިފި އެވެ.
ތޯރިގު، އަމާޒު ކުރި ބޮޑު ތުހުމަތާ ގުޅިގެން "މި" ނޫހުން މިއަދު ސުވާލު ކުރުމުން ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ އިދިކޮޅު މެންބަރު ތޯރިގު އޭނާއަށް ތުހުމަތުކޮށް ދެއްކެވި ވާހަކައަކީ އެއްވެސް އަސްލެއް އޮވެގެން ދެއްކެވި ވާހަކައެއް ނޫން ކަމަށާއި އެފަދަ ވާހަކައެއް ފަތުރައިލަން ތޯރިގު ޝައުގުވެރިވެ ވަޑަައިގެންނެވި ސަބަބު ވެސް އެނގި ވަޑައި ނުގެންނެވި ކަމަށެވެ.
"އެއީ އަސާސެއް ނެތި ހަދާފައިވާ ދޮގު ތުހުމަތެއް ހިމެނޭ ވާހަކަތަކެއް، އަޅުގަނޑަށް ހީވަނީ ސުރުހީއެއް ހޯއްދަވަން ބޭނުންފުޅު ވެގެން ވަކި މީހަކު ފާގަހޮށް ދޮގެއް ހެއްދެވީހެން... ސުރުހީއެއް ހޯއްދަވަން ދޮގު ވެސް ހަދަނީ!" ޗީފް އޮފް ސްޓާފް ވިދާޅުވި އެވެ.
އަލީ ޒާހިރު ފުރަތަމަ ފަހަރަށް "މި" ނޫހަށް ދެއްވި ކުރު އެ އިންޓަވިއުގައި ވިދާޅުވީ "ސިޔާސީ ދޮގެއް ހަދަން ކޮންމެ ފަދަ ވާހަކަ އެއް ވެސް އދިކޮޅުން ދައްކާފާނެ" ކަމަށެވެ.
އަޅުގަނޑަށް ވެސް ދެންނެވި ދާނެ، މަހިބަދޫ ދާއިރާރެ އިތްޒަތްތެރި މެންބަރު އަހުމަދު ތޯރިގަކީ އަންހެނެކޭ ވެސް... ދެން އަޅުގަނޑު އެހެން ބުނެގެން ތޯރިގު އަންހެނަކަށް ވޭތޯ... އެ ހުންނަނީ އަސްލެއް ނެތް ވާހަކަ، ތޯރީގު ދެއްކެވީ ވެސް އަސްލެއް ނެތް ވާހަކައެއް،
އަލީ ޒާހިރު | ޗީފް އޮފް ސްޓާފް
"އަޅުގަނޑަށް ވެސް ދެންނެވި ދާނެ، މަހިބަދޫ ދާއިރާރެ އިތްޒަތްތެރި މެންބަރު އަހުމަދު ތޯރިގަކީ އަންހެނެކޭ ވެސް... ދެން އަޅުގަނޑު އެހެން ބުނެގެން ތޯރިގު އަންހެނަކަށް ވޭތޯ... އެ ހުންނަނީ އަސްލެއް ނެތް ވާހަކަ، ތޯރީގު ދެއްކެވީ ވެސް އަސްލެއް ނެތް ވާހަކައެއް،" އަލީ ޒާހިރު ވިދާޅުވި އެވެ.
ގިނަ ގިނައިން ސަރުކާރަށް ފާޑު ކިޔައި ޓްވީޓްތައް ކުރައްވާ މެންބަރު ތޯރިގު ޓްވީޓާގެ އަކުރު ލިމިޓަށް ލިޔުއްވި ސިޓީއެއްގައި އަލީ ޒާހިރަށް ކުރެއްވީ ވަރަށް ބޮޑު ތުހުމަތަކެވެ. އޭގައި ވިދާޅުވެފައި ވެއެވެ:
"ރައީސް ސޯލިހުއަށް! މާފު ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގޮތުން ތިޔަ އޮފީހުން ނިންމާ ނިންމުންތައް، ބާޒާރުގައި އަގު ނަގާ އުސޫލުން އަގު ނަގައިގެން ޗީފް އޮފް ސްޓާފު އަލީ ޒާހިރު އަންނަނީ ވިއްކަމުންނެވެ! މިކަން ހުއްޓުވާދޭށެވެ! ސަލާމް / މަހިބަދޫ ދާއިރާ މެންބަރު"
ޗީފް އޮފް ސްޓާފްގެ މަގާމަށް އަލީ ޒާހިރު ވަޑައިގެންނެވި ފަހުން އޭނާއަށް ތަފާތު ތުހުމަތުތައް އިދިކޮޅުން ކުރެ އެވެ. އެފަދައިން އޭނާއަށް ކުރާ ތުހުމަތުތައް އޭނާ އަބަދުވެސް ދޮގު ކުރައްވަވަ އެވެ.
ތޯރިގު ތުހުމަތުތައް ގުޅުވާފައިވާ މާފު ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގާނޫނުގެ ދަށުން ހުކުމުން މިންވަރެއް ތަންފީޒުކޮށް ނިމިފައިވާ މީހުންނަށް މާފު ދިނުމުގެ ފުރުސަތު ގެއްލިފައިވާ މީހުންގެ އަދަބު ލުއި ކޮށްދިނުމުގެ ބާރު ރައީސަށް އޮވެ އެވެ. އެ މަސައްކަތް ކުރާނީ ރައީސް އޮފީހުންނެވެ.