ކޮއިފުޅާއެވެ! މިއީ އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ދުނިޔެއެކެވެ. އަޅާކޮންމެ ފިޔަވަޅެއްގައިވެސް އިންތިހާއަށް ފަރުވާތެރިވާށެވެ!
ކުއްޖާގެ ޖީންސުގެ ތެރެއަށް އަތްލައިގެން ކުއްޖާއަށް ޖިންސީގޯނާ ކުރަންދެން އެ ތަނުގައި (ކުއްޖާ) މަޑުކުރީ ކީއްވެ ހެއްޔެވެ؟ ކުއްޖާގެ ޖީންސުގެ ތެރެއަށް ތުހުމަތުކުރެވޭ މީހާއަށް އަތްލެވުނީ ކުއްޖާ ލައިގެން ހުރި ޖީންސު ދޫކަމުން އެދޭތެރެއަށް އަތްވަދެވޭވަރުގެ ޖާގަ އޮތީމާ ހެއްޔެވެ؟ ގަދަކަމުން ކުއްޖާ އޮބަހައްޓައިގެން ޖީންސުގެ ތެރެއަށް އަތްލީ ހެއްޔެވެ؟
މަތީގައި އެވަނީ، ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ނޫހެއް ގައި، ރާއްޖޭގެ ރަށެއްގައި ހިނގައިފައިވާ ޝަރީޢަތެއްގެ ޚަބަރު ރިޕޯޓުކުރަމުން، މައްސަލައިގެ ރިޕޯޓުގައި ފަނޑިޔާރު (މައްސަލަ ބެއްލެވި މަޖިސްޓްރޭޓް) އުފައްދަވައިފައިވާ ސުވާލުތައްކަމުގައި ބުނެ، 21 އޮކްޓޯބަރު 2024 ގައި ޝާއިޢުކޮށްފައިވާ ޚަބަރެއްގައި ރިޕޯޓުކޮށްފައިވާ ސުވާލުތައް، ސުވާލުގެ މަފްހޫމް ނުގެއްލޭނޭހެން ކިޔައިލަންކެރޭ ފެންވަރަށް ތިރިކޮށް ސުވާލު ރެފްރޭމްކޮށްފައެވެ.
މި ރިޕޯޓުގައިވާ ވާހަކަތައް މި ލިޔުމުގައި މި ބޭނުންކުރަނީ، މި މައްސަލައިގައި މި ރިޕޯޓު ޑިނައިކޮށް ނޫނީ އެއީ ޝަރީޢަތުގެ ރިޕޯޓާ އެއްގޮތް ޚަބަރެއްނޫންކަމުގައި ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ސުވާލު އުފައްދައިފައި ނުވާތީއެވެ
މި މައްސަލަ އަޅުގަނޑަށް މިހާ ބޮޑުވަނީ ކީންވެގެންހެއްޔެވެ؟ އަދި މިކަމާ ލޮލުފިޔަ ނުޖެހިގެން މިއުޅެނީ ކީއްވެގެންހެއްޔެވެ؟ އެއީ ޤާނޫނީ ވިސްނުކަމުން ވިސްނިކަމުގައި ވީނަމަވެސް، އަދި އިޖުތިމާޢީ ވިސްނުމަކުން ވިސްނިކަމުގައި ވީނަމަވެސް މި މައްސަލައިގައި ކަންބޮޑުވާންޖެހޭވަރުގެ ބޮޑެތި ގޯސްތަކެއް ހިނގައިފައިވާތީއެވެ. އަދި މީގެ އިތުރުން، އިންސާފު ގެއްލި، ކުޑަކުއްޖެއްގެ ކަރާމާތް ގެއްލިފައިވާކަމަށް އަޅުގަނޑަށް ގަގަބޫލުކުރެވޭތީ އެވެ.
