ޑރ. ޒާހިރަށް މި ޝަރަފު އެރުވުން އޮންނާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ޖަލްސާގަ އެވެ. މި ޖަލްސާ އޮންނާނީ މާދަމާ ރޭ 8:15 ގައި ދަރުބާރުގޭގަ އެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަދި އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ. މުހައްމަދު ޒާހިރު ހުސައިނަށް ދިވެހިރާއްޖޭގެ ތައުލީމަށް ހިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު އެރުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ޑރ. ޒާހިރަށް މި ޝަރަފު އެރުވުމަށް ރައީސް ނިންމެވީ، ރާއްޖޭގެ ތައުލީމީ ތަރައްގީއަށާއި، ރާއްޖޭގައި ތައުލީމު ފުޅާކުރެއްވުމަށާއި، ތައުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރެއްވުމަށް އިހުލާސްތެރިކަމާއެކު، ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ކަމަށެވެ.
ޑރ. ޒާހިރަށް މި ޝަރަފު އެރުވުން އޮންނާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ޖަލްސާގަ އެވެ. މި ޖަލްސާ އޮންނާނީ މާދަމާ ރޭ 8:15 ގައި ދަރުބާރުގޭގަ އެވެ.
މި ޖަލްސާގައި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ދެއްވުން ވެސް އޮންނާނެ އެވެ. މި އަހަރު އިނާމު ލިބިވަޑައިގަންނަވަނީ 40 ބޭފުޅުންނަށެވެ.
އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވީ، އެހެން އަހަރުތަކެކޭވެސް އެއްފަދައިން ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ. މީގެއިތުރުން، މި ޖަލްސާގައި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު، 53 ބޭފުޅަކަށް ދެއްވާނެ އެވެ. ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް ބޭފުޅުން ހޮވަނީ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.