އޭސީޕީ ވިދާޅުވި ގޮތުގައި ބަހެއްގެ ތެރޭގައި ހިނގި ހާދިސާގައި ވޭޕް ދަމާލުމުން ކުއްޖާ ވެއްޓުނީ އެވެ. ފުލުހުން ބެލި ބެލުމުން ވޭޕްގައި މަަސްތުވާތަކެތި ހުރިކަން ވަނީ އެނގިފަ އެވެ.
މަސްތުވާތަކެތި އަޅާފައިވާ ވޭޕެއް ހުޅުމާލެ އަށް ދިޔަ ބަހެއްގެ ތެރޭގައި ބުއި ކުއްޖަކު ވެއްޓުނު މައްސަލައެއްގެ މައުލޫމާތު ހާމަކޮށްފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެންނަން ފެންނަ ބަދަލުތަކާއި ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާގައި ރައްޔިތުން މަޖިލީހުގެ އިޖުތިމާއި ކޮމެޓީގައި ވާހަކަ ދައްކަވަމުން ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) އަހުމަދު ދާއޫދު ވިދާޅުވީ ސްކޫލް ކުދިންގެ މެދުގައި ވޭޕްގެ މައްސަލަ ވަރަށް ބޮޑުކަން އެނގިފައިވާތާ ގިނަ ދުވަސް ތަކެއް ވަނީ ވެފަ އެވެ. އެ ޝަކުވާ ބެލެނިވެރިންގެ ފަރާތުން ކެނޑިނޭޅި ލިބެމުން ދިޔަ ކަމަށާ އެކަމުގެ ނުތަނަވަސްކަން ވެސް އިންތިހާ އަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ވޭޕުގެ ސަބަބުން ސްކޫލް ކުދިންނަށް ކުރިމަތިވަމުންދާ ނުރައްކާތަކުގެ އެއް ހާދިސާއެއްގެ ގޮތުގައި ދާއޫދު ވިދާޅުވެއްދެއްވީ މީގެ ދެ މަސް ކުރިން ސްކޫލް ކުއްޖަކަށް ކުރިމަތިވި ހާދިސާ އެކެވެ.
ހުޅުމެލެ އަށް ދިޔަ ބަހެއްގެ ތެރޭގައި ހުރި ކުއްޖަކަށް އެ ބަހުގައި އިން އެހެން ކުއްޖަކު ދިން ވޭޕެއް ބޮއެލުމާއެކު އެ ކުއްޖާ ބަހުގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ވިދާޅުވި އެވެ.
"ކުއްޖަކު ބަހުގަ ދަތުރު ކުރިއިރު ވޭޕް ކުރާކަން އެނގޭތީ އެހެން ކުއްޖަކު މި ދިއްކޮއްލަނީ. ދިއްކޮށްލީމަ އެ ދަމާލައިފި. ބޯލި ހިސާބުން އެ ކުއްޖާ ވެއްޓުނީ ބަސް ތެރެ އަށް. [ފުލުހުން] ބެލިއިރު މިއީ މަސްތުވާތަކެތި އަޅައިގެން ތައްޔާރުކޮށްފައި އޮތް ވޭޕެއްކަން އެނގުނީ. އެހެންވީމަ މި ދަންނަވާހެން މިއީ ފެންނަ ކަންކަން،" ދާއޫދު ވިދާޅުވި އެވެ.
ކޮމެޓީގައި އޭސީޕީ ދާއޫދު ވިދާޅުވި ގޮތުގައި މިހާރު ދުންފަތް ކޮންޓްރޯލް ކުރުމުގައި ގާނޫނީ ފިޔަވަޅު އަޅަން މަސައްކަތް ކުރާއިރު ހަދާ ގާނޫނަކީ ފުލުހުންނަށް ތަންފީޒު ކުރެވޭނެ އެއްޗެއްގެ ގޮތުގައި އޮތުމުގެ މުހިންމުކަން ބޮޑެވެ. ގާނޫނެއް ހަދާއިރު އެ ތަންފީޒު ކުރުމުގެ ފުރިހަމަ ބާރާއެކު އެއަށް ތަބާނުވެއްޖެނަމަ ދެން ވާނެ ގޮތެއް ވެސް އޮންނަ ޖެހޭކަން ދާއޫދު ފާހަގަ ކުރެއްވި އެވެ.
"ގާނޫނެއް ތަންފީޒު ކުރަން ބަލާއިރު ގާނޫނު ނަގަހައްޓާނެ ވަރުގެ ދަށް ގާނޫނުގައި ނެތް ކަމަށްވާނަމަ ތަންފީޒު ކުރަން ތިބޭ ބަޔަކަށް މައްސަލަތަކެއް ވެސް އޮވޭ. ކުރިން ވެސް ޖޫރިމަނާ ކުރިން. ޕޮލިސްގެ ފަރާތުން ޖުރީމަނާ ކުރެވޭނެ. ޖޫރިމަނާ ކުރެވޭއިރު ފިޔަވަޅު އެޅޭނެ ގޮތެއް ވެސް އޮންނަން ޖެހޭ،" ދާއޫދު ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ރާއްޖޭގައި ވޭޕް ވިއްކުމާއި އެ މަނާކުރަން ނިންމާފަ އެވެ. ނަމަވެސް މި ވިޔަފާރީގައި ގިނަ އަދަދެއްގެ ބަޔަކު އުޅޭތީ އެ މީހުންނަށް ލިބޭ ގެއްލުމުގެ ވާހަކަ ސަރުކާރުން ނުދައްކާތީ އެމްޑީޕީން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ.
ކަސްޓަމްސްގެ ހިސާބުތައް ދައްކާ ގޮތުގައި 2022 ވަނަ އަހަރު ރާއްޖެ އަށް ވޭޕިން ޑިވައިޒް އެތެރެ ކުރަން 16 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެ އަހަރު 220،781 ވޭޕިން ޑިވައިސް ރާއްޖެ އެތެރެކޮށްފައިވެ އެވެ. އެކަމަކު މި ތަކެތީގެ ޑިއުޓީގެ ގޮތުގައި ދައްކާފައިވަނީ 3.8 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ 2023 ވަނަ އަހަރު ވޭޕު ކުރަން ބޭނުން ކުރާ 140.645 ޑިވައިސް ރާއްޖެ އެތެރެކޮށްފައިވެ އެވެ. މި ތަކެތި އެތެރެ ކުރަން 12 މިލިއަން ހަރަދުކޮށްފައިވެ އެވެ. އަދި ޑިއުޓީގެ ގޮތުގައި ދައްކާފައިވަނީ 2.8 މިލިއަން ރުފިޔާ އެވެ.