ކުޑަކުއްޖެއްގެ ގޮތުގައި ޤާނޫނީގޮތުން ބަލާނޭ ވަކި އުއުމުރެއް ކަނޑައެޅުމަކީ ބައިނަލްއަގުވާމީ އުސޫލުތަކާއި ޤާނޫނީ ހަމަތަކާއި އިޖުތިމާޢީ މިންގަނޑުތަކަށް ބަލާއިރު، ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެއީ ކުޑަކުއްޖަކުކަމުގައި (ޒިންމާއެއް ނެތި ނުވަތަ ވަކި ކަހަލަ ޒިންމާތަކެއް ނެތި) ހުރި ހުރުން ނިމުމަކަށް ގެނެވި، ބޮޑެތިމީހުންނާ އެއްހަމައެއްގައި ކަންކުރެވުމުގެ ޒިންމާއާއި ޙައްޤުތައް ލިބިދިނުމުގައި ވަކި ކަންތައްތަކަށް ބަލަންޖެހޭތީއެވެ. އޭގެ ތެރޭގައި ބުއްދީގެ ހަމަތަކާއި ފުރާފުރިހަމަވުމާއި، އިޖުތިމާޢީ ޒިންމާތަކާއި ޤާނޫނީ ޒިންމާތައް އުފުލުމުގެ ކުޅެދުންތެރިކަމާއި، ވިސްނުން ފުރިހަމަވެގެން އަންނަން އައުމަށް ބެލިގެންދެއެވެ. ދިވެހިރާއްޖޭގައި މި އުމުރު މިހާރު އޮންނަނީ 18 އަހަރުކަމުގައި ކަނޑައަޅައިފައެވެ. އެހެނަސް އެއީ 18 އަހަރުވާއިރަށް ކޮންމެ ކުއްޖަކަށް ހުރިހާ ބާރެއް ލިބިދެވުމެއްވެސް ނޫނެވެ. އަދި 18 އަހަރުނުވާ ކޮންމެ ކުއްޖަކު ހުރިހާ ޒިންމާއަކުން ބަރީޢަވުމެއް ވެސް ނުމެނޫންމެއެވެ.
ކުޑަކުދިންގެ އުމުރު، ވަކި އަހަރަކަށް ކަނޑައެޅުމުގެ ބޭނުމަކީ އެ ކުދިން ރައްކައުތެރިކޮށްދިނުމެވެ. އޭގެ ތެރޭގައި ޖިންސީ އަނިޔާއިންނާއި ޖިސްމާނީ އަނިޔާއިން ރައްކައުތެރިކޮށްދީ ސަލާމަތްކޮށްދިނުން ހިމެނެއެވެ. މި މަފްހޫމްގެ ތެރެއިން، މަތީގައި ދެންނެވުނު މައްސަލައަށް ބަލައިލާނަމެވެ.
ޖިންސީ ކުށުގެ މައްސަލަތަކުގައި ކުށުގެ ތުހުމަތުގައިވާ މީހާއަށް ހޯދައިގަނެވޭނޭ އެންމެ ފުރިހަމަ ދިފާޢަކަށްވާނީ އަނިޔާ ލިބުނުމީހާގެ ރުހުމެވެ. ނުވަތަ consent އެވެ. ކުޑަކުއްޖަކަށް ޖިންސީ އަނިޔާލިބޭ މައްސަލަތަކުގައި ދުނިޔޭގައި ބޭނުންކުރެވޭ ޤާނޫނީ މަފްހޫމަކީ ޖިންސީ ގުޅުމަށް ކުޑަކުއްޖަކަށް ރުހުން ނުދެވުމުގެ ޤާނޫނީ ހަމައެވެ. އެއީ ކުއްޖާ ރުހިގެން، ނޫނީ ދެކޮޅުނަހަދައިގެން ބަދަލުކުރެވޭ ޤާނޫނީ ހަމައެއްނޫނެވެ. އެއާ ޚިލާފަށް އެއީ ކުޑަކުއްޖަކަށްވާ ހާލުގައި ޖިންސީ ގުޅުމަކަށް ރުހުން ނުދެވޭނޭ ޤާނޫނީ މަފްހޫމެވެ. ނުވަތަ ޤާނޫނީ ޙުކުމެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑަށް ބަލައިފި ނަމަ، 18 އަހަރުނުވާ ކުޑަކުއްޖަކަށް ރުހުން ދެވޭނޭ އެއްވެސް ޤާނޫނީ ހަމައެއް ނޯންނާނެއެވެ. މިއީ ކުއްޖާގެ ބެލްޓާއި، ޖިންސުގެ ދޫކަމާއި އެ ކުއްޖާއާ ބެހެންދެން އެ ތަނުގައި ހުރުމާ އަޅައިކިޔޭނޭ ކަމެއް ނޫނެވެ. ހަމައެޔާއެކު، އެ ކުއްޖާގެ މޫނުމަތީގެ ކުލަވަރާއި، އެ ކުއްޖާ ހަޅޭއްލެވިތޯއާއި ގަދަހެދިތޯ މިއީ ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ލިބިފައިވާ މައްސަލައެއްގައި އެއްވެސް ހާލެއްގައި ބެލޭނޭ ހަމައެއްވެސް ނޫނެވެ. އެއާ ޚިލާފަށް، މިއީ ކުޑަކުދިންގެ ރައްކާތެރިކަމަށް ޓަކައި ކަނޑައަޅައިފައިވާ ޤާނޫނީ ޙުކުމެކެވެ.
