ނިމިދިޔަ ކުއާޓަރުގައި ރިސޯޓްތަކުން ޖީއެސްޓީގެ ގޮތުގައި 92 މިލިއަން ޑޮލަރު ދައްކާފައިވެ އެވެ.
މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ރިސޯޓް ތަކުން ޑޮލަރުން ޖީއެސްޓީ ދެއްކި އަދަދު 4.3 ޕަސެންޓް އިތުރު ވެފައިވާ ކަމަށް ދައްކައިފި އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތިން ވަނަ ކުއާޓަރުގެ ރިޕޯޓް ދައްކާ ގޮތުން މިދިޔަ އަހަރު ރިސޯޓްތަކުން ޖީއެސްޓީގެ ގޮތުގައި ދެއްކީ 88,2 މިލިއަން ޑޮލަރެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ 92 މިލިއަން ޑޮލަރަށް އިތުރުވެ 4.3 ޕަސެންޓް އިތުރުވުމެއް އައިސްފަ އެވެ.
މި މުއްދަތުގައި ރިސޯޓްތައް ނަގާފައި ދެން އެންމެ މަތިން ޖީއެސްޓީ ދެއްކީ އެތެރޭގެ ވައިގެ ދަތުރުފަތުގެ ދާއިރާއިންނެވެ. މި ދާއިރާ އިން ޑޮލަރުން ޖީއެސްޓީގެ ގޮތުގައި ނިމިދިޔަ ކުއާޓަރުގައި 9,7 މިލިއަން ޑޮލަރު ލިބިފައިވާއިރު މިދިޔަ އަހަރު 8,6 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މި ކުއާޓަރުގައި ޑޮލަރުން އާމްދަނީ ލިބުނު އަދަދު ވަނީ 12 ޕަސެންޓުގެ ކުރިއެރުމެއް ލިބިފަ އެވެ.
ނިމިދިޔަ ތިން ވަނަ ކުއާޓަރު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ ކުރީ އަހަރަށްވުރެ 11 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ތިން މަހު ދައުލަތަށް ޑޮލަރުން އާމްދަނީގެ ގޮތުގައި ވަނީ 240.65 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 3.69 ބިލިއަން ރުފިޔާ ލިބިފަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 236.02 މިލިއަން ޑޮލަރާ އަޅާ ބަލާއިރު 11 ޕަސެންޓް އިތުރުވުމެކެވެ.