ހުތުބާގައި އިތުރަށް ބުނީ ތިންފަށް ވަރިއަކުން ފިރިމީހާ އޭނާގެ އަނބިމީހާ ވަރިކޮށްފިނަމަ، އެ ފިރިހެނާގެ މައްޗަށް ވަރިކުރި އަންހެނާ ހަރާމްވާނެ ކަމަަަށެވެ.
ޝަރުއީ ސަބަބަކާ ލައިގެން މެނުވީ، އަނބީން އެ ކަނބަލުންގެ ފިރީންގެ ގާތުން ވަރިވާން އެދުމަކީ، އިސްލާމްދީނުގައި ނަހީކުރައްވައިފައިވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
"ވަރިކުރުމާއި އިއްދާއާ ބެހޭ ހުކުމްތައް" މި މައުލޫއަށް މިއަދު އިއްވި ހުތުބާގައި ބުނެފައި ވަނީ ތިން ބަހެއް ގަސްތަކާލައިގެން ނުވަތަ ސަމާސާއަކަށް ބުނިކަމުގައި ވިޔަސް އެ ކަންކަމުގެ ހުކުމް ހިނގާނެ ކަމަށާ އެއީ ކައިވެނިކުރުމާއި، ވަރިކުރުމާއި ކައިވެނި ރުޖޫއަ ކުރުން ކަމަށެވެ.
އަދި ހައްގަކާ ނުލައި، ފިރިމީހާގެ ގާތުން ވަރިވާން އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސް ހަރާމްވެގެންވާ ކަން ނަބިއްޔާގެ ހަދީސް ބަސްފުޅުތަކުން އެނގޭ ކަމަށެވެ.
ޒަވާޖީ ހަޔާތުގެ ގުޅުމަށް ބުރޫއަރާ ފަދަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި، އަމަލުކުރާންވީ ޝަރުއީ ގޮތް ކީރިތި ގުރްއާނުގައި ބަޔާން ވާކަން ހާމަކޮށް އެކަން ވެސް ހުތުބާގައި ވަނީ ސާފުކޮށް ދެއްވާފަ އެވެ.
"އެ ދެ މީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދި، އެކަމާމެދު ތިޔަބައިމީހުން ބިރުގެންފިނަމަ، އޭނާގެ އަހްލުވެރީންގެ ތެރެއިން ނިޔާވެރިޔަކާއި، އެކަނބުލޭގެ އަހްލުވެރީންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ! ސުލްހަ ކުރުމަށް އެ ދެ މީހުން ގަސްތު ކުރާނަމަ، ﷲ، އެ ދެ މީހުން ސުލްގަ ކުރައްވައި، އެއްބަސް ކުރައްވައިފާނެތެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ ހަބީރު ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ،" ދެމަފިރިއެއްގެ ދެމެދުގައި އުފެދޭ އަރައިރުން، ވަރިއާ ހަމައަށް ދިއުމުގެ ކުރީން، އެ އަރައިރުން ހައްލުކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ޓަކައި، ދެ ފަރާތުން ފޮނުވާ ނިޔާވެރީންގެ ނިންމުމާ، އެއް ގޮތަށް އަމަލުކުރުމަށް ނަސޭހަތް ދެއްވާ ހުތުބާގައި ގެންނެވި އާޔަތުގެ މާނަ ބަޔާންކޮށް ދެއްވާ ބުނެފައިވެ އެވެ.
ވަރީގެ މައިގަނޑު ދެ ބާވަތަކީ ރަޖުއީ ވަރިއާއި ބާއިނު ވަރިކަން ފާހަގަކޮށް ހުތުބާގައި ބުނީ ރަޖުއީ ވަރިއަކީ، ފުރަތަމަ ފަހަރާއި، ދެވަނަ ފަހަރު ކުރާ ވަރީގެ އިއްދައިގެ ތެރޭގައި، ފިރިމީހާ އޭނާގެ އަނބިމީހާ ރުޖޫއަ ކުރިކަމަށް ބުނުމުން އަނބިމީހާ ރުޖޫއަ ކުރެވޭ ވަރި ކަމަށެވެ. އަދި ބާއިނު ވަރިއަކީ ފުރަތަމަ ފަހަރާއި ދެވަނަ ފަހަރު ވަރީގެ އިއްދަ ހަމަވުމާއި، ތިންފަށް ވަރިއާއި ހުލުއު ވަރި ކަމަށެވެ.