އެހެންކަމުން، 18 އަހަރުނުވާ ކުއްޖަކު ބުނެގެންވިޔަސް ނުވަތަ ހުރެގެންވިޔަސް ކުއްޖާއާ ޖިންސީ އަނިޔާއެއް ނުވަތަ އެހެން އަނިޔާއެއް ކޮށްފި ނަމަ، ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން ބަލަންވާނީ ކުއްޖާގެ ރުހުން ނެތްކަމަށެވެ. އެއީ މެންޑޭޓަރީ ޙުކުމެކެވެ. އަދި އިސްތިސްނާއެއް އޮންނަ ހާލަތެއް ނޫނެވެ.
ވިސްނައިގަތުމުގެ ފަސޭހައަށް، މި މަފްހޫމާ އެއްގޮތް އެހެން މަފްހޫމެއް ބަލާ ނަމަ، ސިކުނޑީގެ ކުޅެދުންތެރިކަމެއް ނެތް މީހަކަށް ރުހުން ނުދެވުން މިއީ ވެސް މިފަދަ ޤާނޫނީ މަފްހޫމެއް ނުވަތަ ޙުކުމެކެވެ. ހާލަތަށް ބަލައި، ބައެއް ތަފާތު ހުރެދާނެއެވެ.
އެހެނަސް، ޤާނޫނީ މަފްހޫމް އެއްގޮތެވެ. މިއީ ޤާނޫނީ އޮނިގަނޑުގެ ވަރަށް ހަރުކޮށް ލިޔެވިފައި ހުންނަ ޙުކުމްތަކެކެވެ.
އެހެންކަމުން، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ރުހުމުގެ މަފްހޫމް އަދި ޚާއްޞަގޮތެއްގައި ޖިންސީ އަނިޔާގެ މައްސަލައެއްގައި ކުޑަކުއްޖެއްގެ ރުހުމުގެ މަފްހޫމް، އޮޅުމަކީ ނޫނީ އެ ނޫން ގޮތަކަށް އެޕްލައިކުރުމަކީ ޙަޤީޤަތުގައި ވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ.
އަދިވެސް އެ ޚަބަރުގައި ފަނޑިޔާރު ސުވާލުއުފެއްދެވިކަމަށް ލިޔެފައިވެއެވެ.
"މެޖިސްޓްރޭޓް ވިދާޅުވީ ... އެއީ ކުއްޖާގެ ބަހުން ސާފުނުވާ ކަންކަން ކަމަށާއި އާންމު އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ވެސް، ކުޑަކުއްޖަކު ނުރުހޭ ޢަމަލެއް ކޮށްފި ނަމަ، ނުރުހުން ފާޅުކުރާނޭ ކަމަށެވެ. އަދި ނުރުހުން ފާޅުކުރުމުގެ ގޮތުން ހަޅޭއްލަވައި އެ ތަނަކުން ދާނެކަމަށާއި ބަލަންބޭނުންނުވާ ތަނެއް ދައްކައިފި ނަމަ ނުވެސް ބަލާނޭ ކަމަށެވެ. އާންމު ގޮތެއްގައި ކުދިން ޖިންސު ލާނީ އުނަގަނޑަށް ހެޔޮވަރު ނުވަތަ ހެޔޮވަރު ނޫން ނަމަ ބެލްޓް ފަދަ އެއްޗެއް އަޅައިގެން ވިއަސް އުނަގަނޑަށް ބާރުވާ ގޮތަށް ހެޔޮވަރު ކޮށްގެންނެވެ. ހަމަ ހުރެފައި މީހަކަށް އެހާ ފަސޭހަކަމާ އެކު މި އުމުރުގެ ކުއްޖަކު އެއްވެސް ރިއެކްޓެއް ނުކޮށް ހުއްޓައި ޖީންސުގެ ތެރެއަށް އަތްލައިގެން --- އަތްލައި ފިތާ ހެދިދާނެ ކަމަށް އާންމު މީހަކު ވެސް ގަބޫލެއް ނުކުރާނެ އެވެ."
މި ޢިބާރާތް މާނަކުރާ ނަމަ މާނަކުރެވެނީ، ކުއްޖާގެ ރުހުމެއް އޮތްކަމަށާއި، ކުއްޖާގެ ރުހުމެއްނެތި ނުވަތަ ކުއްޖާ ފުރުޞަތެއް ފަހިކޮށްނުދީ ކުއްޖާއަށް އަނިޔާ ލިބިފައިވާކަމަށް އާންމު މީހަކު ވެސް ގަގަބޫލުނުކުރާނޭ ކަމަށް ފަނޑިޔާރު ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން، އެއީ ކުއްޖާ ފަހިކޮށްދިން ފުރުޞަތެއްކަން ފަނޑިޔާރަށް ގަބޫލުކުރެއްވޭ ކަމަށެވެ.
