ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި ދާއިމީ އެއްބަސްވުމެއް ގާއިމުކުރެވުމުން، އެ އެއްބަސްވުމުގެ ދަށުން 100 މިލިއަން ޑޮލަރުގެ އިންވެސްޓުމެންޓު ގެނައުމަށް އެ ފަންޑުން އެއްބަސްވެފައިވާ ކަމަށް ޝިމާދު ވިދާޅުވި އެވެ.
ސަރުކާރުން އުތުރުގައި ހިންގާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއުކަމަށް މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް ފްރީ ޒޯން ޕްރޮޖެކްޓުގެ ދަށުން އެ ސަރަހައްދުގައި ތަރައްގީކުރާ ބަނދަރާއި އެ ބަނދަރާ ގުޅިފައިވާ އެހެނިހެން ހިދުމަތްތައް ގާއިމުކުރުމަށް ސިންގަޕޫރުގެ އިންވެސްޓުމެންޓު ފާމަކާއެކު ފްރޭމްވޯކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސަރުކާރުގެ ގިނަ ކުންފުނިތަކެއް ބައިވެރިވެގެން އެކުލަަވައިލާފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން ކުންފުންޏާއި ސިންގަޕޫރުގެ ކެޕިޓަލް އޭޝިޔާ އިންވެސްޓްމެންޓްސްގެ މެދުގައި ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރީ މިއަދު އެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަދި އެ ކުންފުނީގެ މައި ހިއްސާދާރުކަމަށްވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އެސްޓީއޯގެ އެމްޑީ ޝިމާދު އަހްމަދެވެ. އަދި ކެޕިޓަލް އިންވެސްޓުމެންޓު ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސާ ޖޯޖް ޓަން އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ ދިވެހިރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް ފަތުރުވެރިކަމުގެ މައްޗަށް އިގުތިސާދު ބަރޯސާވެފައި އޮތް އޮތުން ކުޑަކުރުން ކަމަށެވެ.
އެގޮތުން މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ބަނދަރެއް ތަރައްގީކުރުމާ ގުޅޭ ގޮތުން ކެޕިޓަލް އިންވެސްޓުމެންޓު ކުންފުންޏާއެކު ވަރަށް ތަފުސީލު ގޮތެއްގައި މަޝްވަރާކޮށްފަައިވާ ކަމަށެވެ. އެގޮތުން ވިޔަފާރީގެ މޮޑެލްއާއި ތަރައްގީކުރާނެ ވަސީލަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
ޝިމާދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިފަންޑަކީ މީގެ ކުރިންވެސް ރާއްޖޭގައި އިންވެސްޓުކޮށްފައިވާ ފަންޑެއް ކަމަށެވެ. އަދި މި މަޝްރޫއާ ގުޅިގެން ފީޒިބިލިޓީ ސްޓަޑީ ހެދުމާއި، އެ ނޫންވެސް މުހިއްމު ދިރާސާތައް ހެދުމަށް އެ ފަންޑުން ހަރަދުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަދި ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ އަލީގައި ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި ދާއިމީ އެއްބަސްވުމެއް ގާއިމުކުރެވުމުން، އެ އެއްބަސްވުމުގެ ދަށުން 100 މިލިއަން ޑޮލަރުގެ އިންވެސްޓުމެންޓު ގެނައުމަށް އެ ފަންޑުން އެއްބަސްވެފައިވާ ކަމަށް ޝިމާދު ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވި ގޮތުގައި މި އިންވެސްޓުމެންޓުގެ ތެރެއިން ގިނަ ހިދުމަތްތަަކެއް ގާއިމުކުރެވިގެންދާނެ ކަމަށެވެ. އެގޮތުން ބަނދަރުތަކާއި އިތުރު އިންފްރަސްޓްރަކްޗާއާއި ޓޫރިޒަމްގެ ވަސީލަތްތައްވެސް ތަރައްގީކުރެވިގެންދާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް ކޮމާޝަލް އޮފިސާ ޖޯޖް ޓަން ވިދާޅުވީ މި މަޝްރޫއަކީ ރާއްޖޭގެ ތަރައްގީ އިތުރު މަރުހަލާއަކަށް ގެންގޮސް، ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވާނެ ކަމެއް ކަމަށެވެ.
ޓަން ވިދާޅުވީ މި މަޝްރޫއުގެ ތެރެއިން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ޒަމާނީ ދެމެހެއްޓެނެވި ވަސީލަތްތައް ގާއިމުކުރުމުގެ މުހިއްމުކަން ވަރަށް ބޮޑަށް ފާހަގަކުރެއްވޭ ކަމަށެވެ.