"ބާއިނު ވަރިއަކުން އަނބިމީހާ ވަރިކޮށްފި ނަމަ ކައިވެނި ރުޖޫއައެއް ނުކުރެވޭނެއެވެ. ހުކުމުގެ ގޮތުން ވަރި ބެހެނީ ދެބައަކަށެވެ. އެއީ ސުންނީވަރިއާއި ބިދުއީ ވަރިއެވެ،"
ސުންނީވަރިއަކީ އަނބިމީހާ ބަލިވެއިންދައި، ނުވަތަ ޖިމާއުވެފައިނުވާ ޠުހުރެއްގައި، ސަރީހަ އިބާރާތުން، ވަރިކޮށްފީމޭ ބުނެ ވަރިކުރުން ކަމަށާ އަނބިމީހާ ހައިލުގެ ތެރޭގައި ވަރިކުރުމާއި، ޖިމާޢުވެފައިވާ ޠުހުރެއްގައި ބަލިވެއިންކަން ނުވަތަ ނޫންކަން ނޭނގޭ ހާލުގައި ވަރިކުރުމާއި، އެއްފަހަރާ ތިންފަށްވަރިއަކުން ވަރިކުރުމަކީ ބިދުއީ ވަރި ކަމަށެވެ. އަދި އެއީ ސުންނަތާ ހިލާފު ވަރިއެެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
"ވަރިކުރުން ހުއްދަވާ ސަބަބުތަކުގެ ތެރޭގައި، އަނބިމީހާގެ އަހްލާގު ނުބައިވުމާއި، ޒަވާޖީ ހަޔާތުގެ އިންތަކުން ބޭރުވުމާއި، ﷲގެ އަމުރުފުޅުތަކަށް ފަރުވާ ކުޑަކުރުން ހިމެނެއެވެ. ﷲ އެންގެވި އިމުގެ ތެރޭގައި ދެމަފިރީންނަށް ޒަވާޖީ ހަޔާތް ވޭތުނުކުރެވޭނެކަން ކަށަވަރުވެއްޖެ ނަމަ، އެންމެ ރަނގަޅު ގޮތަކީ ވަރިވުމެވެ. ހަމަ އެ ފަދައިން ފިރިމީހާ އަނބިމީހާގެ މައްޗަށް އަނިޔާވެރިވެ، އޭނާގެ ހައްގުތައް އަދާނުކުރާ ނަމަ، އަނބިމީހާއަށް ކައިވެނި ހުލްއު ކުރުމަށް ހުށަހެޅުން ހުއްދަވާނެއެވެ. އެ ފަދަ ހާލަތެއްގައި ފިރިމީހާ އޭނާއަށް ދިން ކައިވެނީގެ ރަން އަނބުރައި ދޭން ޖެހޭނެއެވެ،" ހުތުބާގައިވެ އެވެ.
ފުރަތަމަ ވަރިއާއި ދެވަނަ ވަރީގެ އިއްދައިގެ ތެރޭގައި، އަނބިމީހާ އިންނާން ޖެހޭނީ ފިރިމީހާގެ ހިޔާވަހިކަމުގެ ދަށުގައި ކަމަށާ އެއީ އެ ހާލަތުގައި ފިރިމީހާއަށް ކައިވެނި ރުޖޫއަކުރުމުގެ ހައްގު އޮންނާތީ ކަމަށް ހުތުބާގައި ބުންޏެވެ. އަދި އެއީ ޒަވާޖީ ހަޔާތް ދެމެހެއްޓުމަށް އިސްލާމް ދީން ބާރުއަޅާ މިންވަރު އަންގައިދޭ ކަމެެއް ކަން ފާހަގަ ކޮށްފައިވެ އެވެ.
ހުތުބާގައި އިތުރަށް ބުނީ ތިންފަށް ވަރިއަކުން ފިރިމީހާ އޭނާގެ އަނބިމީހާ ވަރިކޮށްފިނަމަ، އެ ފިރިހެނާގެ މައްޗަށް ވަރިކުރި އަންހެނާ ހަރާމްވާނެ ކަމަަަށެވެ. އަދި ތިންފަށްވެފައިވާ އަންހެނާ، އޭނާ ވަރިކުރި ފިރިމީހާއާ އިނުމުގެ ނިޔަތުގައި، ފަށްކަނޑާން މީހަކާ އިނުމަކީ ހަރާމްކަމެއް ކަމަށާ ފަށްކަނޑާން ކައިވެނިކުރާ މީހުންނަށް މާތް ﷲ ލައުނަތްލައްވައިފައިވާ ކަމަށް ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާކަން ދަލީލާއެކު ބަޔާން ކޮށް ދިނެވެ.