މި މައްސަލައިގައި ޤާނޫނީގޮތުން ކުޑަކުއްޖެއްގެ ރުހުމުގެ މައްސަލައަށް މަތީގައި ބަލައިލެވިފައި އެވަނީއެވެ. އެހެންކަމުން، މިފަހަރު ކުއްޖާ މަގުފަހިކޮށްދިނުމާއި ގުޅިފައިވާ ކުއްޖާގެ mental status އަދި އެކަން ވަޒަންކުރުމަށް ބޭނުންކުރެވިފައިވާ "ޢާންމުމީހަކުގެ ޤަބޫލު" ކުރުން، މި މަފްޙޫމަށް ޤާނޫނީ ނަޒަރަކުން ބަލައިލާނަމެވެ.
މީޑީޔާގެ ޚަބަރުތައް ކިޔައިލީމާ، މި މައްސަލައިގައި ދައުލަތުގެ މުއައްސަސާތަކުން ބައިވެރިވެފައިވާކަން އެނގެއެވެ. އޭގެ ތެރޭގައި، ޖެންޑަރ މިނިސްޓްރީގެ ސޯޝަލް ވަރކަރުން ބައިވެރިވިކަމުގައި ބުނެފައިވެއެވެ. އެހެންނަމަވެސް، ކުއްޖާގެ ނަފްސާނީހާލަތަށް ޝަރީޢަތުން ރިޢާޔަތްކުރެވިފައިވާކަމަށް ގަބޫލުކުރަން ދައްޗެވެ. އަޅުގަނޑު މިހެން މި ދަންނަވަނީ، މި ސުވާލުތަކުގެ މާނައަށް ޤާނޫނީ އަދި ކްރިމިނޮލޮޖީގެ ވިސްނުމަކުން ވިސްނުމަށްފަހުގައެވެ.
ޖިންސީ އަނިޔާއެއް ލިބޭ ހާލަތުގައި، ބައެއްފަހަރު ވިކްޓިމް ނުވަތަ އަނިޔާ ލިބެމުންދާ ކުއްޖާ އެވަގުތު ހުންނަނީ ނަފްސާނީ ހުއްޓުމެއް ނުވަތަ shock އެއްގެ ތެރޭގައެވެ. ހަނދާނެގޮތެއް ނޭނގިފައެވެ. ރޯންވީކަމެއް ނޫނީ ހަޅޭއްލަވަންވީ ކަމެއް ވެސް ނޭނގިފައެވެ. އަނެއްބައި ފަހަރު ކުއްޖާ ހުންނަނީ، އަމިއްލަ ނަފްސުގެ ބާރު ނުހިންގޭނޭ ހާލަތެއްގައެވެ. Resigned to your fate ނުވަތަ އެއްވެސް އެހެންގޮތެއް ނެތިގެން ހާލަތު ގަބޫލުކުރުން، މިއީ ބައެއްފަހަރު ކަންދިވާމާ ގޮތެވެ. ބައެއް ހާލަތްތަކުގައި އަނިޔާދޭ މީހާ ނޫނީ perpetrator ދައްކައިފައިވާ ވާހަކަތަކުން ނުވަތަ ދީފައިވާ އިންޒާރުތަކެއްގެ ސަބަބުން ބިރުވެރިކަމުގެ ތެރޭގައެވެ. ގިނަފަހަރު މިއިން ގިނަ ހާލަތްތަކެއްގައި އެއްފަހަރާއެވެ. އެހެންކަމުން ،ކުއްޖަކަށް އެ ހާލަތުގައި ދެކޮޅުހެދުމާއި، ތަޅާފޮޅުމާއި ރުއިން ފަދަ އާންމު ހާލަތުގައި ތިބޭ އިންސާނުންނަށް ކުރަން ހިތަށްއަރާ ކިތަންމެ ކަމެއް ނުކުރެވޭނެއެވެ. އަދި އެހާ ހިތްވަރެއް ވެސް ނުހުންނާނެއެވެ.
އެހެންކަމުން، ޤާނޫނީ ނަޒަރަކުން ބަލާއިރު، ޖިންސީ އަނިޔާ ލިބެމުންދާ ކުއްޖަކު، ތަނުގައި ހުރީމާ، އޭނާ ނުދިޔައީމާ، ނުވަތަ އޭނާ ދެއްކީމާ އެއީ ކުއްޖާގެ ރުހުން ނަފްސާނީ ހާލަތު ވަޒަންކުރެވޭނޭ ކަންތައްތަކެއް ނޫނެވެ. ކުއްޖާގެ ނަފްސާނީ ޙާލަތު ދެނެގަންނާނީ ނަފްސާނީ ޢިލްމުގެ ބޭފުޅުންނެވެ. އަދި ސޯޝަލް ވަރކަރުންނެވެ. ޝަރީޢަތުން ރިޢާޔަތްކުރައްވަނީ އެބޭފުޅުންގެ ފަންނީ ރިޕޯޓުތަކަށެވެ.
