ޗިން ޕްރޮގުރާމުގައި 21 ވަރަކަށް ރަށަކުން 130 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާނެ ކަމުގައި ޑރ.ޝަފީއު ވިދާޅުވި އެވެ.
ރަށުގައި ތިބެގެން ޓީޗިން ދާއިރާއިން ތައުލީމާއި ތަމްރީނު ހާސިލުކުރެވޭ ގޮތަށް ފަރުމާކޮށްފަައިވާ ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގުރާމު ފަށައިފި އެވެ.
ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށް ބޭނުންވާ ދިވެހި ޓީޗަރުން އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިއަދު ފެށި ޕްރޮގުރާމަކީ ރާއްޖޭގެ ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ތަމްރީނުކުރުމުގެ މަގުސަދުގައި ސަރުކާރުން ފަށާފައިވާ ޕްރޮގުރާމެކެވެ.
މި ޕްރޮގުރާމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެއަށް ބޭނުންވާ މުދައްރިސުން ލިބުމަށް އޮތް ދަތިކަން ހައްލުކުރެއްވުންކަން ފާހަގަކުރައްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލު ޝަފީއު ޕްރައިމަރީ ގުރޭޑުތަކަށް މިހާރުން މިހާރުވެސް 250 ވަރަކަށް ޓީޗަރުން ބޭނުންވާ ކަމަށެވެ.
އިނގިރޭސިއާއި ހިސާބާއި ސައެންސް މާއްދާތައް ކިޔަވައިދިނުމަށް ބޭނުންވާ ޓީޗަރުން އެކަށީގެންވާ އަދަދަށް ނެތްކަން ޑރ.ޝަފީއު ފާހަގަކުރެއްވި އެވެ. ސައެންސްގެ މާއްދާތަކުން ދަސްވެނިވާ ދަރިވަރުން މަދުކަމާއި، ސައެންސްގެ މާއްދާތަކުން ދަރިވަރުންގެ ނަތީޖާތައްވެސް ދަށްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެކަން ހައްލުކުރުމަށް މިނިސްޓްރީން މަސައްކަތްތަކެއް ފެށިކަމަށާއި، އެ މަސައްކަތް ކުރިއަށްގެންދަނީ ޔުނިސެފާއި ގްލޯބަލް ފަންޑިންގެ އެހީތެރިކަމާއެކު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޓީޗިން ޕްރޮގުރާމުގައި 21 ވަރަކަށް ރަށަކުން 130 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާނެ ކަމުގައި ޑރ.ޝަފީއު ވިދާޅުވި އެވެ.
އަދި މަތީ ތައުލީމުގެ ފުރުސަތުތައް ރަށުގައި ތިބެގެން ހާސިލުކުރެވޭނެ ގޮތްތައް އިންތިޒާމުކުރުމަށް ރައްޔިތުން އެދޭތީ އެ ޕްރޮގުރާމުގެ ވީހާވެސް ގިނަ މާއްދާތަކެއް ރަށުގައި ތިބެގެން ކިޔެވޭ ގޮތަށް އިންތިޒާމުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ޕްރޮގުރާމަށް ދަރިވަރުންގެ ކިބައިން ލިބޭ ތަރުހީބު އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މި އަހަރު 130 އެއްހައި ކުދިން ބައިވެރިވި ނަމަވެސް އަންނަ އަހަރު އެ އަދަދު 150 އަށް އިތުރުވާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
އެ ޕްރޮގުރާމު ހިންގަނީ ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވަސިޓީއާއި ވިލާ ކޮލެޖާ ގުޅިގެންނެވެ.