އަންނަ އަހަރު އިމާރާތް ކުރުމުގެ ދާއިރާއަށް ކުރިއެރުން ލިބޭނެ މައިގަނޑު ސަބަބަކީ ހައުސިން ޔުނިޓްތައް އެޅުން އިތުރުވުމާއި ޕީއެސްއައިޕީ މަޝްރޫއުތަކުންނެވެ.
އަންނަ އަހަރު ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގެ ކުރިއެރުން 5.2 ޕަސެންޓުގައި ހުންނާނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި މިދިޔަ މަހުގެ މެކްރޯ އިކޮނޮމިކް އަޕްޑޭޑްގައިވާ ގޮތުން އަންނަ އަހަރު ރާއްޖޭގެ ކޮންސްރަކްޝަން ސިނާއަތާއި ރިއަލް އެސްޓޭޓް ދާއިރާގެ ކުރިއެރުން ޖުމްލަ ގޮތެއްގައި 5.2 ޕަސެންޓުގައި ހުންނާނެ ކަމަށް އަންދާޒާ ކުރެވޭއިރު މެދުރާސްތާގައި ކުރިއެރުން ހުންނާނީ 4.1 ޕަސެންޓުގަ އެވެ.
މި ރިޕޯޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި އަންނަ އަހަރު ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް ކުރިއެރުން ލިބުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ބެލެވެނީ ގިނަ އަދަދެއްގެ ހައުސިން ޔުނިޓުތަކެއްގެ މަސައްކަތް އަންނަ އަހަރު ފެށިގެން ދިއުމާއު އަންނަ އަހަރު ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ނުވަތަ ތަރައްގީގެ މަޝްރޫއުތައް އިތުރު ވުމެވެ.
މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިން މިދިޔަ އަހަރު އަންދާޒާކޮށްފައިވަނީ ކޮންސްޓްރަކްޝަން އަދި ރިއަލްއެސްޓޭޓް ވިޔަފާރި 3.5 ޕަސެންޓުގައި ހުންނާނެ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު 0.7 ޕަސެންޓު ދަށްވެފައިވެ އެވެ. ނަމަވެސް މި އަހަރު ކޮންސްޓްރަކްޝަން ސިނާއަތުގެ ކުރިއެރުން ވަނީ 3.5 ޕަސެންޓުގައި ހިފެހެއްޓިފަ އެވެ.
ސަރުކާރުން ފެށި "ހިޔާވަހި ފައިނޭންސިން" ޕްރޮގުރާމުގެ ދަށުން ތިން ކެޓަގަރީއެއްގެ ލޯނު %5 އިންޓަރެސްޓު ރޭޓަށްވުރެ ކުޑަ ރޭޓެއްގައި ދޫކުރަން ވަނީ ނިންމާދަ އެވެ. އެ ތިން ބާވަތުގެ ލޯނުތަކުގައިވެސް ބޮޑެތި ލުއިތަކެއް ހިމެނެ އެވެ. މި ސްކީމުގައި ހިމެނޭ ފުރަތަމަ ކެޓަގަރީއަކީ އަތޮޅު ތެރޭގެ ރަށްތަކުގައި ގެދޮރު އެޅުމަށް ދޫކުރާ އެއް މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފައިނޭންސިން ސްކީމެކެވެ. "ހިޔާވަހި ރަތްވެހި ވަސީލަތު"ގެ ނަމުގައި ހިންގާ މި ސްކީމަށް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެ އެވެ. ނަމަވެސް ޝަރީއާ އުސޫލުތަކުގެ ތެރެއިން ނޮމިނަލް ކޮންޓްރިބިއުޝަނެއް ދައްކަންޖެހޭނެ އެވެ. މި ސްކީމު ދޫކުރާނީ ހައުސިން ފައިނޭންސް ޑިވެލޮޕްމެންޓު ކޯޕަރޭޝަން މެދުވެރިކޮށެވެ.
ދެން މި ސްކީމުގައި ހިމެނެނީ މާލެ ސަރަހައްދުގައި ގެދޮރު އެޅުމަށް ހަ މިލިއަން ރުފިޔާއާ ހަމަ އަށް ފައިސާ ދޫކުރާ ސްކީމަކާއި، އާބަން ސެންޓަރުތަކުގައި ގެދޮރު އެޅުމަށް ތިން މިލިއަނާ ހަމައަށް ފައިސާ ދޫކުރާ ސްކީމެވެ. އާބަން ސަރަހައްދުތަކަށް ކަނޑައަޅާފައިވާ ހިޔާވަހި ޝަހަރު ވަސީލަތުގައި %5 ގެ އިކުއިޓީއެއް ބަހައްޓަންޖެހޭނެ އެވެ. މާލޭގައި ގެދޮރު އެޅުމަށް ދޫކުރާ ސްކީމުގެ ދަށުން 10 ޕަސެންޓް އިކުއިޓީއެއް ބަހައްޓަންޖެހެ އެވެ. މި ދެ ސްކީމު ހިންގާނީ ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށެވެ. މިގޮތުން ދޫކުރާ ލޯނު އަދި ފައިނޭންސިން ފެސިލިޓީގެ އަދަދު ދެ ބިލިއަން ރުފިޔާއަށް އަރަ އެވެ.