އަދި ހަމައެއާއެކު ކުއްޖާގެ ނަފްސާނީ ހާލަތު ނުވަތަ ސިކުނޑީގެ ނިންމުންތައް އެއީ، ބުއްދި ސަލާމަތުން ހުރި ބޮޑުމީހާ ނުވަތަ އަޅުގަނޑުމެން އެންމެން ފަރިތަ "ސަބަބުވެރި އިންސާނާ" ގެ ސިކުނޑީގެ ނަޒަރިއްޔާތުން މިނާ ނޫނީ ވަޒަންކުރެވޭނޭ ކަންތައްތަކެއްނޫނެވެ. އަދި އެކަމަށް ޤާނޫނު ޖާގައެއް ނުދޭނެއެވެ.
އެއާ ޚިލާފަށް ޤާނޫނީ ޙުކުމަކަށްވާނީ އެ މައްސަލައިގައި ހިމެނޭ ކުއްޖާގެ ނަފްސާނީ ހާލަތުން ނުވަތަ އެފަދަ ހާލެއްގައި ހުންނާނޭ އެ އުމުރުގެ ކުޑަކުއްޖެއްގެ ވިސްނުމުން އެކަން އަޅައިކިޔުމެވެ. މައްސަލަތަކުގައި ސޯޝަލް ވަރކަރުން ހިމެނެނީ މި ބޭނުމުގައެވެ. އަދި ޚަބީރުންގެ ނުވަތަ expert އިންގެ ރަޢުޔު ހޯދަން ޤާނޫނުން ފުރުޞަތުދެނީ ވެސް މިދެންނެވި ފަދަ ސަބަބުތަކަށްޓަކައެވެ.
އެހެންކަމުން، ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ލިބިގެން ހުށަހަޅައިފައިވާ މައްސަލައެއްގައި ބޮޑުމީހެއްގެ ވިސްނުމުގެ ތަރާދުން އަނިޔާލިބުނު ކުއްޖާގެ ދީފައިވާ ހެކިބަސްވަޒަން ކުރުމަކީ ޙަޤީޤަތުގައި ވެސް ބޮޑު މައްސަލައެކެވެ. އަދި މިފަދަ މައްސަލަތަކުގައި ކުއްޖާގެ ދިފާޢުގައި ކޯޓަށް ހާޒިރުވާ ދައުލަތުގެ މުވައްޒަފުންނާއި، މިފަދަ މައްސަލަތައް ބައްލަވާ ފަނޑިޔާރުންނަށް ކުޑަކުދިންގެ މިފަދަ މައްސަލަތުގައި ކޮންމެހެން ބޭނުންވާ ފަންނީ ތަމްރީންނުތައް ލިބިފައި ނެތް ނަމަ، އެއީ ވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ
މަތީގައި މުޅިންވެސް މި ދެއްކުނީ ޤާނޫނީ ވާހަކައެވެ. އަދި ފަންނީ ވާހަކައެވެ. މި މައްސަލައިގައި މިއަށްވުރެ ކަންބޮޑުވާންޖެހޭ މައްސަލައަކީ މި މައްސަލައިގައި ފަނޑިޔާރުކުރައްވައިފައިހުރި ސުވާލުތަކުން ހާމަކަން ބޮޑުގޮތެއްގައި ފެންނަ އިޖުތިމާޢީ މައްސަލަތަކެވެ. އަދި އިޖުތިމާޢީ ވިސްނުންތަކެވެ.
މި މައްސަލައިގައި މިފަދައިން ކަން ކުރެވުމުން، އިންސާފު ނުލިބުމުގެ އިތުރުން ދިމާވާނޭ އެއަށްވުރެ ބޮޑު މައްސަލައެއްކަމަށް ގަބޫލުކުރެވެނީ އަނިޔާލިބޭ ކުދިންނާއި މީހުން ރިޕޯޓުކުރުމަށާއި އިންސާފު ހޯދުމަށް ފަސްޖެހުމެވެ. އެންމެ މިސާލެއް ދަންނަވާނަމަ، 2017 ގައި ސަރުކާރުން ހާމަކުރެއްވި ރިޕޯޓެއްގައި، ޖިންސީ ކުށުގެ މައްސަލަ އެކަށިގެންވާ މިންވަރަށް
ރިޕޯޓުކުރެވިފައިނުވާކަމާއި، ޢާއިލާތަކުން ވެސް މައްސަލަ ރިޕޯޓުކުރަން ބޭނުންނުވާކަމާއި، އަދި ރިޕޯޓުކުރެވޭ މަދު މައްސަލަތަކުގެ ތެރެއިން ވެސް ޙުކުމްކުރެވެނީ ވަރަށް މަދު މައްސަލަތަކަކަށްކަން ފާހަގަކުރައްވާފައިވެއެވެ. މިގޮތުން، 2015 އާއި 2016 ގައި ދަޢުވާކުރެވުނު 345 މައްސަލައިގެ ތެރެއިން ކުށް ސާބިތުވެފައިވަނީ 9 މައްސަލައިގައި ކަމުގައިކަން އެ ރިޕޯޓުގައި ފާހަގަކުރައްވާފައިވެއެވެ.
