ހައްޔަރުކުރި 12 މީހުންގެ ތެރެއިން ފަސް މީހަކު ފަސް ދުވަހަށް ބަންދުކުރުމަށް އަދި ބާކީތިބި ހަތް މީހުން ހަތް ދުވަހަަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ ފުލެޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލާގައި ހައްޔަރުކުރި 12 މީހުން ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.
ހިޔާ އަވަށުގައި މީހަކު ރަހީނުކޮށްފައިވާ ކަމުގެ ރިޕޯޓު ހުކުރުދުވަހުގެ ރޭ ފުލުހަށް ހުށަހެޅުމާއެކު ހާާއްސަ އޮޕަރޭޝަނެއް ހިންގައި، މީހާ ރަހީނުކޮށްފައި ހުރި ފުލެޓުގެ ދޮރު ވައްޓާލައިގެން ފުލުހުން އެތަނަށް ވަންއިރު ރަހީނުކޮށްފައި ހުރި މީހާގެ ބޯ ބާލައި އޭނާގެ އިނގިލި ބުރިކުރުމަށް ރަހީނުކުރި މީހުން ތިބީ ތައްޔާރުވެގެންނެވެ.
އެ މީހާ ރަހީނުކުރީ ހިޔާ ނުވަވަނަ ޓަވަރުގައި ހުންނަ އެޕާޓުމެންޓެއްގަ އެވެ. ދޮރުވައްޓާލައިގެން ވަދެ ރަހީނުކޮށްފަައި ހުރި މީހާ ސަލާމަތްކޮށް އެކަމުގައި ބައިވެރިވި 12 މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފަ އެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުންވަނީ ހައްޔަރުކުރި އެންމެންވެސް ބަންދުގައި ބައިތިއްބަން އަމަރުކޮށްފަ އެވެ. މިހާތަނަށް މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަނުކުރެ އެވެ.
ހައްޔަރުކުރި 12 މީހުންގެ ތެރެއިން ފަސް މީހަކު ފަސް ދުވަހަށް ބަންދުކުރުމަށް އަދި ބާކީތިބި ހަތް މީހުން ހަތް ދުވަހަަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.
ރަހީނުކޮށް މީހަކު ބަންދުކުރި އެޕާޓުމެންޓަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި އެހެނިހެން ކުށްތައް ކުރުމަށް ބޭނުންކުރަމުންދާ އެޕާޓުމެންޓެއްކަމަށް ފުލުހުން ބުނެފައިވެ އެވެ.
މީގެ ކުރިން މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށްގެން ގެންގުޅެ އޭނާއަށް ބޮޑެތި އަނިޔާތަކެއް ކުރި މައްސަލައެއް ފުލުހުން ބަލާފައިވެ އެވެ. އެ މައްސަލާގައި ބައިވެރިވި މީހުންގެ ތެރޭގައި ސިފައިންގެ މީހުންވެސް ހިމެނޭކަން ފުލުހުންވަނީ ހާމަކޮށްފަ އެވެ.