އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ކަނޑައެޅި މުއްދަތުގައި ނުފެށި ލަސްވީ އެ އިމާރާތް އެޅުމަށް ކޮންޓްރެކްޓަރު ހުށަހެޅި އަގުތަކަށް ބަލާއިރު 80 މިލިއަން ރުފިޔާ އަސްލު އަގަށްވުރެ އިތުރަށް ހޭދަވާނެކަމަށް ބެލެވޭތީކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލު ޝަފީއު ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެންމެ ކުރިއްސުރެ އަރަބިއްޔާ ސްކޫލު ހިންގަމުން އައި އިމާރާތް ވަރަށް ބޮޑަށް ހަލާކުވެ އެތަން ބޮލަށް ވެއްޓޭ ހިސާބަށް ވީރާނާވުމުން އެ ސްކޫލުގެ ދަރިވަރުން އެއިރު މަންދު ކޮލެޖު ހިންގަމުން އައި އެމްއީއެސްގެ އިމާރާތަށް ބަދަލުކުރި އެވެ.
އެއަށްފަހު ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައި އަރަބިއްޔާ ސުކޫލުގެ އައު އިމާރާތެއް އޯކިޑު މަގުގައި ބިނާކުރި އެވެ. އެ އިމާރާތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ވަރަށް އަވަހަށް ހަލާކުވެ އެ ތަނުގައި ދަރިވަރުންނަށް ކިޔެވުމަށް ދަތިވާ މިންވަރަށް ތަން ވީރާނާވުމާ ގުޅިގެން އެ އިމާރާތުން ދަރިވަރުން ނެރެން ޖެހުނެވެ.
އެންމެ ފުރަތަމަ އެކުދިން ގެންދިޔައީ ކުރިން ފޮރިން މިނިސްޓްރީ ހިންގަމުން އައި ވަގުތީ އިމާރާތަށެވެ. އެއަށްފަހު ދަރުމަވަންތަ ސްކޫލުގެ ދާއިމީ އިމާރާތް ނިމެންދެން އެ ސްކޫލު ހިންގި ވަގުތީ އިމާރާތަށް ކުދިން ބަދަލުކުރި އެވެ. އަދި އަރަބިއްޔާގެ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީނުގެ ބިން ހާއްސަކުރި އެވެ.
ނަމަވެސް އެ ބިން އޮތް ސަރަހައްދަކީ ދަތުރުފަތުރުކުރަން އުދަގޫ އަދި މަގުތައްވެސް ހަނި ސަރަހައްދަކަށްވާތީ އަރަބިއްޔާގެ ބެލެނިވެރިންގެ އެދުމުގެ މަތިން ރައީސް ޑރ.މުހައްމަދު މުއިއްޒުވަނީ އެހެން ބިމެއް އަރަބިއްޔާ އިމާރާތް އެޅުމަށް ހަމަަޖައްސަވައިދެއްވާފަ އެވެ.
އަދި އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ހަފުތާ 14ގެ ތެރެއިން ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފައްޓަވަން އެމަނިކުފާނު ވައުދުވެވަޑައިގަތެވެ. ނަމަވެސް އެ މަސައްކަތް އޮތީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނުފެށި އެވެ.
އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ އައު ބިމުގައި ކުރިއަށްވުރެ ފުޅާ ސްކޯޕެއްގައި، ޒަމާނީ ފެންވަރަށް އަރަބިއްޔާ ސްކޫލުގެ އިމާރާތް އެޅުމަށް ކުރިންވެސް އެ މަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރުގެ އަތުން އަގުތަކެއް ހޯދާފއިވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ އަގުތައް ބަލައި ދިރާސާކުރުމުން އެ އިމާރާތް އެޅުމަށް އަސްލު ހަރަދުވާނެ އަދަށްވުރެ އިތުރަށް 80 މިލިއަން ރުފިޔާ ހަރަދުވާނެކަން ފާހަގަކުރެވުމުގެ ސަބަބުން އިމާރާތުގެ މަސައްކަތް ފަސްކޮށްލަން ޖެހުނު ކަމަށެވެ. އަދި މިހާރު އަރަބިއްޔާ ދަރިވަރުން ކިޔެވުމަށް ބޭނުންކުރާ ދަރުމަވަންތަ ސްކޫލު ކުރިން ހިންގި އިމާރާތަކީ ވަގުތީ ގޮތުން އެ ދަރިވަރުން ކިޔެވުމަށް އެކަށީގެންވާ އިމާރާތެއް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.