މިދެންނެވީ ރާއްޖޭގެ މިއަދުގެ ހާލަތެވެ. އަދި ޤާނޫނީ ދާއިރާގައްޔާއި ޢަދުލު އިންޞާފުގެ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން، މިކަމުގެ ސަބަބަކީ އިންސާފު ނުލިބުމާއި އަދި މުޖުތަމަޢުގައި މުޅިމީހާގެ ނަން ޚަރާބުކުރުންކަމުގައި އަޅުގަނޑު ގަބޫލުކުރާ ކަމުގައި ދަންނަވަމެވެ.
ނޫހުގައި ފަނޑިޔާރު ކުރައްވާފައިވާ ސުވާލުތައް ކަމުގައި ރިޕޯޓުކޮށްފައިވާ ސުވާލުތައް ކިޔާލުމުން އަޅުގަނޑުގެ ހަނދާނަށް އައީ، ބައެއްފަހަރު ސޯޝަލް މީޑިޔާއިން ފެންނަ "އެހެންވާނީ ރޭގަނޑު ބޭރުގައި އުޅެންޏާ!" "އެހެންވާނީ ތިޔަކަހަލަ ނިވައިކަން ކުޑަ ހެދުން ލައިގެން އުޅެންޏާ!" ފަދަ ސުވާލުތަކާއި ކޮމެންޓްތަކެވެ! އިޖުތިމާޢީ ނަޒަރަކުން ވިސްނާއިރު މިއީ ފަނޑިޔާރަކު ނުވަތަ އަމިއްލަ މީހަކު ކުރިނަމަވެސް ކަންބޮޑުވާންޖެހޭ ސުވާލުތަކެކެވެ. އަދި ވިސްނުންތަކެކެވެ. އަދި ޤާނޫނީ ނަޒަރަކުން ވިސްނާއިރު، މިއީ ޢަދުލުއިންޞާފު ޤާއިމުކުރާ މުވައްޒަފެއްގައި ހުރުން ގަބޫލުކުރަން ފަސޭހަ ވިސްނުންތަކެއްނޫނެވެ. އޭގެ ތެރެއިން އެންމެ ބޮޑު ސަބަބަކީ، މިއީ Perpetrator ނުވަތަ އަނިޔާވެރިޔާ ދިފާޢުކުރާ ވިސްނުމަކަށްވާކަމެވެ.
އެހެންނަމަވެސް މިއީ މިއަދުގެ ދިވެހި މުޖްތަމަޢުގެ ބައެއް މީހުންގެ ވިސްނުންތަކެވެ. މިފަދައިން ސުވާލު އުފައްދަވާ ފަރާތްތަކަށް އަޅުގަނޑުގެ ސުވާލުތަކެއް ކުރިމަތިކޮށްލާނަމެވެ.
ކޮންމެ ގޮތަކަށް ހުއްޓަސް އަދި ކޮންމެ ހެދުމެއް އެޅިޔަސް އަދި ކޮންމެ ގަޑިއަކަސް އަންހެނެއްގެ ހަށިގަނޑު އޭނާގެ ނުރުހުމުގައި ބޭނުންކުރުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެންވޭތޯއެވެ؟ ނުވަތަ ކުޑަކުއްޖެއްގެ ގައިގައި ޖިންސީ އެދުމުގައި އަތްލުމުގެ ޙައްޤު ލިބިގެންވޭތޯއެވެ؟
ވިސްނައިލައްވާށެވެ! ރޭޕް ނުވަތަ ކުޑައިރު ލިބޭ ޖިންސީ އަނިޔާއަކީ ކޮންކަހަލަ ޓްރޯމާއެއްކަން އެނގިވަޑައިގަންނަވާތޯއެވެ؟ ނޫނީ އިޙްސާސްކުރެއްވޭތޯއެވެ؟ އެއީ އުމުރުދުވަހުގެ ޒަޚަމްތަކެކެވެ. ދިރިހުއްޓާ ފުރާނަ ޖަހައިގަނެގެން ދިޔުންކަހަލަ ކަމެކެވެ. އަންހެނަކު ނުވަތަ ފިރިހެނަކުވިޔަސް ރޭޕްގެ ނުވަތަ ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެއްޖެ ނަމަ، މުޅި އުމުރުދުވަހުންވެސް ފަރުވާއެއް ނުލިބެއެވެ. ދަސްކުރަންޖެހެނީ، ލޭލާލައި ހުންނަ އަނިޔާގެ ލަކުނުތަކާއެކު ދިރިއުޅުމަށެވެ. އަދި އަމިއްލަ ނަސްފުގެ އިތުބާރެއްނެތި ޙަޔާތެއް ބައްޓަން ކުރުމަށެވެ. އަނިޔާވެރިޔާ ލޮލުކޮޅުން ފެނުނަސް އެ އަނިޔާގެ ހުވަފެންތަކާއި ހަނދާންތަކުން ވަކިއަޅާ ހާލުގައި ސިހިސިހި ހުންނައިރު ވެސް ދިރިއުޅުމައިގެން ކުރިޔަށް ދިޔުމަށެވެ. އެފަދަ މީހުންގެ ޙަޔާތަކީ ބުރައެކެވެ. އަޅުގަނޑުމެންނަކަށް އެކަން އިޙްސާސެއް ނުކުރެވޭނެއެވެ.
