ޓުރަމްޕަކީ އެމެރިކާގެ ތާރީހުގައި ވެރިކަމުން ފާބައިވަޑައިގަތުމަށްފަހު އަލުން އިންތިހާބުގައި ވާދަކުރައްވައި ރައީސްކަން ކާމިޔާބުކުރެއްވި ދެވަނަ ރައީސެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ކާމިޔާބު ލިބިވަޑައިގެންފިކަން އެ ގައުމުގެ ކުރީގެ ރައީސް ޑޮނާލްޑު ޓުރަމްޕު އިއުލާނު ކުރައްވައިފި އެވެ.
ޓުރަމްޕަކީ އެމެރިކާގެ ތާރީހުގައި ވެރިކަމުން ފާބައިވަޑައިގަތުމަށްފަހު އަލުން އިންތިހާބުގައި ވާދަކުރައްވައި ރައީސްކަން ކާމިޔާބުކުރެއްވި ދެވަނަ ރައީސެވެ. ކުރިން އެގޮތަށް އިންތިހާބު ކާމިޔާބުކުރެއްވި ރައީސަކީ ވުޑްރޯ ވިލްސަން އެވެ.
ޕާމް ބީޗް ކަންޓްރީ ކޮންވެންޝަން ސެންޓަރުގައި އޮތް އެއްވުމެއްގައި ވާހަކަދައްކަވަމުން ޓުރަމްޕު ވިދާޅުވީ އޭނާއަށް އެމެރިކާ ރައްޔިތުން ބޮޑު އަދި ތާރީހީ މެންޑޭޓެއް ދީފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ޓުރަމްޕު އަރިހުގައި އޭނާގެ ރަނިން މޭޓު ޖޭޑީ ވޭންސް ބައިވެރިވެވަޑައިގެންފައިވެ އެވެ.
ޓުރަމްޕުގެ ތަގުރީރުގައި މިފަހަރުގެ ރިޔާސީ ކެމްޕެއިނުގައި އޭނާއަށް އެންމެ ބޮޑު މަދަދެއް ފޯރުކޮށްދިން ބިލިއަނަރު އީލަން މަސްކަށް ޝުކުރު އަދާކުރެއްވި އެވެ. އީލަންވަނީ 120 މިލިއަން ޑޮލަރު ޓުރަމްޕުގެ ކެމްޕެއިނަށް ހަރަދުކޮށްފަ އެވެ.
މިހާތަނަށް ރަސްމީކޮށް އިންތިހާބު ޓުރަމްޕަށް ކާމިޔާބުކުރެއްވުނުކަން އިއުލާނުކޮށްފައިނުވި ނަމަވެސް އިއުލާނުކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު ޓުރަމްޕުގެ މައްޗަށް އޭނާއާ ވާދަކުރެއްވި ނައިބުރައީސް ކަމަލާ ހެރިސްއަށް ކުރިހޯއްދެވުން އޮތީ މުސްތަހީލާ ގާތްކުރާ ކަމެއްގެ ގޮތުގަ އެވެ.
ހެރިސް ކިޔަވައިވިދާޅުވި ޔުނިވަސިޓީގައި އޭނާގެ ސަޕޯޓަރުން އެއްވެފައި ތިބި ނަމަވެސް މިހާތަނަށް ސަޕޯޓަރުންނާ މުހާތަބުކުރައްވައި އެއްވެސް ބަސްފުޅެއް އޭނާ ވިދާޅުނުވެ އެވެ.
މިހާތަނަށް ހާމަކުރި ނަތީޖާތަކަށް ބަލާއިރު 2020 ވަނަ އަހަރުގެ އިންތިހާބުގައި ޓުރަމްޕަށް ލިބުނު ވޯޓަށްވުރެ ހުރިހާ ދާއިރާއަކުން މިއިންތިހާބުގައި ލިބިވަޑައިގެންނެވި ވޯޓު ގިނަ އެވެ. އަދި ކުރިން ނާކާމިޔާބުވި ވަރަށް ގިނަ ދާއިރާތައް އޭނާވަނީ ކާމިޔާބުކުރައްވާފަ އެވެ.
އޭގެ އިތުރަށް ޓުރަމްޕުގެ ޕާޓީއަށް އެމެރިކާގެ ސެނެޓުގެ އަޣުލަބިއްޔަތު ލިބިފައިވެ އެވެ. މިހާތަނަށް ހާމަކުރި ނަތީޖާތަކުން ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ސާފު އަޣުލަބިއްޔަތު އެއްވެސް ޕާޓީއަކަށް ނުލިބެ އެވެ.
ކުރިއާ ހިލާފަށް އެމެރިކާގެ ބައެއް ނަސްލީ އަގައްލިއްޔަތު (މައިނޯރިޓީ)ތަކުގެ ތާއީދު ޓުރަމްޕަށް ލިބިފައިވެ އެވެ. ކުރިއަށްވުރެ ގިނައިން ލެޓިން އެމެރިކާ ނަސްލުގެ މީހުންނާއި ކަޅު ނަސްލުގެ ފިރިހެނުން ޓުރަމްޕަށް ވޯޓު ދީފައިވާކަން ހިސާބުތަކުން ދައްކަ އެވެ.