އެ މުއްދަތުގެ ފަހުން ޑޮމެއިންގެ ސައްހަ ލިޔުންކަމުގައި ބަލާނީ އަލަށް ތައާރަފްކުރާ ޑޮމެއިން ރަޖިސްޓްރީއާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސެކިއުރިޓި ފީޗާސްތަކާއެކު، ޑޮމެއިން ރަޖިސްޓްރީ ސެޓްފިކެޓާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދައަށް ބަދަލުކުރުމަށް މިމަހުގެ 17 ވަނަ ދުވަހު ހުޅުވައިލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ މިހާތަނަށް ޑޮމެއިންގެ ރަޖިސްޓްރީ ބަލަަހައްޓަމުން އައި ގޮތާއި، ނުކުމެފައިވާ މައްސަލަތައް ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވާފަ އެވެ. މި މައްސަލައަށް ހައްލެއް ގެނައުމަށް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ނިޒާމު ހަރުދަނާކޮށް މައްސަލަ ހައްލުކުރަން ކަންތައްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން؛
އާ ސެކިއުރިޓީ ފީޗާސްއާއެކު ފަރުމާކުރެވިފައިވާ ޑޮމެއިންގެ ރަޖިސްޓްރީ އަދި ބޭނުން ކުރުމުގެ ހުއްދައަށް ބަދަލުކޮށް ތައާރަފްކުރާއިރު މިހާރު ދޫކޮށްފައިވާ ޑޮމެއިންތަކުގެ ސައްހަކަން ކަށަވަރުކުރަން، މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 60 ދުވަހަށް ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި 60 ދުވަސްތަކުގެ ތެރޭގައި ޑޮމެއިންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު އާ ލިޔެކިޔުންތައް ހަވާލުކުރާނެ ކަމަށާއި، އެ މުއްދަތުގެ ފަހުން ޑޮމެއިންގެ ސައްހަ ލިޔުންކަމުގައި ބަލާނީ އަލަށް ތައާރަފްކުރާ ޑޮމެއިން ރަޖިސްޓްރީއާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބޮއްސުންލާފައިވާ ޑޮމެއިންގެ ހިދުމަތް ކުރީ ސަރުކާރުން ވަނީ ހުއްޓާލާފަ އެވެ. މިނިސްޓަރު ވިދާޅުވީ ހުއްޓާލަން އޭރު ރައީސް އޮފީހުން މިނިސްޓްރީއަށް އަންގަން ޖެހުނު ސަބަބަކީ ރެކޯޑުތައް ބެލެހެއްޓެމުން ނުދާތީ ކަމަށެވެ. އެގޮތުން، 1984 ވަނަ އަހަރު ޑޮމެއިންގެ ހިދުމަތް ތައާރަފް ކުރީއްސުރެ މިދިޔަ ސަރުކާރު ނިމެންދެން ރެކޯޑުތައް ބަލަހައްޓާފައި ހުރީ އަތުލިޔުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޑޮމެއިންގެ ހިދުމަތް ހުއްޓާލަން ރަސްމީ ސިފައެއްގަ ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގަވާފަ އޮތް ކަމުގަ ވިޔަސް އޭގެ ފަހުން ވެސް އެތައް ކަންތައްތަކެއް ހިނގާފަ ހުރުމަކީ އެއީ އެކަށީގެންވާ ކަމެއް، އިތުރު ޑޮމެއިންތަކެއް ނުކުތުމަކީ ވެސް އެކަށީގެންވާ ކަމެއް، ދަންނަވާކަށް ނޭންގެ. އެއީ ރެކޯޑްސްއިންނާ ސިސްޓަމުން މިކަހަލަ އެއްވެސް ކަމެއް ކަށަވަރު ކުރެވޭ ހާލަތެއްގައެއް ނޫން އަޅުގަނޑުމެންގެ ސަރުކާރާ ހަވާލުވިއިރު ޓްރާންސްޕޯޓް މިނިސްޓްރީން އެކަން ކޮށްފަ އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އާ އުސޫލު މިމަހު ގެޒެޓް ކުރާނެ ކަމަށެވެ. މީގެ ކުރިން ޑޮމެއިން ހުއްދަ ދީފައިވާ ލިޔުންތަކުގައި އެއްވެސް ސެކިއުރިޓީ ފީޗާއެއް ނެތް ނަމަވެސް، ދެން އެ ހިދުމަތް ދޭނީ ވަރަށް ހަރުދަނާކޮށް ކަމަށް ވިދާޅުވި އެވެ. އެކަމަށް ހާއްސަ ޑެސްކެއް ވެސް މިނިސްޓްރީގައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.