އަދިވެސް އަޅުގަނޑުގެ ސުވާލުތަކައިގެން ކުރިޔަށް ދާނަމެވެ. އުމުރުން އެންމެ އަހަރެއް ނުފުރޭ ނުވަތަ 3 އަހަރުގެ ނުވަތަ 4 އަހަރުގެ ކުޑަކުދިންނާ ޖިންސީގޮތުން ބެހި، އެ ކުދިންގެ މުޅި ފުރާނަ ދިރިހުއްޓައި ކާލަނީ އެ ކުދިންގެ ކޮން ދަންވަރަކު ބޭރުގައި އުޅޭތީތޯއެވެ؟ ކޮން ޒާތަކަށް ހެދުން އަޅާތީތޯއެވެ. އެ ކުދިންގެ ހަށިގަނޑުން ކޮންތަނެއް އެ ފަދަ މީހުންނަށް ހަނާއަޅާތީތޯއެވެ؟ އަދިވެސް ވިސްނައިލައްވާށެވެ. ކުޑަކުޑަ ކުއްޖަކަށް ބޮޑުސިންގާ ފިރިހެނަކު ކުރާ ޖިންސީ އަނިޔާއިން އެ ކުދިންނަށް ތަންދޮރުނޭނގުނަސް، ޖިސްމާނީ ކިހާ ބޮޑެތި ގެއްލުތަކެއްވާނޭ ތޯއެވެ؟ އެ ކުދިންގެ ޞިއްޙަތު ސަލާމަތުން ހެދިބޮޑުވާނީ ކިހިނެއްތޯއެވެ؟ އެހެން ކުދިންހެން އާދައިގެ ދިރިއުޅުމެއް ލިބޭނީ ކިހިނެއްތޯއެވެ؟ އަންހެން ކުއްޖެއް ނަމަ ދަރިމައިވުމުގެ ޞިއްޙަތު ސަލާމަތުން ހެދިބޮޑުވުމުގެ ފުރުޞަތު އެފަދަ ކުއްޖަކަށް ލިބޭނެތޯއެވެ؟
އަދިވެސް އަޅުގަނޑުގެ ބައެއް ސުވާލެވެ.
އަމިއްލަ ދަރިފުޅު ނުވަތަ ދޮންދަރިފުޅުގެ ކަރާމާތް ނަގާލައި، އެތަކެއް އަހަރުވަންދެން ކޮންމެ ރެއަކު އަދި ކޮންމެ ދުވަހަކު އެ ކުދިން ތިޔަބައިމީހުންގެ ޖިންސީ ޝިކާރައަކަށް ހަދަނީ ބަފައެއްގެ ހައިސިއްޔަތުން ހިތުގައި ހަމަ އެއްވެސް ވިންދެއް ނުހަޖާތީތޯއެވެ؟ އަދި އެފަދަ މީހުންނާ މައިން އެއްބައިވެ އެހީތެރިވަނީ މައިވަންތަކަމުގެ ލޯތްބަކީ ދުނިޔޭގައި ﷲ ލެއްވި އެންމެ ޠާހިރު ލޯބިކަމުގައިވާއިރުގައި ވެސް، އެއީ މައިންނަށް ނުވާތޯތީއެވެ؟ އެ ކުދިންގެ ރުއިމާއި ގިސްލުމުގެ އަސަރެއް އެއިގެން ހިތަކަށް ހަމަނުކުރާތީ ތޯއެވެ؟ ޖަވާބެއް ދެވޭނެ ހެއްޔެވެ؟ ދޭން ކެރޭނެ ހެއްޔެވެ؟
އެ ކުދިން އެ ކުދިންގެ ބައްޕައިންނަށް ނުވަތަ ދޮންބައްޕައިންނަށް ބަލިވެއިނދެ ވިހާއިރު، އަނިޔާދިންމީހާއާއި އަނިޔާވެރިވާން އެހީތެރިވެދޭ މީހުންނަށް ރޭގަނޑު ހަމަޖެހިގެން ނިދައިލެވޭ ހެއްޔެވެ؟ ނޫނީ ހެއްދެވި ފަރާތަށް ހަމަ އެންމެ ސަޖިދައެއް ކުރާނަމަވެސް، ހިތުގައި ހަމަ ބިރުވެރިކަމެއް ވެސް ނެތީހެއްޔެވެ؟
ހަމަ އަނެއްކާ ވެސް އަޅުގަނޑުގެ ސުވާލެކެވެ. މި ހުރިހާ ކަމަކާއެކު ޝަރީޢަތުން ވެސް އިންސާފެއް ހޯދައިދެވިދާނެ ހެއްޔެވެ؟ އަދި އަނިޔާވެރިޔާއަށް ޙުކުމްކުރެވުމުން އަނިޔާ ލިބުނު މީހާއަށް އިންސާފު ލިބިދެވޭހެއްޔެވެ؟ ގެއްލުނު ޙަޔާތާއި ނަފްސު އަނބުރޯ ލިބިދެވޭހެއްޔެވެ؟
ހަމަ އެޔާއެކު އަޅުގަނޑުގެ އެންމެ ފަހު ސުވާލެވެ!
