ސަބްސިޑީތަކަށް ކުރާ ހަރަދުތައް ވަރަށް ބޮޑަށް މަދުކުރިއިރު، އަމިއްލަ ފަރާތްތަކަށް އެހީގެ ގޮތުގައި ފައިސާ ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ފައިސާގެ އަދަދުވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ސަބްސިޑީތަކަށް ކުރާ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރުމާއެކު ދައުލަތުން އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދު އިތުރުކޮށްފި އެވެ.
ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ އެކި ހިދުމަތްތަކާއި މުދަލުގެ އަގުތައް ހެޔޮކުރުމަށް ސަރުކާރުން ކޮންމެ އަހަރަކުވެސް ސަބްސިޑީގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއް ހަރަދުކުރެ އެވެ. މައިގަނޑު ގޮތެއްގައި ސަބްސިޑީ ދެނީ ހަތަރު ދާއިރާއަކުންނެވެ. ސަބްސިޑީތައް ދެމުން އަންނަނީ ހިދުމަތާއި މުދާ ފޯރުކޮށްދޭ ކުންފުނިތަކަށެވެ.
އަންނަ އަހަރުން ފެށިގެން ކުންފުނިތަކަށް ސަބްސިޑީގެ ގޮތުގައި ފައިސާ ދިނުމުގެ ބަދަލުގައި މުހިއްމު ބައެއް ސަބްސިޑީތައް ސީދާ އެންމެ ބޮޑަށް ހިދުމަތާއި މުދާ ހެޔޮ އަގުގައި ލިބުން މުހިއްމުވާ މީހުންނަށް ފައިސާ ދޭން ފެށުމަށް ބަޖެޓުކޮށްފައިވެ އެވެ. މި ބަދަލަކީ މި އަހަރަށް ލަފާކޮށް ކުރީ ސަރުކާރުން ނިމުނު އަހަރު ހުށަހެޅި ބަޖެޓުގައިވެސް ހިމެނި ބަދަލުތަކެކެވެ.
ނަމަވެސް އެ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނުކުރެވުމުގެ ސަބަބުން އެ ބަދަލުތައް ބަޖެޓުގައި ހިމަނާފައި އޮތް ގޮތަށް މި އަހަރުގެ މެދު ތެރޭގައި ތަންފީޒުކުރަން ފެށިފައިނުވެ އެވެ. ނަމަވެސް އަންނަ އަހަރު އެ ބަދަލުތައް ތަންފީޒުކުރަން ބޭނުންވާ ފަންނީ މަސައްކަތްތައް ސަރުކާރުންވަނީ ނިންމާފަ އެވެ.
ސަރުކާރުން ގެންނަ ބަދަލާއެކު އަންނަ އަހަރު ސަބްސިޑީތަކަށް ހަރަދުކުރަން ކަނޑައަޅާފައިވާ ފައިސާގެ އަދަދުތައް ވަރަށް ބޮޑަށްވަނީ މަދުކުރެވިފަ އެވެ.
އެގޮތުން އެންމެ ބޮޑު ހަރަދެއް ހިނގާ ތެލުގެ ސަބްސިޑީއަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ. 2023 ވަނަ އަހަރު 1.9 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ހޭދަވި އެވެ. އަދި މި އަހަރުގެ ނިޔަލަށް 2.2 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވެ އެވެ.
ކާބޯތަކެތީގެ އަގުހެޔޮކުރަން ނިމުނު އަހަރު 311.6 މިލިއަން ރުފިޔާ ހަރަދުވިއިރު މި އަހަރު 352.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމުގައި އަންދާޒާކުރެވެ އެވެ. އަންނަ އަހަރު ގެންނަ ބަދަލާއެކު ހަރަދުވާނެކަމަށް ލަފާކުރެވެނީ 93.1 މިލިއަން ރުފިޔާ އެވެ.
ކަރަންޓު އަގުހެޔޮކުރަން ނިމުނު އަހަރު 1.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މި އަހަރު 794.9 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވެ އެވެ. އަންނަ އަހަރު އެ އަދަދު 379.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމުގައި ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.
އޭގެ އިތުރަށް މަސްވެރިންނަށް ދޭ ސަބްސިޑީއަށް އަންނަ އަހަރު ހަރަދުކުރާނީ 210 މިލިއަން ރުފިޔާ އެވެ. ނިމުނު އަހަރު 316.6 މިލިއަން ރުފިޔާ ހަރަދުކުރިއިރު މި އަހަރު 413.2 މިލިއަން ރުފިޔާ އެ ސަބްސިޑީއަށް ހަރަދުވާނެ ކަމުގައި ބެލެވެ އެވެ.
ސަބްސިޑީތަކަށް ކުރާ ހަރަދުތައް ވަރަށް ބޮޑަށް މަދުކުރިއިރު، އަމިއްލަ ފަރާތްތަކަށް އެހީގެ ގޮތުގައި ފައިސާ ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ފައިސާގެ އަދަދުވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. ނިމުނު އަހަރު 311.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މި އަހަރު 301.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމުގައި ލަފާކުރެވޭއިރު އަންނަ އަހަރަށް 1.2 ބިލިއަން ރުފިޔާވަނީ ބަޖެޓުގައި ހިމަނާފަ އެވެ.