ފުރަތަމަ ދައުވާގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި ދެވަނަ ދައުވާގެ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލްއާންމާ ދެކޮޅަށް ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އުފުލި މައްސަލާގައި ހައްޔަރުކޮށް ބަންދުކުރި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމްގެ މައްޗަށް ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މިދިޔަ ހަފްތާ މި ދެ މީހުންގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވާ ކަމަށެވެ. އެއީ ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އާއި އާންމު ތަނެއްގައި ހުރި މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުމުގެ ކުށުގެ ދައުވާ އެވެ.
ފުރަތަމަ ދައުވާގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އަދި ދެވަނަ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
ޕީޖީ އޮފީހުން ބުނީ ދެ މީހުންގެ މައްޗަށް ދައުވާ ކުރީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނާ ހިލާފަށް ބޭރުގެ އެކިއެކި ޑިޕްލޮމެޓިކް މިޝަންތައް ކައިރިއަށް އެކި ދުވަސްމަތިން ގޮސް، އެތަންތަން ކައިރީގައި ތިބެގެން އަޑުގަދަކުރާ ބޭނުންކޮށް ހަޅޭއްލަވައި، ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ޑިޕްލޮމެޓިކް މިޝަންތަކާއި ޑިޕްލޮމޭޓުންނަށް ދަތިވާ ގޮތަށް އަމަލު ކޮށްފައިވާތީ ކަމަށެވެ.
އެގޮތުން، އޮސްޓްރޭލިއަން ހައިކޮމިޝަނާއި ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ އެމްބަސީ ގާއިމް ކޮށްފައި ހުރި ހޮޓެލް ޖެން ކައިރީގައި ތިބެގެން އަޑުގަދަކުރާ ބޭނުންކޮށް ހަޅޭއްލަވާތީ، އެ ސަރަހައްދުން ދިއުމަށް ފުލުހުން އެންގުމުން ނުދާނެ ކަމަށް ބުނެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
މި މައްސަލައިގައި ޝަޒްރާ އަދި ޝާދިޔާ ހައްޔަރުކުރީ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ. ދެ ފަހަރެއްގެ މަތިން އެމީހުންގެ ބަންދު އިތުރުކުރުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ. ދެ މީހުން ބަންދު ކުރި މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، ބަންދު ކުރީ ގޯސްކޮށް ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.