ވާނުވާއެއްނޭނގޭ އަހަރު ދެ އަހަރުގެ ތުއްތުކުދިންނާއި، އަމިއްލަ ދަރިންނާއި، ބޮޑުބޭބެދަރިންނާއި ދޮންދަރިން ހިމެނޭހެން އަންހެން ދަރިންނާއި ފިރިހެން ކުޑަކުދިންނާއި، އަދި ރޮއި އާދޭސްކޮށްކޮށް އޮތް ޅަ އަންހެންކުއްޖެއްގެ ނުވަތަ އަންހެނެއްގެ ހަށިގަނޑުގެ ބޭނުން ގަދަބާރުންކޮށް، އަރާމެއް ލިބެނީ ނުވަތަ ހޯދައިގަނެވެނީ ތިޔައީ އިންސާނުން ހެއްޔެވެ؟ ނޫނީ އިންސާނިއްޔަތުކަމުގެ ހަމަ އެއްވެސް ކަންފުޅެއް ނެތީހެއްޔެވެ؟
އަޅުގަނޑުގެ ޖަވާބު ވަރަށް ސާދާވެފައި ކުރެވެ. ތިޔައީ ވަކި ކަހަލަ ހެދުމެއް ލާތީވާ ގޮތެއް ނޫނެވެ. ނޫނީ ދައްކައިގެން ހުރީތީ ވާ ގޮތެއް ސް ނޫނެވެ. އެއާ ޚިލާފަށް އިންސާނިއްޔަތުކަމުގެ ކަންފުޅެއް ވެސް ހަމަ ނެތީމާ ވާ ގޮތެވެ.
މިއަދުގެ މި ދިވެހި މުޖްތަމަޢުގެ އަނދިރިފަރާތުގެ ޙަޤީޤަތަކީ މިއީއެވެ. މިއީ އަނިޔާވެރިކަން ބޮޑު، އަނިޔާވެރިން ގިނަ މުޖްތަމަޢެކެވެ. ޖެހިގެން މަގުމަތިންދަނީވެސް ޖިންސީ އަނިޔާވެރިއެއްނޫން ކަމެއް ނޭނގޭނެހާ މިއީ ޢާންމުކަމެކެވެ. ގިނަ ކަންތައްތަކެއް ބަދަލުވާން ޖެހެއެވެ. އޭގެ ތެރޭގައި ޖިންސީ އަނިޔާގެ މައްސަލަތަކުގައި އިންސާފު ލިބުމެވެ. އަދި މުޖްތަމަޢިން ލިބިދޭން ޖެހޭ ރައްކާތެރިކަމެވެ. އަދިވެސް ކިތަންމެ ކަމެކެވެ. އަޅުގަނޑުގެ މި އާޓިކަލް ނިންމާލާނީ އަޅުގަނޑުގެ ވަރަށް ލޯބިވާ މީހަކު ބުނެދީފައިވާ ވާހަކައެއް ތިޔަ އެންމެ ބޭފުޅުންނަށް ވެދުން ކުރަމުންނެވެ.
It is an extremely cruel world out there.
Please be extra careful in every step you take.
ކޮއިފުޅާއެވެ! މިއީ އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ދުނިޔެއެކެވެ. އަޅާކޮންމެ ފިޔަވަޅެއްގައިވެސް އިންތިހާއަށް ފަރުވާތެރިވާށެވެ!