ވެރިކަމަށް އިންތިހާބުވެވަޑައިގަތުމާއެކު ރައީސް ފެއްޓެވި މަސައްކަތްޕުޅާއެކު ވެރިކަމުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭ ހުރިހާ ގޮންޖެހުމަކަށް ހައްލު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ދައުރުގެ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތަށް މިހާރު ކުރިމަތިވެފައި ހުރި ހުރިހާ މައްސަލައެއް ހައްލުކުރައްވާނެ ކަމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ޝިޔާމު މިފަދައިން ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމުގެ މަޝްރޫއު އިފުތިތާހުކުރުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ތެލަކީ އަސާސީ ހިދުމަތެއް ކަމުގައި ކަނޑައަޅައި ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހެދުމަކީ ރައީސްގެ ވައުދުފުޅެއްކަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ އެގޮތަށް ތެޔޮ ފޯރުކޮށްދޭން ފެށުމުން މަސްވެރިންނަށް އެސްޓީއޯގެ އަގުތަކުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅުވެސް ފުއްދެވޭނެ ކަމަށެވެ.
އިތުރަށް ޝިޔާމު ވިދާޅުވީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެންމެ ނިކަމެތި ހާލުގައި އޮތް ސިނާއަތަކީ މަސްވެރިކަމުގެ ސިނާއަތު ކަމަށެވެ. އެ ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އަބަދުވެސް މަސައްކަތްކުރެވުމުން އަައިސްފައި އޮތީ އެޑްހޮކް ގޮތެއްގައި މައްސަލައެއް ދިމާވުމުން ވަގުތީ ގޮތުން އެ މައްސަލައަކަށް ހައްލެއް ހޯދައިލާ ގޮތަށް ކަމަށެވެ.
އެގޮތުން މަސްވެރިންނަށް ޑީސަލް ލިބޭ އަގު ބޮޑުވެގެން ޝަކުވާކުރަން ފެށުމުން ތެޔޮ ބޯޓެއް ބާއްވާލައިގެން އަގުހެޔޮކޮށް ވަގުތީ ގޮތުން ތެޔޮ ފޯރުކޮށްދިނުމާއި، މަސް ކިރުވުމުގައި ދަތިތައް ކުރިމަތިވެ ބާނާ މަސް ނުކިރޭ ހާލަތުގައި ބޯޓެއް މެދުވެރިކޮށް މަސް ކިރުވައިލުން ފަދަ ވަގުތީ ހައްލުތައް ތަންފީޒުކުރަމުން ދިޔަކަން ޝިޔާމު ފާހަގަކުރެއްވި އެވެ.
ޝިޔާމު އިތުރަށް ވިދާޅުވީ މަސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރެއްވުމުގެ މަސައްކަތް ފެއްޓެވީ ވެރިކަމަށް ހޮވިވަޑައިގަތުމާއެކު ކަމަށެވެ. އަދި އެމަނިކުފާނު އެއިރު ފެއްޓެވި މަސައްކަތްޕުޅާއެކު ވެރިކަމުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭ ހުރިހާ ގޮންޖެހުމަކަށް ހައްލު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން އަގު ބޮޑުކޮށް މަސްވެރިން ތެޔޮ ގަންނަންޖެހޭ ޖެހުން ހައްލުކުރުމަށް ރާއްޖޭގެ 20 ތަނެއްގައި އަށް މިލިއަން ރުފިޔާއާއި ނުވަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ އިންވެސްޓުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން ތެޔޮ ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމުގައި ޝިޔާމު ވިދާޅުވި އެވެ.
މަސްވެރިކަމުގެ މައްސަލަތައް ހައްލުކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުގެ ތަފުސީލުތައް ވިދާޅުވެދެއްވަައި ޝިޔާމު ފާހަގަކުރެއްވީ މައްސަލަތައް ހައްލުކުރެއްވުމަށް ސީދާ އަމަލީ ގޮތުން އެފަދަ މައްސަލަތައް ހައްލުކުރެއްވުމަށް ރައީސް ވަރަށް ބޮޑަށް އެހީތެރިކަން ދެއްވާ ކަމަށެވެ.