ހަމްދޫން ހަމީދުގެ އިލްތިމާސް | ސިޔާސީ ވާދަވެރިކަމުގައި ގައުމީ ތަރައްގީ ހިސޯރުވިޔަނުދީ

"ސިޔާސީ ފިކުރެއް ނުވަތަ ސިޔާސީ ވާދަވެރިކަމެއްގެ ތެރޭގައި ގައުމީ ތަރައްގީ ހިސޯރުވިޔަދީގެން ނުވާނެ،"

ކުރީގެ ޕްލޭނިން މިނިސްޓަރު ހަމްދޫން ހަމީދު، ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ގައުމީ ތަރައްގީ ސިޔާސީ ވާދަވެރިކަމުގައި ހިސޯރުވިޔަ ނުދިނުމަށް ކުރީގެ ޕްލޭނިން މިނިސްޓަރު ހަމްދޫން ހަމީދު އިލްތިމާސް ކުރައްވައިފި އެވެ.

ވިހި އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. ގައުމީ ތަރައްގީގެ ވުޒާރާއެއް އެންމެ ފުރަތަމަ ގާއިމުކުރެވިގެންދިޔައީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1979 ގައިކަން ފާހަގަކުރައްވައި ގައުމީ ތަރައްގީގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރެއްވީތީ ރައީސް މައުމޫނަށް ހަމްދޫން ޝުކުރު އަދާކުރެއްވި އެވެ. 

ހަމްދޫނަކީ ރަައީސް މައުމޫނުގެ ވެރިކަމުގެ އެންމެ ފަހު ދައުރުގައި ޕްލޭނިން މިނިސްޓަރެވެ. އަދި ރައީސް މައުމޫނުގެ ވެރިކަމުގައި އެކުލަވައިލެވުނު ގައުމީ ތަރައްގީގެ ދުރު ރާސްތާ ޕްރޮގުރާމުތައް އެކުލަވައިލުމުގައި ހަމްދޫނަކީ މުހިއްމު ދައުރެއް އަދާކުރައްވާފައިވާ ހިދުމަތްތެރިއެކެވެ. 

ހަމްދޫންވަނީ އެއިރު ގައުމީ ތަރައްގީގެ ވުޒާރާ ނުވަތަ ޕްލޭނިން މިނިސްޓްރީން ކޮށްފައިވާ ބައެއް މަސައްކަތްތަކަށް އަލިއަޅުވައިލައްވާފަ އެވެ. އެގޮތުން އެއިރު ތިން އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނުތަކާއި ފަސް އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭންތައް ތައްޔާރުކުރެވުނުކަން ފާހަގަކުރެއްވި އެވެ. 

3 އަހަރުގެ ހަތަރު މަޝްރޫއަކާއި 4 އަހަރުގެ އެއް މަޝްރޫއާއި، 2020 ގެ ތަސައްވުރެއް އެކުލަވައިލެވިގެން މަސައްކަތްކުރެވުނު ނަމަވެސް ފަހުން އެ މަސައްކަތް ނުކުރެވި ހުއްޓިގެންދިޔަކަން ހަމްދޫނު ފާހަގަކުރެއްވި އެވެ. ހަމްދޫނު ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި ގައުމީ ތަރައްގީއާ ގުޅިގެން ކުރެވިފައި ހުރި މަސައްކަތްތައް ފެންނާނެހެން ހުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން ކުރީގެ ސަރުކާރުތަކުން އެކުލަވައިލާފައިވާ ތަރައްގީގެ ޕްލޭނުތަކާއި ކޮށްފައިވާ މަސައްކަތްތައް ކޮންމެވެސް ވުޒާރާއަކުން ޝާއިއުކޮށްފައި ބަހައްޓަން އޭނާ ލަފާދެއްވި އެވެ. 

އިތުރަށް ހަމްދޫން ފާހަގަކުރެއްވީ ދެމެހެއްޓެނެވި ތަރައްގީ ހާސިލުކުރުމަށްޓަކައި ކޮންމެ ޕާޓީއެއް ވެރިކަމުގައި އޮތް އަދި މަޖިލީހުގެ އަޣުލަބިއްޔަތު ކޮންމެ ޕާޓީއަކަށް ލިބުނު ނަމަވެސް ތަރައްގީގެ މަސައްކަތްތަކުގައި ހިފަހައްޓަންޖެހޭ މައިގަނޑު އުސޫލުތަކާއި ހަމަތައް ލިޔެވިފައި އޮތުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. 

ތަރައްގީގެ މަސައްކަތްތަކުގައި ގައުމިއްޔަތުގެ ބަހާތަކަށާއި އިސްތިގުލާލާއި މިނިވަންކަމަށް އިސްކަންދިނުމާއެކު ހުރިހާ މަސައްކަތްތަކެއްގައި އަދި ހުރިހާ މަރުހަލާއެއްގައި އަންހެނުންގެ ބައިވެރިވުން އޮތުމަކީ މުހިއްމު ކަމެއް ކަމަށާއި، އަންހެނުންނަކީ މަސައްކަތްކުރާ މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބައި ކަމަށާއި، އިގުތިސާދީ ގޮތުންވެސް އަންހެނުންގެ ބައިވެރިވުން އޮތުމަކީ މުހިއްމު ކަމެއް ކަމުގައި ހަމްދޫން ވިދާޅުވި އެވެ. 

އިތުރަށް އޭނާ ވިދާޅުވީ ގުދުރަތީ ހާލަތު ހުރި ގޮތުން ތިމާވެށީގެ ހާލަތަށާއި މޫސުމީ ބަދަލުތަކަށް ތަރައްގީގެ ޕްލޭނުގައި ރިއާޔަތްކުރަންޖެހޭ ކަމަށެވެ. އަދި އާބާދީ ބެހިފައިވާ ގޮތާއި، އާބާދީގެ ގިންތިތަކާއި އުމުރުފުރާތަކަށް އަންނަ ބަދަލުތަކަށްވެސް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ހަމްދޫނު ފާހަގކުރެއްވި ގޮތުގައި އުމްރާނީ ތަރައްގީއަކީ ސަރަހައްދީ ތަރައްގީއަށް މުހިއްމު ވަސީލަތަކަށްވާއިރު އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހަމައެކަނި މާލެ ސަރަހައްދުގައި ހިންގުމުގެ ބަދަލުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުން މުހިއްމެވެ. އަދި ތަރައްގީއާއި އާބާދީ އެއްފަސްކުރުމުގެ ސިޔާސަތަކީ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ. 

"ސިޔާސީ ފިކުރެއް ނުވަތަ ސިޔާސީ ވާދަވެރިކަމެއްގެ ތެރޭގައި ގައުމީ ތަރައްގީ ހިސޯރުވިޔަދީގެން ނުވާނެ،" ވާހަކަފުޅު ނިންމަވައިލައްވަމުން ހަމްދޫން ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.