ސަރުކާރުން އުޅެނީ ބަޖެޓު ދިރާސާކުރަން ވަގުތުނުދީ ފާސްކުރުވަން: އެމްޑީޕީ

"އެއްވެސް ކަމެއް އުސޫލުން ނުގެންގޮސް ކުރުގަޅުވާލައިގެން [ބަޖެޓު] ފާސްކުރަން މަޖުބޫރުވާ ހާލަތަށް ގެންދަން އުޅެނީ. ބޭނުމަކީ ދިރާސާކޮށް ބަހުސްކުރުމަށް ވަގުތު ނުދީ ފާސްކުރުން.،" ޣަފޫރު ވިދާޅުވި އެވެ.

އަބްދުލްޣަފޫރު މޫސާ، ފޮޓޯ: މިހާރު

ސަރުކާރުން މިހާރު މަސައްކަތްކުރަމުން އަންނަނީ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް ބަޖެޓާ ގުޅޭ މަސައްކަތްތައް އުސޫލުގެ ތެރެއިން ކުރުމަށް އެކަށީގެންވާ ވަގުތު ނުދީ ކުރުގަޅުވާލައިގެން ބަޖެޓު ފާސްކުރުމަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ތުހުމަތުކޮށްފި އެވެ. 

މިއަދު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިހާރު މަޖިލީހުގައި އެންމެ ދުވަސްވީ އެއް މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ މަޖިލީހުގެ ބަޖެޓު ކޮމިޓީގެ މެންބަރެއްގެ ގޮތުގައި އޭނާ އިންނަވާތާ މިއީ ހަތަރުވަނަ ދައުރުކަމަށާއި، މީގެ ކުރިން ހުރިހާ އަހަރެއްގައިވެސް ބަޖެޓާއެކު ބަޖެޓު ފޮތް ލިބުނު ނަމަވެސް މި އަހަރު މިހާތަނަށްވެސް ބަޖެޓު ފޮތް ލިބިފައިނުވާ ކަމަށެވެ. 

"އަޅުގަނޑު މަޖިލީހުގައި ހޭދަކުރި ދިގު ތާރީހުގެ ތެރޭގައި އެއްވެސް ފަހަރަކު އަޅުގަނޑުމެންނަށް ބަޖެޓު ފޮތް ނުލިބި ބަޖެޓު ހުށަހެޅިގެންނުދޭ. އަޅުގަނޑު މިދައްކަނީ ހަތަރުވަނަ ޓާމުގެ ވާހަކަ. އަދިވެސް މިއަދާ ހަމައަށް، މިއަދު މިއީ ހައެއް މި މަހު އަދިވެސް ފޮތް ނުލިބޭ އަޅުގަނޑުމެންނާ ހަމައަށް،"" ޣަފޫރު ވިދާޅުވި އެވެ. 

ބަޖެޓު ފޮތުގައި ވަރަށް ބައިވަރު މައުލޫމާތު ހުންނާނެކަން ފާހަގަކުރައްވައި ޣަފޫރު ވިދާޅުވީ ވަކިވަކި މެންބަރުންނަށް ބަޖެޓުގެ ކަންކަން ދިރާސާކޮށް އެ މެންބަރުންގެ ދާއިރާތަކާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން އެނގިވަޑައިގަންނަވާނީ ބަޖެޓު ފޮތް ލިބުމުން ކަމަށެވެ. 

ޣަފޫރު އިތުރަށް ވިދާޅުވީ ބަޖެޓަކީ ގާނޫނާ އެއްގޮތަށް ތައްޔާރުކުރަންޖެހޭ އެއްޗަކަށްވާއިރު މިހާރު ލިބެންހުރި މައުލޫމާތުތަކަށް ބަލާއިރު ގާނޫނުގައި ކައުންސިލުތަކަށް ބަޖެޓުން ހާއްސަކުރަންޖެހޭ ނިސްބަތް ބަޔާންކޮށްފައި އޮތް ނަމަވެސް އެ ނިސްބަތަށް ބަޖެޓުގައި ކައުންސިލުތަކަށް ފައިސާ ހިމަނާފައި ނެތް ކަމަށެވެ. އަދި ފަހުން ކޮންޓިންޖެންސީ ބަޖެޓުން ކައުންސިލުތަކުގެ ގްރާންޓަށް ފައިސާ އިތުރުކުރުމަކީ ގާނޫނާ އެއްގޮތަށް ކުރި ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"ކޮންޓިންޖެންސީއަށް ލާރި ލައިގެން އެޖަސްޓުކުރުމެއް ނޫން އޮންނަނީ [ގާނޫނުގައި]. ބަޖެޓު ހުށަހަޅާއިރު ކައުންސިލުތަކަށް ދޭން ގާނޫނުގައި ބުނާ އަދަދަށް ހުންނަންވާނީ ދީފައި،"

އިތުރަށް ޣަފޫރު ވިދާޅުވީ މި އަހަރުގެ ބަޖެޓު ހޭދަކުރި ގޮތުގެ ތަފުސީލުތައްވެސް އެނގޭނީ ބަޖެޓު ފޮތް ލިބުމުން ކަމަށެވެ. ފައިސާ ހަރަދުވި ނަމަވެސް އެ ފައިސާ ހަރަދުކުރި ގޮތެއް ނޭނގޭކަމަށާއި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގަައި އެއްވެސް މަސައްކަތެއް ހިނގާފައިވާކަން ފެންނަން ނެތްކަމުގައި އޭނާ ވިދާޅުވި އެވެ. 

މި މަހުގެ 20 ވަނަ ދުވަހު ބަޖެޓުގެ މަސައްކަތް ނިންމަންޖެހޭކަން ފާހަަގަކުރައްވައި ބަޖެޓު ދިރާސާކުރަން މިހާރު އޮތީ 14 ވަރަކަށް ދުވަހުގެ މުހުލަތެއް ކަމަށާއި، އެފަދަ މުހުލަތެއްގަައި ބަޖެޓު ރަނގަޅަށް ދިރާސާކުރާނެ ގޮތާމެދު ޣަފޫރު ސުވާލު އުފެއްދެވި އެވެ. 

ޣަފޫރު ވިދާޅުވި ގޮތުގައި ބަޖެޓު ފާސްކުރަން ޖެހޭ ތާރީހުގެ ދިހަ ވަރަކަށް ދުވަސްކުރިން ބަޖެޓު މަޖިލީހަށް ހުށަހެޅުމަށްފަހު ވަގުތެއް ނެތްކަމަށް ބުނެ އަވަސް އަރުވާލައިގެން ބަޖެޓު ފާސްކުރުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ. އަދި އުސޫލުތަކުގެ ތެރެއިން ކުރަންވާ ވަރަށް ދިރާސާކުރަން ވަގުތު ނުލިބުމުގެ ސަބަބުން އެއިން އެއްވެސް ކަމެއް ނުކޮށް ބަޖެޓު ފާސްކުރަން މަޖުބޫރުވާ ހާލަތަށް ކަންކަން ގެންދިއުމަށް ސަރުކާރުން މަސައްކަަތްކުރާކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. 

"އެއްވެސް ކަމެއް އުސޫލުން ނުގެންގޮސް ކުރުގަޅުވާލައިގެން [ބަޖެޓު] ފާސްކުރަން މަޖުބޫރުވާ ހާލަތަށް ގެންދަން އުޅެނީ. ބޭނުމަކީ ދިރާސާކޮށް ބަހުސްކުރުމަށް ވަގުތު ނުދީ ފާސްކުރުން.،" ޣަފޫރު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.